ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް- އޭ1 ގައި އިނގިރޭސިވިލާތާއިއާއި ސްކޮޓްލަންޑް ބައްދަލުކުރި މެޗު އިންލަންޑް ކާމިޔާބު ކުރުމާއެކުވެސް އެމުބާރާތުގެ ސެމީފައިނަލަށް ނުގޮސް ކަޓައިފިއެވެ.

ސްކޮޓްލަންޑްގައި ކުޅުނު މި މެޗު އިނގިރޭސި ޓީމުން ކާމިޔާބުކުރީ 0-6ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗަށް ނިކުތްއިރު އިނގިރޭސި ޓީމުން ސެމީފައިނަލުން ޖާގަ ކަށަވަރުކުރުމަށް ޓަކައި މި ގްރޫޕްގައި ދެން ހިމެނޭ ދެ މެޗު ކަމަށްވާ ނެދަލަންޑްސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗުގައި ނެދަލަންޑްސް އިން ހޯދި ނަތީޖާ އަށް ވުރެ ތިން ލަނޑު އިތުރަށް ޖަހަން ޖެހެއެވެ.

ނަމަވެސް ހަ ލަނޑުން ވެސް އެކަން ހާސިލް ކުރެވޭގޮތެއް ނުވިއެވެ.

އެއާއެކު އަންނަ އަހަރު ފްރާންސްގެ ވެރި ރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގައި އިނގިރޭސިވިލާތުގެ އަންހެން ޓީމު ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ގެއްލިފައެވެ.

އިނގިރޭސި އަންހެން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުންވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ލަނޑު އެ މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލެކްސް ގްރީންވުޑްއެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު މެޗުގެ 38ވަނަ މިނެޓާއި 39ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޯރެން ޖޭމްސްއެވެ.

ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބެތު މީޑެވެ. މި މެޗުގައި އިނގިރޭސިވިލާތުގެ ފަސްވަނަ ލަނޑު މެޗުގެ 49ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފްރޭންކް ކާބީއެވެ. އަދި އެ ޓީމްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ލޫސީ ބްރައިންއެވެ.