އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވަހެމްޕްޓަން ވޮންޑަރާސާއި ބާންލީ ބައްދަލުކުރި މެޗު ވުލްވްސް ކާމިޔާބުކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ވުލްވްސް އިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާތަކެއް އުފެއްދުނީ ބާންލީއަށެވެ.

އެގޮތުން ބާންލީން މެޗުގެ 38ވަނަ މިނެޓްގައި ޖޭ ރޮޑްރިގޭޒް އާއި ޖޯޝް ބްރައިންހިލް ގޯލު ކައިރިން ފޮނުވާލި ދެ ހަމަލާ ވެސް ވަނީ ވުލްވްސްގެ ގޯލް މި މެޗުގައި ބަލަހައްޓަމުންދިޔަ ޑެނިއެލް ބެންޓްލީ ދިފާއުކޮށްފައެވެ.

އޭގެ ފަސް މިނެޓް ފަހުން ވުލްވްސްއިން ވަނީ މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ.

ބާންލީގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އުފެއްދި މި ހަމަލާ ކާމިޔާބުކޮށް ވުލްވްސްއަށް ލީޑު ނަގައިދިނީ ހުވާންގް ހީ ޗާންއެވެ. މިއީ މިސީޒަންގައި އޭނާ ވުލްވްސް އަށް ކާމިޔާބު ކޮށްދިން ނުވަވަނަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފްގައި ބާންލީއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެ ކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. މި ކާމިޔާބީއާއެކު ވުލްވްސް މިހާރުވަނީ ކުޅުނު 15 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ބާންލީ އުޅެނީ ހަތް ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.