ވޮޝިންޓަން (06 ޑިސެންބަރު 2023) : ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހައްޔަރުކުރި އިސްރާއީލުގެ އަސީރުންގެ ތެރޭގައި ހިމެނޭ އަންހެނުންނަށް ހަމާސްގެ މުޖާހިދުން ޖިންސީ ގޯނާކޮށްފައިވާކަމަށް އެމެރިކާގެ ރައީސް ޖޯބައިޑެން ތުހުމަތު ކުރެއްވުމުން ހަމާސްއިން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ވާގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެންއަކީ ޣައްޒާގެ އާންމު ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކުގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އަދި ދުނިޔޭގެ އަނިޔާވެރި ޖައްބާރުންގެ ތެރޭގައި ހިމެނޭ އެންމެ އިސްފަރާތެވެ.

އިސްރާއީލުން ހާހުން ޣައްޒާގެ އާންމުން މަރައި އިސްރާއީލު ކޮންމެ ދުވަހަކު ހިންގާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކަށް އެންމެ ބޮޑަށް ހިއްވަރުދީ އެކަމަށް ވާގިވެރިވަނީ ބައިޑެން އަމުރަށް އެމެރިކާއެވެ.

ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ ތެރޭގައި ހިމެނޭ ޔަހޫދީ އަންހެނުންނަށް ހަމާސްގެ މުޖާހިދުން ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރައްވައި ބައިޑެން ވާހަކަ ދެއްކެވިއިރު އެކަމާބެހޭ އެއްވެސް ހެއްކެތް އަދި ގަރީނާއެއް ބައިޑެން އަށް ދެއްކިފައެއް ނުވެއެވެ. އަނެއްކޮޅުން ހަމާސް އިން މިނިވަންކުރި އިސްރާއީލުގެ އަންހެން އަސީރަކުވެސް މިފަދަ ތުހުމަތެއް ކޮށްފައެއް ނުވެއެވެ.

ހަމާސްގެ ބަޔާން ބުނާގޮތުން ބައިޑެންގެ ބޭނުމަކީ އިސްރާއީލުގެ ގަތުލުއާންމުތަކާ ދެކޮޅަށް އަޑުއުފުލާ އެމެރިކާއާއި ޔޫރަޕްގެ އާންމުންގެ ކުރިމަތިގައި ހަމާސް ގެ އަގު ވައްޓާލެވޭތޯ ބެލުމެވެ. އަދި އިސްރާއީލުން ހިންގާ ގަތުލުއާންމުތަކަށް އެމެރިކާ ވަމުންދާ އެހީތެރިކަން ފޮރުވައި އެމެރިކާގެ އަނިޔާވެރި މޫނު ފޮރުވުމެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ހަމާސް އިން އިސްރާއީލުގެ ކުޑަކުދިންތަކެއްގެ ބޯކެނޑިކަމަށް ވިދާޅުވެ ވަރަށް ގިނަ ދޮގުތަކެއްވެސް ހައްދަވާފައެވެ. އަދި ފަހުން މިދޮގުތައް ބޭޒާރުވެގެން ވައިޓް ހައުސް އިން އެކަމަށް މައާފަށްވެސް އެދިފައިވެއެވެ.

ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރިއިރު ހަމާސްގެ މުޖާހިދުން އެމީހުންނާމެދު މުއާމަލާތްކުރި ރަނގަނޅު ގޮތާއި އިހުސާންތެރިކަން ދުނިޔޭގެ މިޑިއާ ތަކަށް ހާމަވުމުން އެމެރިކާއާއި އިސްރާއީލުގެ ވެރިންވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

އިސްރާއީލުގެ ސަރުކާރުންވަނީ ހަމާސްގެ މުޖާހިދުން އިސްރާއީލުގެ އަސީރުންނާމެދު ހެޔޮކޮށް ހިތައި އަޚްލާގީގޮތުން ކުރި ހެޔޮ މުއާމަލާތުގެ ވާހަކަ މީޑީއާއަށް ހާމަ ނުކުރުމަށް އެފަރާތްތަކަށް އިންޒާރުކޮށްފައެވެ. ނަމަވެސް މިނިވަންކުރި އިސްރާއީލުގެ ބައެއް އަސީރުންވަނީ އިސްރާއީލުގެ އަނިޔާވެރި ވެރިންނަށް ގޮންޖަހައި ހަމާސްގެ ހެޔޮވާހަކަ އާއި ރަނގަނޅުވާހަކަ ބައެއް މީޑީއާތަކަށް ކޮންމެވެސް ވަރަކަށް ހާމަކޮށްފައެވެ.

