06 Dec 2023, 07:59
މެންޗެސްޓާ ޔުނައިޓެޑުގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުންދާ ކޯޗު އެރިކް ޓެން ހާގަށް ދެވޭނެ ނަސޭހަތެއް ނެތް ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން 1-0ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވި މެޗަށްފަހު ދައުރުވި މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، އެ ޓީމުގެ ތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް ހޫނުވެފައެވެ. އެގޮތުން ޓެން ހާގާ މައްސަލަތަކެއް ޖެހިފައިވާ ޖޭޑަން ސަންޗޯ އަނބުރާ ސްކޮޑަށް ގެނައުމަށް ވެސް ބައެއް ކުޅުންތެރިން ގޮވާލާފައިވާ ކަމަށް ވެސް ރިޕޯޓުކުރެއެވެ.
އެ ރިޕޯޓުތަކާ ގުޅިގެން، ދޮގު ޚަބަރު ފަތުރާ ކަމަށްބުނެ ޔުނައިޓެޑުން ވަނީ ބައެއް ނޫސްވެރިންނަށް ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިނުވެވޭ ގޮތަށް ފިޔަވަޅު އަޅައިފައެވެ. ލީގުގައި މިއަދު ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު، ޓެން ހާގްއަށް ދޭން އޮތް ނަސޭހަތެއް އޮތްތޯ ނޫސްވެރިން ވަނީ ޗެލްސީގެ ކޯޗު ޕޮޗެޓީނޯއާ ސުވާލު ކުރިމަތިކުރުވައިފައެވެ.
"ނަސޭހަތެއް ނެތް. އަހަރެންގެ ކޯޗިން ޓީމާއެކު އަހަރެން މަސައްކަތްކުރަނީ ވީހާވެސް ރަނގަޅަށް މަސައްކަތްކުރަން. އެހެން ކޯޗުންނަށް އަހަރެމެންނަށް ނަސޭހަތެއް ނުދެވޭނެ. އަހަރެންނަށް ހީވަނީ ކޯޗުންގެ ތަޖުރިބާ ހުންނާނެ. އެހެން ކްލަބެއްގައި ހިނގާ ކަމަކާ ގުޅޭގޮތުން ވާހަކަދެއްކުމަކީ ވެސް އަހަރެންގެ ޒިންމާއެއް ނޫން،" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުންޏެވެ.
އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 1:15 ގައެވެ. އެ މެޗަށް ނުކުންނަ އިރު، ޔުނައިޓެޑު އޮތީ ކުޅުނު 14 މެޗުން ލިބުނު 24 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތްވަނައިގައެވެ. ޗެލްސީ އޮތީ ކުޅުނު 14 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ.