ރައްޓެއްސަކާއެކު ދެކެވުނު ވާހަކައެއްގައި ކުރި ފަޅައިގެން ގޮސް ކިޔައިދިން ވާހަކަ އެކެވެ؛ އޮފީސް ބޫޓާ އެއްކޮށް ބޭނުންކުރާ ސްޓާކީނު ހަލާކުވެގެން ފިހާރަޔަށް ދިޔައިރު އެތާނގައި އެޑިޑާސް ބްރޭންޑްގެ އިސްޓާކީނު ހުއްޓެވެ. އިސްޓާކީނުގެ ޝޭޕާ އެއްވަރަށް އަގުވެސް ރީއްޗެވެ. އެހެން ފިހާރައެއް ބަލައިލާނެ ވަގުތު ނެތުމުން 105ރ. ދީފައި އިސްޓާކީނު ޖޯޑެއް ގަނެގެން ގެޔަށް ދިޔައީ އެވެ. އެކަމަކު އިސްޓާކީނު ޖޯޑަށްވީ ބަރާބަރު ހަފްތާއެކެވެ. ފަޅައިގެން ހިނގައްޖެ އެވެ. ފުރަތަމަ ރުޅި އާދެވުނީ އެޑިޑާސް ކުންފުނިދެކެ ކަމަށާއި ފަހުން ވިސްނާލުމުން ވީގޮތް އެނގުނު ކަމަށެވެ. ގަނެވުނީ އެޑިޑާހުގެ ފޭކު އިސްޓާކީނެކެވެ.

ރަހުމަތްތެރިޔާއަށް ދިމާވި މައްސަލައަކީ އާ މައްސަލައެއް ނޫނެވެ. ރާއްޖޭގެ މާކެޓްގައި ފޭކް ނުވަތަ ނަކަލުކޮށްފައި ހުންނަ ޕްރޮޑަކްޓްތައް ވިއްކުން އޮންނަނީ ވަރަށް އާދައިގެ ކަމަކަށްވެފަ އެވެ. އިލެކްޓްރޯނިކްސް އިން ފެށިގެން ގޮސް ގާމެންޓްސްގެ އެކި ބްރޭންޑްތަކުގެ ފޭކު ވަނީ ދިވެހި ބާޒާރަށް އޮއްސާލާފަ އެވެ.

"އަސްލު މައްސަލައަކަށް ވަނީ ވިޔަފާރިން ވެރިންގެ ޑިސިޕްލިންއެއް ނެތުން، މިސާލަކަށް ރާއްޖެއަށް އެ އެއްޗިހި ގެނެވުނަސް އެއަށް އެކަށޭނަ އަގެއްގައި ވިއްކަން ޖެހޭނީ، އެހެން ނޫނީ އެއީ ހަމަ ގަސްތުގައި ވިޔަފާރި ވެރިން އޮޅުވާލުން، މަކަރު ހެދުން [ކަސްޓަމަރުންނަށް]،" ރާއްޖެއަށް މުދާ އިމްޕޯޓް ކޮށް ހޯލްސޭލްކުރާ ވިޔަފާރި ވެރިޔަކު ބުންޏެވެ.

ފޭކު ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް އޮޅުވާލުމަކީ ރާއްޖޭގައި މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. އެއާއެކު ފޭކް ޕްރޮޑަކްޓްތައް ރާއްޖޭގެ މާކެޓަށް އެތެރެކޮށް ވިއްކާ ގޮތުގެ ވައްޓަފާޅި އާއި މެތަޑްތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. ފެށުނީ ކުޑަގޮތަކަށް ކަމަށް ވިޔަސް ވިޔަފާރިވެރިން އެކަން މިހާރު ކުރަނީ ވާދަވެރި މާހައުލެއްގަ އެވެ. އޭގެ ނުރައްކަލަކީ ކަސްޓަމަރުންގެ ބޭރުން ވިޔަފާރިވެރިންވެސް އެ ޕްރޮޑަކްޓްތަކުގެ ޝިކާރައަކަށްވުމެވެ. "ފޭކު މުދާ" މި ބަސް ވިޔަފާރީގެ މާނައިގެ ދެތިން ގޮތަކަށް މާނަކުރެވި ދެތިން ކެޓަގަރީ އަކަށް ފައްތަ އެވެ.