މީގެ ހަފްތާއެއް ކުރިން އިސްރާއީލާއި ހަމާސް އިން އަސީރުން މިނިވަންކުރިއިރުވެސް އިސްރާއީލުން ފަލަސްތީނުގެ އަސީރުންނާ މުއާމަލާތްކުރި އަނިޔާވެރި އަދި ހަރުކަށިގޮތާއި ހަމާސް އިން އިސްރާއީލުގެ އަސީރުންނާމެދު މުއާމަލާތްކުރި އިހުސާންތެރިގޮތުގެ ވީޑީއޯތައް މީޑިއާތަކުންވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން މިނިވަންކުރި ފަލަސްތީނުގެ އަސީރުން ފެނިފައިވަނީ އެމީހުންގެ ހަށިތައް ބަލިކަށިވެ ނިކަމެތިވެފައިވާތަނެވެ. އަދި ނަފްސާނީގޮތުން އެމީހުން މާޔޫސްވެފައިވާ މަންޒަރެވެ. ނަމަވެސް ހަމާސް އިން މިނިވަންކުރި އިސްރާއީލުގެ އަސީރުންގެ ތިބިތަން ފެނުނީ ސިއްހީގޮތުން ދުޅަހެޔޮކޮށް އަދި ނަފްސާނީގޮތުން ވަރަށް އުފާވެފައެވެ.

މިމައްސަލާގައިވެސް އިސްރާއީލާއި އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކަށް ވާގިވެރިވާ އެމެރިކާގެ މަސްއޫލުވެރިންވަނީ ވަރަށް ބޮޑަށް ހިތް ހަމަނުޖެހިފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ އިއްޔެވަނީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ގަސްދުގައި ހަމަލާނުދޭކަމަށާ އަދި ގަސްދުގައި އާންމުންވެސް ނުމަރާކަމަށް ވިދާޅުވެ ޣައްޒާގެ އާންމުން މެރުމަށް ޚާއްސަކޮށްގެން އިސްރާއީލު ހިންގާ ގަތުލުއާންމުތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

މެތިޔު ވިދާޅުވިގޮތުގައި ޣައްޒާގައި އާންމުން މަރުވިޔަސް މަރުވަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ދޭ ޙަމަލާތައް ނުކިއްސަރު ގޮތްގޮތަށް މަދަނީ ތަންތަނަށް އަރައިގެންނެވެ. އަސްލު ހަމަލާތައްދެނީ މުޅިންވެސް ހަމާސްގެ އަސްކަރީ މަރުކަޒުތަކަށްކަމަށާ އިސްރާއީލަކީ އޯގާވެރި ގައުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން މައިގަނޑު ގޮތެއްގައި ބޮންއަޅަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށާ އަދި އާންމުންގެ ގެދޮރަށެވެ. އިސްރާއީލު ސިފައިންވަނީ ޣައްޒާގެ ބައެއް ހޮސްޕިޓަލްތަކަށް އެއްގަމު މަގުން ޓޭންކާއި އާމެޑް ވެހިކަލް ބޭނުންކޮށްގެން އެހޮސްޕިޓަލްތަކުގެ ދޮރުތައް ވައްޓާލާފައި އެތަންތަނަށް ވަދެ ބަލިމީހުންނާއި ޑޮކްޓަރުން މަރައި އަނެއްބައި ބަލިމީހުން ޒަޚަމްތަކާއެކު ހޮސްޕިޓަލްތަކުން ބޭރުކޮށްލައި ހޮސްޕިޓަލްތަކުގެ މެޝިންތައް ހަލާކުކޮށް ބޭސް ރައްކާކުރާ ގުދަންތައް ޑައިނަމިޓް އަޅައިގެން ގޮއްވާލުންފަދަ އެތަށް ޖަރީމާތަކެއް ހިންގާފައެވެ. މިޖަރީމާތަކަށް ހިއްވަރުދޭ ގައުމުތަކަކީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި އިސްތިއުމާރީ ބާރުތައްކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނެވެ.