މިދިޔަ ބުދަ ދުވަހުގެ ރޭ ވިލާ ކޮލެޖު ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާން ވިޔަފާރިވެރިޔާ އަލީ އުވައިޝަށް އަދިވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށާއި، އެ އެކްސިޑެންޓުގައި ދެން އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންގޮސްފައި ވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އުވައިޝްގެ ބޭބެ މިއަދު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އޭނާ ހާލަތު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

"މިހާރު ސްޓޭބަލް. އެހެންވެ އަޅުގަނޑުމެންގެ ބޭރަށް ގެންދިއުމުގެ މަޝްވަރާ ކޮށްފަ ވެސް ރަނގަޅު ވާތީ މި ތިބެނީ،" އޭނާ ބުންޏެވެ.

އުވައިޝަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައެވެ. އޭނާގެ ހާލަތު ރަނގަޅުވުމުން އައިސީޔޫއަށް ބަދަލުކުރީ، މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުވައިޝްގެ އިތުރުން، އަންހެނަކާއި ފިރިހެނަކަށެވެ.

އަނިޔާވި އަންހެން މީހާއަށް ފަރުވާ ދެނީ ވޯޑުގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަމުން އުވައިޝްގެ ބޭބެ އަޙްމަދު އާދަމް ބުނީ، އެކްސިޑެންޓް ހިނގި ވަގުތު އުވައިޝް އިނީ ހެލްމެޓް އަޅައިގެން ކަމަށާއި އެވަރުން ވެސް އޭނާގެ ބޮލާއި މޫނަށް ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން ބޯފަޅައިގެން ދިއުމުގެ އިތުރުން މޫނުމައްޗަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އުވައިޝްގެ ވައަތު ފައި ފަލަމަސްގަނޑާ ހިސާބުން ވަނީ ބިންދައިގެންގޮސްފައި ކަމަށް އަޙްމަދު ބުންޏެވެ.

އަހްމަދު ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއިން މާލެ އައިސް ވިލާ ކޮލެޖާ ދިމާލުން އަޙްމަދިއްޔާ ސްކޫލު ހުންނަ މަގަށް އަޅަން އުޅެނިކޮށް، މާފަންނުން ހެންވެއިރާ ދިމާލަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

އެ ސައިކަލުގައި ތިބީ ދެން އަނިޔާވި ދެ މީހުންނެވެ.