ވިޔަފާރީގެ ތަޖުރިބާކާރެއް ކަމަށްވާ، މެކްސްކޮމް ޓެކްނޮލޮޖީސްގެ ޑައިރެކްޓާ ބިޒްނަސް ޑިވެލޮޕްމަންޓް އިބްރާހިމް ފިރުޝާން ވިދާޅުވާ ގޮތުން ފޭކު މުދަލުގެ ތިން ކެޓަގަރީއެއް އާންމުގޮތެއްގައި ގެންގުޅެވެ އެވެ. އެއީ އަސްލާއި އެއްގޮތަށް ތައްޔާރުކޮށް އަދި ނަންވެސް އެއްގޮތްކޮށްފައި ހުންނަ ވައްތަރުގެ އުފެއްދުންތަކެވެ. ދެން އަސްލު ޕްރޮޑަކްޓެއް އޮތޮރައިޒްޑް ސެލާއެއް ނޫން މީހަކު ވިއްކުމެވެ. މިވައްތަރު އެންމެ ބޮޑަށް އެޕްލައި ވަނީ ޓެކްނޮލޮޖީގެ ޕްރޮޑަކްޓްތަކަށެވެ. ދެން އޮންނަ ވައްތަރަކީ، ރިފާބިޝް ނޫނީ މައްސަލަ ޖެހުމުން ހަދާލައި ނޫނީ މޮޑިފައެއް ކޮށްފައިވާ ތަކެތި އަސްލު ޕެކިންގައި ބަންދުކޮށް ވިއްކުމެވެ.

"މި ހުރިހާ ގޮތަކަށް މިހާރު ރާއްޖޭގައި މުދާ އެތެރެކޮށް އެބަ ވިއްކޭ ހަމަ ފުޅާ ދާއިރާއެއްގައި، ރިފާބިސްޑް އެއްޗިހި ގެނެސްގެން މިއީ އައު އެއްޗިހި ކަމަށް އަގު ވައްޓާލައިގެން އެބަވިއްކާ، މިހުންނަނީ ބޮޑެތި މައްސަލަ، ވަރަށް ބޮޑެތި މައްސަލަ، މިސާލަކަށް؛ މެލޭޝިޔާއިން ގެނެސްގެން މި ވިއްކާ ލެޕްޓޮޕެއް، އޭގައި މިސާލަކަށް އިންނާނީ އެ ގައުމެއްގައި ވޮރަންޓީއެއް ދޭގޮތައް، ދެން ރާއްޖެ ގެނެސްފައި ވިއްކާ އިރު މިކިޔަނީ އިންނާނޭ ވޮރަންޓީ، އެކަމަކު އޭތި ގޯސް ޗެނަލަކުން އިނީމަ އެއަކަށް މިކޮޅުގައި ވޮރަންޓީއެއް ނުލިބޭނެ، ދެން އުޅެން ޖެހޭނީ ވަރަށް ހާލުގައި،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން ފޭކް އުފެއްދުންތަކުގެ ގެއްލުން އޮތީ ކަސްޓަމަރުންނަށް އެކަންޏެއް ނޫނެވެ. އޭގެ ގެއްލުން ސީދާ ވިޔަފާރިތަކަށް ވެސް އެބައޮތެވެ. އަވަހަށް އެކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ފޭކް އުފެއްދުންތަކުގެ ނުރައްކާ ޕްރޮފެޝަނަލް ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފޯރަފާނެ ކަމަށް ފިރުޝާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އޮތޮރައިޒްޓް ޑިސްޓްރިބިއުޓާއެއް، އެގޮތުން އަޅުގަނޑުމެންނަށް މިހާރު ދިމާވާ ކަމެއް އެއްކަލަ ރިފާބިޝް ކޮށްލާފައި އިންނަ އެތި ގެނެސްގެން އަގު ވައްޓާލައިފައި ވިއްކާލުން، އޭރުން އަޅުގަނޑުމެންނަށް ގެއްލުން މިވަނީ. އޭގައި އަޅުގަނޑު މެންނަށް ކުރެވޭނެ ކަމެއްވެސް ނޯވެ، ކަސްޓަމަރުންނަށް ވިސްނައިދޭން މިޖެހެނީ،" ފިރުޝާން ވިދާޅުވި އެވެ.

