06 Dec 2023, 23:14
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގެ ބައެއްގެ ގޮތުގައި މިސީޒަންގައި ތައާރަފް ކުރި އިން ސީޒަން ޓޯނަމަންޓްގެ ސެމީފައިނަލުން މިލްވައުކީ ބަކްސް އާއި ލޮސް އެންޖަލިސް ލޭކާސް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ އީސްޓް ސެމީފައިނަލުން ބަކްސް ޖާގަހޯދީ އީސްޓް ކްއާޓާ ފައިނަލްގައި ނިއުޔޯކް ނިކްސް އާއި ބައްދަލުކުރިމެޗް 146 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ.
މިލްވައުކީގެ ފިސާވް ފޯރަމްގައި ކުޅުނު މިމެޗްގައި ފެށުނީއްސުރެ ނިމެންދެން ހަތަރު ކުއާޓާގައިވެސް މޮޅަށް ކުޅެފައިވަނީ ބަކްސްއެވެ. މި ގޮތުން ފުރަތަމަ ކްއާޓާގައި ދެ ޕޮއިންޓްގެ ލީޑެއް ނެގިއިރު ދެވަނަ ކްއާޓާ ނިންމާލީ ތިން ޕޮއިންޓްގެ ލީޑަކާއެކުއެވެ. ތިންވަނަ ކުއާޓާ ނިމުނުއިރު މި ލީޑު 16 ޕޮއިންޓަށް ފުޅާކޮށް އަދި މެޗް ނިންމާލީ 24 ޕޮއިންޓްގެ ލީޑަކާއެކުއެވެ.
މި މެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ 10 އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް މި މެޗްގައި ދެއްކީ 41 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޖޫލިއަސް ރެންޑްލްއެވެ.
މިއާއެކު މި މުބާރާތުގެ އީސްޓް ސެމީފައިނަލްގައި ބަކްސް ބައްދަލުކުރާނީ ބޮސްޓަން ސެލްޓިކްސް ބަލިކޮށް ސެމީފައިނަލުން ޖާގަހޯދި އިންޑިއާނާ ޕޭސާސް އާއެވެ.
މި މުބާރާތުގެ ވެސްޓް ސެމީފައިނަލުން ލޭކާސް ޖާގަހޯދީ ވެސްޓް ކްއާޓާ ފައިނަލްގައި ފީނިކްސް ސަންސް އާއި ބައްދަލު ކުރި މެޗް 106 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗްގައި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ 11 ރީބައުންޑް ނަގައިދިން ލެބްރޮން ޖޭމްސް އެވެ. އަދި ސަންސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ކެވިން ޑުރާންޓްއެވެ.
މި މުބާރާތުގެ ސެމީފައިނަލްގައި ލޭކާސް ބައްދަލުކުރާނީ ސެކްރެމެންޓޯ ކިންގްސް ބަލިކޮށް ސެމީ ފައިނަލުން ޖާގަހޯދި ނިއުއޯލިއަންސް ޕެލިކަންސް އާއެވެ.