06 Dec 2023, 21:00
ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބުގައި ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީ އޮފީސް މާލޭގެ ސީޓްރެކްސް އިމާރާތުގައި ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިރޭ ދެ ޕާޓީގެ ސެނެޓު ބައްދަލުވުމެއް އޮތް ކަމަށާއި، އެ ބައްދަލުވުމަށް ފަހު ދެ ޕާޓީން ގުޅިގެން, ކުރިއަށް އޮތް އިންތިޚާބުތަކުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ނަމަވެސް އެއީ ހިތްވަރެއް ކަމުގައި ދެކެން ޖެހޭ ކަމަށެވެ. އަދި ދެ ޕާޓީގެ ނިޔަތަކީ ދީނާއި ގައުމަށްޓަކައި، ގައުމު ކުރިއެރުވުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ މި ސަރުކާރު ކުރިއަށް ގެންދެވޭނީ ދެ ޕާޓީގެ މެންބަރުންގެ ވެސް އެބާރުލުމާއެކު ކަމަށެވެ.
"މިއީ ގައުމީ ވިސްނުމެއްގައި ކުރެވޭ މަސަައްކަތެއް ވީމާ އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ އެންމެން މި މަސައްކަތުގައި ހަމަހަމަވާނެ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބުގައި އޭރު ވެރިކަން ކުރަމުން އައި މައި ޕާޓީ އެމްޑީޕީން 67 މެންބަރުންނާއެކު މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދިއެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އުފެދުނު ދެބަސްވުންތަކާ ހެދި އެ މަނިކުފާނާއި އިތުރު 13 މެންބަރުން ޕާޓީން ވަކިވިއެވެ. އެއާއެކު ސުޕަމެޖޯރިޓީ ގެއްލުނަސް، އަދިވެސް އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަންދެން މަޖިލީހުގައި ޕީޕީއެމް، ޕީއެންސީގެ އަށް މެންބަރުން ތިއްބެވި ނަމަވެސް އޭގެ ތެރެއިން ބައެއް މެންބަރުން ކެބިނެޓަށް ޚިޔާރު ކުރެއްވުމުން އެ ބޭފުޅުން ވަނީ މަޖިލީހުން އިސްތިއުފާދެއްވައިފައެވެ. އެހެންވެ، މިހާރު މަޖިލީހުގައި ތިއްބެވީ އެ ދެ ޕާޓީގެ ހަތަރު މެންބަރުންނެވެ.
ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިގަތްއިރު ކޯލިޝަން ލީޑަރަކަށް ހުންނެވީ ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް ވެރިކަމަށް ހަފުތާއެއް ނުވަނީސް އެމަނިކުފާނު ވަނީ ޕާޓީން ވަކިވެ، އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތުމުގެ ކުރިން އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ވައްދާ ކަމަށް ތުހުމަތުކޮށްފައެވެ.
ރައީސް ޔާމީންގެ ޕީއެންއެފް ޕާޓީ އުފެއްދުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޕީއެންސީން ވެސް ދަނީ މެންބަރުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.