ފޭކް އިފެއްދުންތަކުގެ މައްސަލަ ކުރިމަތިވެފައި ވަނީ ރާއްޖެއަށް އެކަންޏެއް ނޫނެވެ. މެންފެކްޗަރުންގެ މައި މަރުކަޒު ޗައިނާ ވެސް ވަނީ ފޭކުގެ އުފެއްދުންތަކުގެ ދުއްތުރާލާ ކުރިމަތިލާން ޖެހިފަ އެވެ. ޗައިނާގެ ސަރުކާރުން އެކަމަށް ފިޔަވަޅު އަޅަން ފެށިއިރު ކަންއޮތީ ބޮއްސުންލައިގެން ގޮސްފަ އެވެ. ޗައިނާ ޑެއިލީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ގޮތުން 2009 ކުން 2010 އަކަށް އިންޓަނެޓް މެދުވެރިކޮށް ވަގު އުފެއްދުންތައް ވިއްކި 500 އަށް ވުރެ ގިނަ މައްސަލަ ވަނީ ތަހުގީގު ކޮށްފައިވާއިރު އެފަދަ އުފެއްދުންތައް ވިއްކި އެތައް ހާސް ވެބްސައިޓެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޗައިނާގެ ތަޖުރިބާއިން ރާއްޖެ ފިލާވަޅެއް އުނގެނުން މުހިންމެވެ. ގާމެންޓްސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ވިޔފާރިވެރިޔަކު ބުނީ ދިވެހި ވިޔަފާރިވެރިން ވެސް ފޭކު އުފެއްދުންތަކަށް ދެވިހިފާފައިވާ ކަމަށެވެ. އެއީ ރާއްޖެއަށް ނުރައްކާތެރި މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހެން ވިޔަފާރިކޮށް ލަން ދާއިރު މިސާލަކަށް މެލޭ ތަންތަނުން ފެނޭ ދިވެހި ބައެއް ފިހާރަވެރިން ފޭކް ޖީ- 2000 ގަމީސް އެއްޗިހި ހަމަތަންތަނުން ބަންޑެލްބަންޑެލް ހައްދާތަން، އަޅުގަނޑަށް ހަމަ ދެއްކި ދާނެ އެކަހަލަ ކިތަންމެ ގަމީހެއް ބޮޑު އަގުގައި ވިއްކާ، އެވެސް 600ރ. 700ރ. އަށް މި ވިއްކަނީ، މިއީ ހަމަ މަކަރު އޮޅުވާލުން،" އެބޭފުޅާ ވިދާޅުވި އެވެ.

ފޭކު އުފެއްދުންތަކުން ދުއްތުރާލުން ސަލާމަތް ވުމަށް ފިރުޝާން ރަނގަޅު ހިޔާލެއް ފާޅުކުރެއްވި އެވެ. އެއީ އެކަމުން ސަލާމަތްކޮށް ދިނުމަށް ގާނޫނު ތަކެއް ހެދުމެވެ. އަދި އިންޓަލެކްޗުއަލް ޕްރޮޕަޓީ ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. އެހެން ނޫނަނަމަ މައްސަލަ މިހާރު އޮތް ހިސާނުން ރާއްޖެ ޗައިނާގެ ދަރަޖައަށް ވެއްޓެން ދެން މާކަ ގިނަ ދުވަހެއް ނުނަގާނެ އެވެ.

"އިންޑިއާ ކަހަލަ ގައުމުތަކަށް ބައެއް ކަހަލަ ބްރޭންޑެޑް ޕްރޮޑަކްޓްތައް އެތެރެވެސް ނުކުރެވޭނެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ނޫނީ އޮތޮރައިޒްޑް ސެލާ ސެޓްފިކެޓް ނޯންނަ ފަރާތްތަކަށް، އެއީ ކަންނޭންގެ މި އޮންނަންވާނެ ގޮތަކީ، އެހެންނޫނީ ކަސްޓަމަރުންނަށް ވެސް އަދި އެކަށޭނަ ވިޔަފާރީގެ މާހައުލެއް ނޯންނާނެ، ޕްރިފެޝަނަލިޒަމް ވިޔފާރީގެ ތެރެއިން ގެއްލިގެން ހިނގައިދާނެ،" ފިރުޝާން ވިދާޅުވި އެވެ.

ފޭކް އުފެއްދުންތަކާ މެދު އަވަސް ހަރުކަށީ ފިޔަވަޅުތަކެއް އަޅަން އެބަޖެހެ އެވެ. މާފަހުން އެކަމާ އުޅެންވެއްޖެ ނަމަ ފޭކު ވިޔަފާރިވެރިންވެސް އުފެދި ފޭކު އުފެއްދުމަށްވެސް އޮންނާނީ ޕްލެޓްފޯމެއް ލިބިފަ އެވެ. އޭރުން ދެން އަދި މާ އުނދަގޫވާނެ އެވެ. ޖެހެނީ ރަހުމަތްތެރިޔާގެ އިސްޓާކީނަށް ޖެހުނު ހާލެވެ.