ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅުނު އާދަޔާ ޚިލާފު ރޯލުތައް ކުޅުމުގެ ހިތްވަރު ލިބުނީ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ފަރާތުން ކަމަށް ބަތަލާ ވިދްޔާ ބުނެފިއެވެ.

ދާދި ފަހުން އިންޑިއާގެ ގޯއާގައި ބޭއްވި މި އަހަރުގެ (އައިއެފްއެފްއައި)ގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވިދްޔާ ވަނީ ފިލްމީ ދާއިރާގައި ދިމާވި ބައެއް ގޮންޖެހުންތަކުގެ ވާހަކަތައް ވެސް މީޑިއާއާ ހިއްސާކޮށްފައެވެ.

'ވިމެން އެންޑް ދަ ގްލާސް ސީލިންގް'ގެ ނަމުގައި ކުރިއަށް ދިޔަ ސެޝަނެއްގައި ވިދްޔާ ބުނީ ބަތަލާގެ ފިލްމީ ކެރިއަރު ބަދަލުވީ ފިލްމު "ދަ ޑާޓީ ޕިކްޗާ"އަށް ފަހުއެވެ. އެކްތާ ކަޕޫރު ޕްރޮޑިއުސްކުރި މި ފިލްމުގައި ވިދްޔާ ކުޅެފައިވަނީ ސައުތު ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ ސިލްކް ސްމިތާގެ ރޯލެވެ. ބަތަލާއިންނަށް ވެސް ފިލްމުތަކުގެ ލީޑް ރޯލް ކުޅެވިދާނެކަން އެކްތާ ސާބިތުކޮށްދިނީ މި ފިލްމުން ކަމަށާއި އެފަދަ ރޯލުތައް ކުޅެން ވިދްޔާއަށް ހިތްވަރު ލިބުނީ ސިލްކް ސްމިތާގެ ބައޮޕިކަށް ފަހު ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމަށް ފަހު ވިދްޔާ ކުޅުނު ގިނަ ފިލްމުތަކަކީ، ލީޑް ރޯލްއިން ބަތަލާ ފެނުނު ފިލްމުތަކެކެވެ. އޭގެ ތެރޭގައި "ކަހާނީ"، "ބޮބީ ޖާސޫސް"، "ތުމާރީ ސުލޫ" އަދި "ޝަކުންތަލާ ދޭވީ" ފަދަ ފިލްމުތައް ހިމެނެއެވެ.

ވިދްޔާ ބާލަން ފިރިމީހާ ސިދާތު ރޯއި ކަޕޫރާއެކު

ވިދްޔާއަކީ ފިލްމީ ކެރިއަރު ފެށިތާ ހަށިގަނޑުގެ ބަރުދަން އިތުރުވެފައިވާތީ އާއްމުންގެ ފާޑުކިޔުންތަކާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނު ބަތަލާއެކެވެ. ނަމަވެސް ފިލްމު "ޑާޓީ ޕިކްޗާ"އަށް ފަހު އާއްމުންގެ ވިސްނުން ކޮންމެ ވެސް ވަރަކަށް ބަދަލުކޮށްލެވުނު ކަމަށް އުއްމީދުކުރާ ކަމަށް ވިދްޔާ ވަނީ ބުނެފައެވެ.

މީހާގެ ހަށިގަނޑުގެ ބަރުދަން ކިތަންމެ ބަރުވިޔަސް ރީތިކޮށް ހެދުން އެޅުމަށް ލޫޅާފަތި ހަށިގަނޑެއް ބޭނުންނުވާކަން އެ ފިލްމުން ވިދްޔާއަށް ވިސްނުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އޭނާއަކީ އަބަދު ވެސް ވަރަށް ޗެލެންޖިންގް ރޯލްތައް ކުޅެން ޝައުގުވެރިވާ ބަތަލާއެއް ކަމަށާއި އެކަމުގެ ހުރިހާ ކްރެޑިޓެއް ދޭން ބޭނުންވަނީ އެކްތާ ކަޕޫރަށް ކަމަށް ވިދްޔާ ވަނީ ބުނެފައެވެ. މި އަހަރުގެ ޖުލައި މަހު ފިލްމު "ނީޔަތު"އިން ފެނުނު ބަތަލާ އަންނަނީ "ލަވާސް"ގެ ނަމުގައި އުފައްދާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.