06 Dec 2023, 15:06
ގޭންގު މާރާމާރީތައް އައްޑޫ ސިޓީގައި ގިނަވުމުގެ ސަބަބުން މާރާމާރީތައް ހުއްޓުވުމަށް ފުލުހުން އައްޑޫގައި ފެށި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ހިތަދޫން ފުލުހުން ހޯދައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ފުލުހުން ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެންނެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ ދެ މީހުންނާއި، 20 އަހަރުގެ ތިން މީހުންނާއި، 21 އަހަރުގެ މީހަކާ އަދި 23 އަހަރުގެ ތިން މީހުންނެވެ.
މި މީހުން ހައްޔަރު ކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއަކާއި އާދިއްތަ ދުވަހު ހިންގި މާރާމާރީއެއްގެ މައްސަލައިގައެވެ.
ހުކުރު ދުވަހުގެ ރޭ ހިންގި މާރާމަރީގައި ވަނީ 30 އަހަރުގެ ފިރިހެނަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އާދިއްތަ ދުވަހުގެ މާރާމަރީގައި ޒަޚަމް ކޮށްލާފައި ވަނީ 20 އަހަރުގެ ޒުވާނެކެވެ.
މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުންވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންދަނީ ތަހުގީގު ކުރަމުންނެވެ.