06 Dec 2023, 07:42
މި މަހުގެ 21ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ޝާހްރުކް ޚާންގެ ފިލްމު "ދުންކީ" ބައިނަލްއަޤުވާމީ މާކެޓަށް ނެރެން ޔަޝް ރާޖް ކުންފުނިން ނިންމައިފިއެވެ.
ފިލްމު "ދުންކީ" ބައިނަލްއަޤުވާމީ މާކެޓަށް ނެރޭނެކަން އިއުލާނުކޮށްފައިވާއިރު މި ފިލްމުގެ ޓްރެއިލާ ވެސް އިއްޔެގެ ވަގުތެއްގައި ވަނީ އާއްމުކޮށްފައެވެ.
މިހާތަނަށް ފިލްމުގެ ދެ ލަވައެއް ވެސް ރިލީޒްކޮށްފައި ވާއިރު މި ފިލްމު ރިލީޒްވާނެ ދުވަހަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޝާހްރުކްގެ ސަޕޯޓަރުން އަންނަނީ އިންތިޒާރު ކުރަމުންނެވެ. ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކޮށް ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމަންޓްއިން ޕްރޮޑިއުސްކުރާ މި ފިލްމަކީ އިންޑިއާއަށް ނިސްބަތްވާ ބަޔަކު ބޭރު ޤައުމަކަށް ހިޖުރަކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ސޯޝަލް ކޮމެޑީއެކެވެ. މި ފިލްމުގައި ލޯބީގެ ރަހަތަކާ އެކު ހަގީގީ ރަޙްމަތްތެރިކަމުގެ ގުޅުން ވެސް ދައްކުވައިދޭނެކަމަށް ރެޑް ޗިލީޒްއިން ވަނީ ބުނެފައެވެ.
ޝާހްރުކް ޚާން މި އަހަރު ބެލުންތެރިންނާ ބައްދަލުކުރި ދެ ފިލްމަކީ ވެސް ވަރަށް ވަރުގަދަ އެކްޝަން ސީންތައް ހިމެނޭ ފިލްމަށްވެފައި ތަފާތު ރޯލަކުން ޝާހު ބަލައިލަން ބޭނުންވާ ސަޕޯޓަރުން ވެސް މަދެއް ނޫނެވެ.

ފިލްމު 'ދުންކީ'ގެ ޕޯސްޓަރެއް
ބަތަލާ ތާޕްސީ ޕަންނޫ، ވިކީ ކޯޝަލް އަދި ބޮމަން އިރާނީ މުހިއްމު ރޯލުތައް ކުޅެފައިވާ މި ފިލްމުގެ ފުރަތަމަ ދުވަހުގެ ޝޯވް އެއްތަނަކަށް އެއްވެތިބެ ބެލުމަށް ޝާހުގެ ފޭން ކްލަބާ ގުޅިފައިވާ ސަޕޯޓަރުން އަންނަނީ ތައްޔާރުވަމުންނެވެ.
އެހެންކަމުން މި އަހަރު ރިލީޒްވި ޝާހުގެ ދެ ފިލްމަށް ލިބުނު ކާމިޔާބީގެ ދެ ގުނަ "ދުންކީ"އިން ހޯދާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.