ގެދޮރުވެރިންގެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ހުއްޓައިލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގީ އެ ކަން ކުރުމަށްޓަކައި އޭސީސީގެ ހުއްދަ ދޭނެކަމަށް ބުނުމުން މިނިސްޓްރީން މަސައްްކަތްތައް ކުރިއަށް ގެންގޮސް ނިންމައިލިފަހުން ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ގެދޮރުވެރިންގެ ފްލެޓް މައްސަލައިގައި ކުރީ ސަރުކާރުން މަސައްކަަތް ކުރި ގޮތް ހާމަކުރައްވަމުން އަކްރަމް ވިދާޅުވީ، އެ މަސައްކަތުގައި އެއްވެސް ގޯހެއް ހަދައިފައިނުވާ ކަމަށެވެ.

އެއީ, އަވަސް އަރުވައިލައިގެން ކުރި ކަމެއް ނޫންކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަ ޖެހޭ ހިސާބަކީ އޭސީސީން އެ މަސައްކަތް ހުއްޓަން އެނގުން ކަމަށެވެ. ނަމަވެސް އެއީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އޭސީީސީއަށް މަސައްކަތް ހުއްޓަން ނޭންގޭނެ ކަމަށާއި، އޭސީސީއަށް އޮންނާނީ ލަފާ ދިނުމުގެ ފުރުސަތުކަމަށް އަކްރަމް ވިދާޅުވިއެވެ.

"މިހާރު މި ޖެހިގެން އުޅޭ މައްސަލައަކީ އޭސީސީން މި ހުއްޓުވި މައްސަލަ. މި ހުއްޓަން އަންގައިފައި އޮއްވައި އަޅުގަނޑުމެން އެ ކަން ކުރިއްޔޭ،" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުރަތަމަ އާންމުކުރި ގެދޮރުވެރިންގެ ފްލެޓް ލިސްޓާއެކު ގިނަ ބަޔަކު ނުރުހުން ފާޅުކުރުމުން، އެ ދުވަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނިންމެވީ އެ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމަށް ކަމަށެވެ.

ގާތްގަނޑަކަށް 7،000 މައްސަލަ ލިބުނުއިރު، އެންމެ އާންމު ޝަކުވާއަކަށް ލިބިފައި އޮތީ މާލޭގައި ދިރިއުޅުނު މުއްދަތާ ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ އެލިޖަބަލް ކްރައިޓީރިއާގައި ހިމެނޭ ކަމަކަށްވުމުން އެ މުއްދަތައް އެއްްވެސް މާކުހެއް ނުދޭކަމަށް އަކްރަމް ވިދާޅުވިއެވެ.

ނަމަވެސް ދެން ލިބިފައިހުރި ޝަކުވާތަކަށް ބަލައި ބައެއް އެޕްލިކޭޝަންތަކަށް ބަދަލު ގެނައިކަމަށް އަކްރަމް ވިދާޅުވިއެވެ.

"ބައެއް އެއްޗިއްސަށް ބަދަލު އައިސްފައި ހުރެދާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ހުއްޓައިލަން އަންގައި އޭސީސީން ފޮނުވި ސިޓީ މިނިސްޓްރީއަށް ލިބުނީ ހުރިހާ މަސައްކަތްތަކެއް ނިންމައިލެވުނު ފަހުން ކަމަށެވެ.

އެގޮތުން މިދިޔަ މަހު 15ގައި ހުރިހާ މަސައްކަތްތަކެއް ނިންމައިލިއިރު، އޭސީސީން އެކަމުގައި މިނިސްޓްރީން އަމަލުކުރުމަށް ލަފާދޭ ގޮތެއް ހޯދަން ވެސް އޮޅުން ފިލުވަން އެދުނު ކަމަށް އަކްރަމް ވިދާޅުވިއެވެ. އެއިރު ލަފައަކަށް އެދުމުން އެ ކަން ކުރިއަށް ގެންދަން ހުއްދައޮތްކަމަށް ބުނެ އޭސީސީން ސިޓީއެއް ފޮނުވާނެކަމަށް އޭސީސީން ބުނިކަމަށް އަކްރަމް ވިދާޅުވިއެވެ.

