ދަ ޑިމޮކްރެޓްސްއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެތެރޭގެ އިންތިޚާބުގެ ބައެއް ވޯޓުފޮށިތަކަށް ވޯޓު ލާން ޖެހޭ މީހުންގެ އަދަދަށް ވުރެ އިތުރަށް ވޯޓު ލާފައި ހުރުމުން، އެ ވޯޓުފޮށިތަކުގެ ނަތީޖާ ބާތިލުކުރުމަށް ފަހު އަލުން ވޯޓުލާން ނިންމައިފިއެވެ.

ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވީ، ބާތިލް ކުރުމަށް ނިންމާފައި ވަނީ ޕާޓީގެ ޔަންގް ޑިމޮކްރެޓްސް ލީޑަރާއި ޑެޕިއުޓީ ލީޑަރު ހޮވުމަށް ބައެއް ދާއިރާތަކުގައި ނެގި ވޯޓުގެ ނަތީޖާ ކަމަށެވެ. އެގޮތުން އެ ވޯޓު އަލުން ނެގުމަށް މިހާރު އަންގާފައި ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން އެގޮތަށް ދިމާވީ އިންތިޚާބު އިންތިޒާމް ކުރުމުގެ ތެރެއިން ހެދުނު ގޯހަކުން ކަމަށެވެ.

"އެއީ ބައެއް ރަށްރަށުގެ ވޯޓު ފޮށިތަކަށް އަޅުގަނޑުމެންގެ ފަރާތުން ދިމާވި ކަމަކުން ތަންކޮޅެއް ގިނަ އަދަދަކަށް، އެއީ ޒުވާނުން ތިބި އަދަދަށްވުރެ ގިނައިން ވޯޓު ކަރުދާސް ދޫކުރެވިފައިވާތީވެ ވީކަމެއް،" އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ އިއުލާނުކޮށްފަ މި ބާތިލުކުރާ ވޯޓު ފޮށިތަކުގައި އަލުން ވޯޓެއް ނަގާނެ ވާހަކަ."

ބާތިލު ކޮށްފައިވާ ވޯޓުފޮށިތައް:

  • ބ. ގޮއިދޫ

  • ބ. ކުޑަރިކިލު
  • ގދ. ގައްދޫ
  • ހއ. ހޯރަފުށި
  • ހދ. ނޭކުރަންދޫ
  • ރ. އަލިފުށި
  • ށ. މާއުނގޫދޫ
  • ތ. ކިނބިދޫ
  • ހދ. ނޮޅިވަރަމް
  • ނ. މިލަދޫ
  • ބ. މާޅޮސް
  • ބ. ދަރަވަންދޫ
  • ބ. ފެހެންދޫ
  • ނ. މާފަރު

ޔަންގް ޑިމޮކްރެޓްސް ލީޑަރު ކަމަށް ކުރިމަތިލާފައިވަނީ މުހައްމަދު މާޝިހާއި ޔޫސުފް ޝާހެވެ. ޔަންގް ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލާފައި ވަނީ ފިތްރާ މުހައްމަދާއި މުހައްމަދު އަޒުވަރެވެ.

އާޒިމް ވިދާޅުވީ އަދި ވޯޓު ލާނެ ވަކި ތާރީޚެއް ހަމަނުޖެހޭ ކަމަށާއި ވަކި ތާރީޚެއް ކަނޑައެޅުމަށް ފަހު އަންގާނެ ކަމަށެވެ.

އެތެރޭގެ އިންތިޚާބުގެ ޕާޓީގެ ލީޑަރުކަމަށް ހަސަން ލަތީފު ވަނީ 1،807 ވޯޓުން އިންތިޚާބުވެފައެވެ. އޭނާއާ ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު މުހައްމަދަށް ލިބިވަޑައިގަތީ 1،484 ވޯޓެވެ.

އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައި ވަނީ އެއް ދުވަސް ފަހުންނެވެ. އެ މައްސަލަ ހޫނުވެ، ޕާޓީގެ މެންބަރުންނާއި އާންމުން ނުރުހުން ފާޅުކުރިއެވެ. އަދި ނަތީޖާއަށް ބަދަލު ގެންނަ ކަމުގެ ތުހުމަތު ވެސް ބައެއް މެންބަރުން ކުރިއެވެ.

އެމްޑީޕީއާއެކު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ، މިއަހަރު މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

އެ ޕާޓީން މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބިފައި ވަނީ ގާތްގަނޑަކަށް 15،800 ވޯޓެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހާ ހަމައަށް އެ ޕާޓީގައި ތިބީ 3280 މެންބަރުންނެވެ.