ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި މީހަކު ޒަޚަމުކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާގޮތުން، ޓަވަރު ހައެއްގެ އެޕާޓްމަންޓެއްގައި ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލައިިފައެވެ.

އެއީ، ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ އުމުރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު މާލޭ އޯކިޑްމަގު ރޫޓް ފިހާރަ ކައިރީގައި ވެސް މާރަމާރީއެއް ހިންގައި އެކަކު ޒަޚަމްކޮށްލައިފައިވެއެވެ.

އެ މާރާމާރީގައި ދިވެހި ފިރިހެނަކަށް އަނިޔާ ލިބިފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗުން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދުވަސްތަކަކަށް މާރާމާރީގެ ކަންކަން ހަމައަކަށް އެޅިފައި އޮތުމަށްފަހު އައްޑޫ ސިޓީއާއި މާލޭ ސިޓީގައި ވަނީ މާރާމާރީތައް އިތުރު ވެފައެވެ.

އެކަމުގެ ސަބަބުން ފުލުހުން ވަނީ އައްޑޫގައި ޚާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.