"ވިދާޅުވީ އެކަމުގައި ހުއްދަ ދީފައި ތިއަށް ފޮނުވާނަމޭ ކުރިއަށް ގެންދަން. ކޮންމެ އަކަސް އެ ސިޓީއެއް ނައި. ނައިމައި އަޅުގަނޑުމެން ސިޓީއެއް ފޮނުވީ ހަވީރު. އަޅުގަނޑުމެން މައްސަލަތައް ބަލައި ނިންމައިފީމޭ. ނިމުނު ވާހަކަ. ކޮންމެހެން ހުއްދައެއް ހޯދާކަށް ނުޖެހޭ ނޫންތޯ ކުރިއަށްދާކަށް،" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެދޮރުވެރިންގެ ލިސްޓަށް ލިބިފައިހުރި ޝަކުވާތައް ބަލައި ބަދަލުކުރުމަށްފަހު ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ގުރުލުން ކުރިއަށް ގެންދަން ފެށީކަމަށެވެ. އެ މަސައްކަތް ކުރީ ލައިވްކޮށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަނެއް ދުވަހު އޮފީހަށް އައިސްފައި ގާތްގަނޑަކަށް 10އެއް ޖަހައި އެހައިކަންހާއިރު ސެކްޝަނަށް މި އައީ އޭސީސީގެ [ސިޓީ] އޭގައި 'އަވަސް' ޖަހައިފައެއް ވެސް ނެތް. ކުރިއަށް ގެންދިއުން ހުއްޓައިލަން. އެއިރު އޮތީ އެކަން [ގުރު ނެގުން] ނިމިފައި،" އަކްރަމް ވިދާޅުވިއެވެ.

އެހެންކަމުން އޭސީސީގެ ސިޓީއާ ގުޅިގެން ކުރެވޭނެ އިތުރުކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭސީސީން ހުއްޓައިލަން އަންގައިފައިވާތީ މިނިސްޓަރު މުޙައްމަދު އަސްލަމްގެ އެންގެވުމަށް ބާކީ ހުރި ގާތްގަނޑަކަށް 14،000 މީހުންނަށް ގެދޮރުވެރިންގެ ފްލެޓް ލިބުނުކަމުގެ ލިޔުންދިނުން މަޑު ޖައްސައިލީކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އޭސީސީން އަންގައިގެން އަޅުގަނޑުމެން ނުހުއްޓައެއް ނުހުންނާނެ. އެކަމު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭސީސީއަށް ހުއްޓައިލަން ނުވެސް އެންގޭނެ،" އަކްރަމް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވެ، މިހާރު އޭސީސީގެ އެންގުމާއެކު މިނިސްޓްރީން މަސައްކަތް ހުއްޓައިފައި އޮތްއިރު ވަރަށް އަވަހަށް އޭސީސީއިން ކުރާ ތަހުގީގު ނިމޭނެކަމަށް މިހާރުގެ މިނިސްޓަރު ޑރ. އަލީ ހައިދަރު ކޮމިޓީގައި މީގެ ކުރިން ވިދާޅުވިއެވެ.

އެ ތަހުގީގުގެ ބޭނުމަށް ގެދޮރުވެރިންގެ ޕޯޓަލްގެ އެކްސެސް ވެސް ވަނީ އޭސީސީއަށް ދޭން ނިންމައިފައެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެގެން ދިޔައީ ގިނަ ބަޔަކު ނުރުހުންވި ލިސްޓަކަށެވެ. އެހެންވެ، އެ ލިސްޓުތައް ބާތިލުކުރުމަށް ވެސް މީގެ ކުރިން ރައްޔިތުން ގޮވައިލިއެވެ.