މެންޗެސްޓާ ސިޓީއަށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރެވޭނެ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-3ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި ސިޓީގެ ޑިފެންސުން ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ.

އެ މެޗުގެ ކުރިން ޗެލްސީ އަދި ލިވަޕޫލް އަތުން ވެސް ސިޓީ ވަނީ އެއްވަރުވެފައެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ޕޮއިންޓުތަކެއް ގެއްލުނު ނަމަވެސް، ލީގު ކާމިޔާބުކުރުމަށް ސިޓީއަށް އަދިވެސް ބޮޑު ފުރުސަތެއް އެބައޮތް ކަމަށް ކޯޗު ގާޑިއޯލާ ގަބޫލުކުރެއެވެ.

"އަހަރެމެންނަށް އަދިވެސް ޕްރިމިއާ ލީގު ކާމިޔާބުކުރެވޭނެ. އަހަރެމެން ލިވަޕޫލް އަދި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ފެންވަރު ދައްކައިފި ނަމަ، އަހަރެމެންނަށް އަނެއްކާ ވެސް ލީގު ކާމިޔާބުކުރެވޭނެ. އެއީ ފަސޭހަ ކަމެއް ނޫންކަން ވެސް އެނގޭ،" ގާޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގުގައި ސިޓީ މި ވަގުތު އޮތީ ކުޅުނު 14 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް އާސެނަލަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 14 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.

ލީގުގައި ސިޓީން މިރޭ ނުކުންނަން ޖެހޭނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. ރަށުން ބޭރުގައި ސިޓީން ކުޅޭ އެ މެޗު ފެށުމަށް ހަމެޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 1:15 ގައެވެ.