އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގައި އުޅޭ އާސެނަލް އާއި ލޫޓަން ޓައުން ބައްދަލުކުރި މެޗްގައި އެންމެ ފަހު ވަގުތު ޑޭކްލަން ރައީސް ޖަހާދިން ލަނޑުން އާސެނަލް މޮޅުވެއްޖެއެވެ.

ލޫޓަން ޓައުންގެ ދަނޑުގައި ކުޅުނު މި މެޗް އާސެނަލް ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ތިން ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. ނަމަވެސް ލޫޓަންއިން ވެސް ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ލިބުނު ފުރުސަތު ތަކުގައި އާސެނަލްގެ ގޯލަށް ހަމަލާ ދީފައެވެ.

މި މެޗްގެ ފުރަތަމަ ލަނޑު ޖަހައި މެޗްގެ ލީޑު ނަގައިފައި ވަނީ އާސެނަލް އިންނެވެ. މި ލަނޑު މެޗްގެ 20 ވަނަ މިނެޓްގައި އެ ޓީމަށް ޖަހައިދިނީ ގެބްރިއެލް މާޓިނެއްލީއެެވެ. ނަމަވެސް މި ލީޑު އާސެނަލްއަށް ދެމެހެއްޓޭ ވަރުވީ އެންމެ ފަސް މިނެޓް ވަންދެނެވެ.

ލޫޓަންއިން ވަނީ މެޗްގެ 25 ވަނަ މިނެޓްގައި ލިބުނު ކޯނަރެއްގައި ގެބްރިއެލް އޯޝޯ ޖަހައިދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި މެޗްގައި ދެވަނަ ފަހަރަށް އާސެނަލްއިން ލީޑު ނަގައިފައި ވަނީ ފުރަތަމަ ހާފްގެ ފަހު މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގެބްރިއެލް ޖޭސޫސްއެވެ. މި ލަނޑާއެކު ލީޑުގައި އޮވެގެން އާސެނަލް ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރު މިނެޓްގެ ތެރޭގައި އެލީޖާ އަޑެބަޔޯ ޖަހާދިން ލަނޑުން ލޫޓަންއިން ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މި މެޗްގައި ދެން ފެނިގެންދިޔައީ ލޫޓަންއިން މެޗްގެ ލީޑު ނެގި ތަނެވެ. މި ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި އެ ޓީމަށް ޖަހައިދިނީ ރޮސް ބާކްލީއެެވެ. މި މެޗްގައި ލޫޓަންއަށް ވެސް މިލީޑު މާގިނަ އިރު ދެމެހެއްޓޭ ގޮތެއް ނުވިއެވެ.

އާސެނަލްއިން ވަނީ މެޗްގެ 60 ވަނަ މިނެޓްގައި ކައި ހަވާޓްޒް ނަޖައިދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް މި މެޗުން އާސެނަލް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓްގައި ޖަހާ ލީޑު ނަގައިދިނީ ރައިސްއެވެ.

މި ކާމިޔާބީއާއެކު އާސެނަލް މިހާރު މި ވަނީ އެ ޓީމް އެންމެ ފަހުން ކުޅުނު ހަ މެޗްވެސް ކާމިޔާބުކޮށްފައެވެ. އަދި މިއާއެކު އެ ޓީމުން މި ވަނީ ޕްރިމިއާ ލީގުގެ ތާވަލްގައި ފަސް ޕޮއިންޓްގެ ލީޑެއްވެސް ނަގައިފައެވެ. އެއީ ކުޅުނު 15 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކުއެވެ. ނަމަވެސް މިރޭ ދެވަނައިގައި އުޅޭ ލިވަޕޫލް ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކޮށްފި ނަަމަ މިފަރަގު އަނެއްކާ ދެ ޕޮއިންޓަށް ކުޑަވެގެން ދާނެއެވެ.

މި މެޗުން ބަލިވުމުން ލޫޓަން ޓައުން އުޅެނީ ނުވަ ޕޮއިންޓާއެކު 17 ވަނައިގައެވެ.