މުއާސަލާތީ ކުންފުނި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރައްވާނެ ބޭފުޅަކު އިންތިހާބު ކުރަން ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ހިންގާ ގަވައިދުގައި ބުނާ ގޮތަށް ބޯޑުގައި ހިމެނިވަޑައިގަންނަވާ އިންޑެޕެންޑް ޑިރެކްޓަރަކީ ކުންފުނީގެ އާންމު ހިއްސާދާރުން އިންތިހާބުކުރާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ މަގާމަށް ނަން ހުށައަޅުއްވާއިރު ހިއްސާދާރުންގެ އަމިއްލަ ނަމާއި ނުވަތަ އެހެން ހިއްސާދާރެއްގެ ނަން ހުށަހެޅޭނެ ކަމަށެވެ.

މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކަށް ދިރާގުން ކަނޑައަޅާފައިވަނީ ޔުނިވާސިޓީ ޑިގްރީއެއް ހާސިލު ކުރައްވާފައިވުމާއި ސަރުކާރުގައި ނުވަތަ އެހެން ދާއިރާއެއްގައި 15 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިވަޑައިގެންފައި ވުމާއި ކުންފުންޏެއްގެ ބޯޑުގައި ޑިރެކްޓަރެއްގެ މަގާމްގައި މަސައްކަތް ކުރައްވާފައި ވުމާއި ވިޔަފާރިވެރިންގެ ގަދަރު ލިބިފައިވާ ގާބިލު ބޭފުޅަކަށް ވުމެވެ.

ދިރާގުން އެމަގާމަށް އެދި ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަންނަ މަހު 20 ވަނަ ދުވަހުގެ 4:00 ޖެހުމާ ހަމައަށެވެ.

ރައީސް ވަހީދުގެ ސަރުކާރުން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑު ފަހުން އެކުލަވައިލެއްވި އިރު ބޯޑުގެ ޗެއާމަނަކަށް ހަމަޖެއްސެވީ، މ. އާސްތާނާ، އިބްރާހީމް ޢާތިފު ޝަކޫރެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މ. ޖަވާހިރުވާދީ އިދުހާމް ޙުސައިނާއި، މ. ނާޒްލީ، މަންޒިލް އިލްޔާސް ފަރުހާދާއި، މއ. ޕެންޒީ، ޢާއިޝަތު ޝެރީނެވެ.