07 Dec 2023, 06:18
ބަތަލާ ދިޕިކާ ޕަދުކޯން އާއި އަމީތާބް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ހޮލީވުޑް ފިލްމު "ދި އިންޓާން"ގެ ހިންދީ ރިމޭކްގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމަކީ، 2021ވަނަ އަހަރު އިއުލާނުކުރެވުނު ފިލްމެކެވެ. އަމީތާބުގެ ބަދަލުގައި އެންމެ ފުރަތަމަ ފިލްމުން ފުރުސަތު ލިބުނީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރަށެވެ. ނަމަވެސް 2020 ވަނަ އަހަރު ލޭގެ ކެންސަރު ބަލީގައި ރިޝީ ކަޕޫރު މަރުވުމާ ގުޅިގެން ފިލްމަށް ދެން ގެނައި އެކްޓަރަކީ އަމީތާބް ބައްޗަނެވެ.
ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އޭން ހެތަވޭ އަދި ރޮބަޓް ޑި ނީރޯ ކުޅެފައިވާ ފިލްމު "ދި އިންޓާން"އަކީ ފެޝަން އެޖެންސީއެއްގައި މަސައްކަތްކުރާ ދެ މުވައްޒަފެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އެގޮތުން ފެޝަންގެ ދުނިޔެއާ ގުޅުވުނު ޒުވާނަކާއެކު މަސައްކަތް ކުރާ އުމުރުން ދުވަސްވީ ފަރާތަކާ ދެމެދު ހިނގާ ހިޔާލު ތަފާތުވުންތަކާ އެކު އަންނަ ޓުވިސްޓް ފިލްމުން ފެންނާނެއެވެ. ފިލްމު "ދި އިންޓާން"ގެ ރިމިކްސްއަކީ، ބަތަލާ ދިޕިކާ ޕަދުކޯންގެ އަމިއްލަ ފިލްމު ކުންފުނި ކާ (ކޭއޭ) ޕްރޮޑަކްޝަންސްއިން އުފައްދާ ދެވަނަ ފިލްމެވެ.

ދިޕިކާ ޕަދުކޯން އާއި އަމީތާބް ބައްޗަން ފިލްމު "ޕީކޫ"ގެ މަންޒަރެއްގައި --
ދިޕިކާގެ ފިލްމު ކުންފުނިން ގެނެސްދިން "ޗަޕަކް"އަށް ފަހު ބަތަލާ ދެން ބޭނުންވީ ހެއްވާ މަޖާ ހާދިސާތައް ހިމެނޭ ލުއި ކޮމެޑީ ޑްރާމާއެއް ކަމަށާއި މި ފިލްމުގެ މަސައްކަތް ފެށޭނެ ދުވަހަށް އިންތިޒާރު ކުރެވޭކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ދިޕިކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފެށޭ އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރާ ފިލްމު "ފައިޓާ"އިންނެވެ.