07 Dec 2023, 06:13
ހިންދީ ސިނަމާގެ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު ބޮލީވުޑަށް ތަޢާރަފުވާ ފުރަތަމަ ފިލްމު "ދަ އާޗީޒް"ގެ ޕްރިމިއާގައި ދުނިޔެ ދޫކޮށްފައިވާ މަންމަ ބައިވެރިކުރުމުގެ ގޮތުން ޚުޝީ ބޭނުން ކުރީ އޭނާގެ މަންމަގެ ހެދުމެކެވެ.
ރަން ކުލައިގެ ވިދާ ހެދުމެއްގައި ޚުޝީ ކަޕޫރު "ދަ އާޗީސް"ގެ ޕްރިމިއާއިން ފެނުނުއިރު މި ހެދުމަކީ 2013ވަނަ އަހަރުގެ އައިފާ އެވޯޑްގެ ރެޑް ކާޕެޓްގައި ސްރީދޭވީ ލައިގެން ހުރި ހެދުމެވެ. މަޝްހޫރު ޑިޒައިނަ ކައުފްމަން ފްރޭންކޯގެ މި ހެދުމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހާއްސަ ހެދުން ކަލެކްޝަނުގައި ހިމެނޭ ޚުޝީ ވަރަށް ގާޔާވާ ހެދުމެކެވެ.
އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޚުޝީ ބުނެފައި ވަނީ ޙަޔާތުގެ އެންމެ މުހިއްމު ރެއަށް އޭނާ ޚިޔާރުކުރީ ހިތުގައި ވަރަށް ހާއްސަ މަޤާމެއް ދެވިފައިވާ ހެދުމެއް ކަމަށެވެ. މަންމައަށް ހާއްސަ ޓްރިބިއުޓެއް ދިން މި ހެދުމުގައި ޚުޝީ ކަޕޫރު ފެނުމުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަނދާންތައް އާވެގެން ގޮސްފިކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ޚުޝީގެ އިތުރުން ސްރީދޭވީގެ ދޮށީ ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރު ވެސް ވަރަށް ގިނަ ޙަފލާތަކުގައި މަންމަގެ އެކި ޑިޒައިންގެ ސާޅީއާ އެހެނިހެން ޑިޒައިންގެ ހެދުންތައް ބޭނުންކުރެއެވެ.

ފިލްމު "ދަ އާޗީޒް"ގެ ޑައިރެކްޓަރު އަދި ފިލްމުގެ ޕޯސްޓަރެއް
ދާދި ފަހުން މުމްބާއީގައި ހުޅުވި ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރުގައި ކުލަގަދަކޮށް ކުރިއަށް ދިޔަ ޕްރިމިއަ ނައިޓްގައި ފިލްމީ ދާއިރާގެ ވަރަށް ގިނަ ތަރިންނާއި އާއިލާގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި "ދަ އާޗީޒް"އިން ބޮލީވުޑަށް ތަޢާރަފުވާ ތަރިންގެ އާއިލާތައް ހިމެނެއެވެ.
ޚުޝީގެ އިތުރުން ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން އަދި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތަޔާ ނަންދާ ފިލްމީ މައިދާނަށް ނުކުންނަ މި ފިލްމަކީ، ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށް ނެޓްފްލިކްސްއިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ނެޓްފްލިކްސްގައި މިއަދު ރިލީޒްކުރާނެއެވެ.