މި މަހުގެ އެއްވަނަ ދުވަހު ސިނަމާތަކަށް އައި ފިލްމު "އެނިމަލް"އަށް ލިބެމުން އަންނަ ކާމިޔާބީއާ އެކު ފިލްމުގެ މުހިއްމު ރޯލުން ފެނުނު ބަތަލާ ތްރިޕްތީ ދިމްރީގެ މަގުބޫލުކަން އިތުރުވެއްޖެއެވެ.

މި ފިލްމު ރިލީޒް ކުރުމުގެ ކުރިން ތުރިޕްތީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަކީ ދެ މިލިއަނެވެ. އެހެންނަމަވެސް ފިލްމް ރިލީޒް ކުރިތާ ހަތަރު ދުވަސްވީއިރު ތްރިޕްތީގެ ފޮލޯވަރުންގެ ޢަދަދު ވަނީ 2،1 މިލިއަނަށް އަރާފައެވެ.

ފިލްމުގެ ލީޑް ރޯލް ރަންބީރު ކަޕޫރާ އެކު ތްރިޕްތީގެ މަންޒަރުތަކެއް ފިލްމުން ފެންނައިރު މި މަންޒަރުތައް މިހާރު ވަނީ އިންޓަނެޓުގެ އެކި މަސްދަރުތަކުގައި ލީކުކޮށްފައެވެ. ރަންބީރާ އެކު ފިލްމުގައި ލީޑު ބަތަލާގެ ރޯލު ކުޅެފައި ވަނީ ސައުތު ސިނަމާގެ ފިލްމީ ތަރި ރަޝްމިކާ މަންދަންނާއެވެ.

ނަމަވެސް ރަޝްމިކާއަށް ވުރެ ބޮޑަށް ބެލުންތެރިންގެ މަގުބޫލުކަން ތްރިޕްތީއަށް ލިބިފައިވާއިރު ޑައިރެކްޓަރު ސަންދީޕް ރެއްޑީގެ "ކަބީރް ސިންގް"އިން ބަތަލާ ކިއާރާއަށް ލިބުނުފަދަ މަގުބޫލުކަމެއް ތްރިޕްތީއަށް ލިބޭނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ބަތަލާ ކިއާރާގެ ފިލްމީ ކެރިއަރު ކާމިޔާބުވުމުގެ ފަހަތުގައި ސަންދީޕް ހުރިކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ތްރިޕްތީގެ ފިލްމީ ކެރިއަރު ވެސް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބަތަލާ ތްރިޕްތީ އަދި ރަންބީރު ކަޕޫރު ފިލްމު "އެނިމަލް"ގެ މަންޒަރެއްގައި

ފިލްމު "މޮމް"އިން 2017ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި 29 އަހަރުގެ ބަތަލާ ބޮޑަށް މަޤުބޫލުވެފައި ވަނީ 2020ވަނަ އަހަރު ރިލީޒްވި ބިރުވެރި ފިލްމު "ބުލްބުލް"އިންނެވެ. ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރި މި ފިލްމަކީ އަނުޝްކާގެ އަމިއްލަ ފިލްމު ކުންފުނިން ނެޓްފްލިކްސްއާ ގުޅިގެން އުފެއްދި ފިލްމެކެވެ. ފިލްމު "ބުލްބުލް"ގައި ތްރިޕްތީ ދެއްކި މޮޅު އެކްޓިންގަށް ފަހު ބަތަލާއަށް ބޮލީވުޑްގެ އިތުރު ދޮރުތައް ހުޅުވިގެން ދިޔައެވެ.

ތުރިޕްތީ އަންނަނީ އަންނަ އަހަރު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ދެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.