ޒަމާނާ އެއްގޮތަށް މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އޮލިމްޕިކް ހައުސްގެ ބިންގާ އެޅުމުގެ ހުއްދަ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށް އޮލިމްޕިކްސް ކޮމެޓީން ބުނެފި އެވެ.

ސަން އޮންލައިނާ ވާހަކަ ދައްކަމުން އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) މިއަދު ވިދާޅުވީ، އިމާރާތުގެ ބިންގާ ކުރިން އެޅުމަށް ހަމަޖެހިފައި އޮތީ މި މަހުގެ އެއް ވަނަ ދުވަހު ކަމަށާއި އެހެން ނަމަވެސް އެ ތާރީހަށް މަސައްކަތް ނުފެށި ލަސްވީ މާލޭ ސިޓީ ކައުންސިލުން ލިބެން ޖެހޭ ބައެއް ލިޔެކިޔުންތަކާއި އިމާރާތުގެ ކުރެހުން ވަކިގޮތަކަށް ފައިނަލްވެފައި ނުވުމުން ކަމަށެވެ. އެހެން ނަމަވެސް މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާ އިރު، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުން ލިބެން ޖެހޭ ލިޔުންތައް ލިބުމުން އިމާރާތުގެ ބިންގާ އެޅޭވަރު ވާނެ ކަމަށް ވެސް މަރުޒޫގް ވިދާޅުވި އެވެ.

"އިމާރާތުގެ މަސައްކަތް ނުފެށި ލަސް ވަނީ ސިޓީ ކައުންސިލުން ލިބެން ޖެހޭ ބައެއް ލިޔެކިޔުންތައް އަދި ނުލިބޭތީ. އަޅުގަނޑަށް ހީވަނީ ކުރިއަށް މިއޮތް 10 ދުވަސް ތެރޭގައި އެލިޔެކިޔުންތައް ލިބޭނެހެން. މި އިމާރާތް ކުރެވޭ އޮލިމްޕިކް ހައުސްއަކީ މާލޭގައި މިހާރު ހުރި އިމާރާތްތަކަށް ވުރެ، އެތައް ގޮތަކުން ފުރިހަމަ އިމާރާތެއް،" މަރުޒޫގް ވިދާޅުވި އެވެ.

އޮލިމްޕިކް ހައުސްގެ މަސައްކަތް ނިމޭއިރު އެ އިމާރާތުގައި އޮލިމްޕިކް ކޮމެޓީގެ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން މިއުޒިއަމަކާއި ސެމިނާ ރޫމްތަކެއް ހިމެނެ އެވެ. އަދި ބުޓީކް ހޮޓަލެއްގެ އިތުރުން ކެފޭއަކާއި ރެސްޓޯރަންޓެއް ހިމެނެ އެވެ.

ދިހަ ބުރީގެ އޮލިމްޕިކް ހައުސް މާލޭގައި އެޅުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ޕޮލިޓެކްނިކް ހިންގާ އިމާރާތާ އިންވެގެން އޮތް ހުސް ބިމުގައި ކަމަށް މަރޭ ވިދާޅުވި އެވެ. އަދި އެ އިމާރާތް ހެދުމަށް 25 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮލިމްޕިކް ކޮމެޓީން ބުންޏެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުން މާލޭގައި އަޅާ 10 ބުރީގެ އޮލިމްޕިކް ހައުސް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޓެކްޓޮން ޑިޒައިންގެ ފަރާތުން ނެވެ.