ޝިކާގޯ (މޭ 22) : ނޭޓޯގެ ސަމިޓް ނިމިގެންދިޔައިރުވެސް ޕާކިސްތާންް ހުރަސްކޮށް ނޭޓޯގެ ސައިޕްލައިތައް އަފްޣާނިސްތާނަށް ގެންދިޔުމުގެ މައްސަލަ ޙައްލުނުވިނަމަވެސް މިހާރު އެމައްސަލަ ޙައްލުވާން ކައިރިވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ދެދުވަހުގެ މުއްދަތަށް އެމެރިކާގެ ޝިކާގޯގައި ކުރިޔަށްދިޔަ ނޭޓޯގެ އިސްވެރިންނާއި ނޭޓޯއާ ގުޅުންހުރި ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ނިންމާލުމަށްފަހު ދެއްވި ބަޔާނެއްގައި ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވިދާޅުވީ ނޭޓޯގެ ސަމިޓް ގައި، ޕާކިސްތާންް ހުރަސްކޮށް ނޭޓޯގެ ސަޕްލައިތައް އަފްގާނިސްތާނަށް ގެންދިޔުމުގެ މައްސަލަ ހައްލުނުވާ ކަމަށާއި ނަމަވެސް އެމައްސަލަ ޙައްލުކުރުމާބެހޭގޮތުން ޕާކިސްތާނާއި ނޭޓޯގެ ޚާއްސަ މަޝްވަރާތަކެއް ކުރިޔަށްދާ ކަމަށެވެ. މިމައްސަލަ ޙައްލުވާނީ ޕާކިސްތާނާއި ނޭޓޯއިންވެސް ދޫދިނުމުން ކަމަށްވާތީ މައްސަލަ ޙައްލުވާހިސާބާ ވަރަށްގާތަށް މަޝްވަރާތައް ކުރިޔަށްގޮސްފައިވާ ކަމަށް ޒަރުދާރީ ވިދާޅު ވިއެވެ.

ނޭޓޯގެ ސަޕްލައިތައް ޕާކިސްތާނުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު، ނޭޓޯގައި ހިމެނޭ އެމެރިކާ ސިފައިން ޕާކިސްތާނުގެ ސަރަޙައްދުގެ ޙުރުމަތް ކެނޑުމަށްފަހުދިން ވަރުގަދަ ޙަމަލާތަކެއްގައި ޕާކިސްްތާން ސިފައިންގެ 24 މީހަކު މަރުވުމާގުޅިގެން ނޭޓޯއަށް އަދަބު ދިނުމުގެ ގޮތުން ޕާކިސްތާނުން އެޖަމާއަތާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ތެރެއިންނެވެ.

އަފްޣާނިސްތާނުގައި ތިބޭ ނޭޓޯ ސިފައިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫން މަދަނީ ސަޕްލައިތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓް ގެންދަނީ ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ތެރެއިންނެވެ. މި ސަޕްލައިތައް ގެންދިޔުން ޕާކިސްތާނުން މަނާކުރުމާގުޅިގެން ނޭޓޯއަށްވަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކަކާއި ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ. ޕާކިސްތާން އެދެނީ އެމެރިކާއިން އެޤައުމަށް ޙަމަލާދީ 24 ސިފައިން މަރާލިމައްސަލާގައި ނޭޓޯއާއި އެމެރިކާއިން ޕާކިސްތާނުގެ ކިބައިން ރަސްމީކޮށް މައާފަށް އެދި އެކަމުގެ ބަދަލުދިނުމަށެވެ. ބަދަލުދިނުމަށް އެއްބަސްވިނަމަވެސް ރަސްމީގޮތުން މިކަމަށް މައާފަށް އެދުމަށް އެމެރިކާވަނީ ތަކުރާރުކޮށް ދެކޮޅުހަދާފަ އެވެ.

ނޭޓޯގެ ސަމިޓްގައި ތަގުރީރުކުރައްވަމުން ޕާކިސްތާނުގެ ރައީސް ޒަރުދާރީ ވިދާޅުވީ ޕާކިސްތާންް ހުރަސްކޮށް ނޭޓޯގެ ސައިޕްލައިތައް އަފްޣާނިސްތާނަށް ގެންދިޔުން މަނާކުރުމަކީ "ނޭޓޯއަށް ތަދުވާވަރަށް އެޖަމާއަތުގެ ގައިގާ ޖެހުނު ވަރަށްބޮޑު އެތިފަހަރެއް@ ކަމަށެވެ. ޕާކިސްތާނުގެ މަގަކީ އެމަގު ބަންދުކޮށްފިނަމަ އެފަދަ ދެވަނަ އިހުތިޔާރެއްވެސް ނޭޓޯއަށް ނެތްވަރުގެ މުހިއްމުމަގެއްކަން ނޭޓޯގެ ސަމިޓުން އެނގިވަޑައިގެންފި ކަމަށްވެސް ޒަރުދާރީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނޭޓޯއަށް ކޮންމެވެސް ވަރެއްގެ ދޫތަކެއް ޕާކިސްތާނުން ދޭނެކަމަށާއި ނަމަވެސް ނޭޓޯ ކުރިން ހިންގިފަދަ އުދުވާނީ އެއްވެސް އަމަލެއް ދެން ތަކުރާރުވެގެންނުވާނެ ކަމަށް ސަމިޓްގައި ވާހަކަ ދައްކަވަމުން ޒަރުދާރީ ވިދާޅު ވިއެވެ.

ޕާކިސްތާނުގެ ޕާލަމެންޓުންވަނީ ނޭޓޯއާ މުއާމަލާތްކުރާނެ ގާނޫނީ އިންތަކަކާއި ގޮތްތަކެއް މިހާރު ކަނޑައަޅާފަ އެވެ. މީގެތެރޭގައި ޕާކިސްތާނުގެ މަގުން ހުރަސްކުރާ ނޭޓޯގެ ސަޕްލައިތައް ގެންދާ ލޮރީތަކުގެ ތެރެއިން ކޮންމެ ލޮރީއަކަށް ކުރިން ނަގަމުން ގެންދިޔަ އަގު ބޮޑުކުރުން ހިމެނެ އެވެ. ނޭޓޯގެ ލޮރީއަކަށް ކުރިން ޕާކިސްތާނުން ނަގަމުންގެންގޮސްފައިވަނީ ލޮރީއަކަށް 200 އެމެރިކާ ޑޮލަރުކަމަށްވިޔަސް މިހާރު ލޮރީއަކަށް 5،000 ޑޮަލަރު އެ ގައުމުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.(ނޫސްއެެޖެންސީތައް)