ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް އެހީވުމަށް އިންޑިޔާގެ ޕަންޖާބާއި ހަރްޔާނާ ސްޓޭޓްގެ ހައި ކޯޓްގެ އިސް ފަނޑިޔާރުކަން ކުރިން ކުރައްވާފައިވާ ބޭފުޅަކު ފޮނުވަން އިންޑިޔާ އިން ނިންމައިފި އެވެ.

އިންޑިޔާގެ އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ "ދަ އިންޑިއަން އެކްޕްރެސް" ނޫހުން ބުނީ ޕަންޖާބާއި ހަރްޔާނާ ސްޓޭޓްގެ ހައި ކޯޓްގެ ކުރީގެ އިސް ފަނޑިޔާރު މުކުލް މުޑްގާލް ރާއްޖެ އަށް ފޮނުވަން ނިންމީ ކޮމިޝަންގެ މަސައްކަތް ނިންމާލުމަށް އެހީތެރިވުމަށް ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ނިންމެވުމަށް އޭނާ އަށް ވަނީ އަންގަވާފައި ކަމަށެވެ.

ނަމަވެސް އެފަދަ ކަމެއް ނިންމުމުގެ ބާރު އޭނާ އަށް ދިނީ އިންޑިއާ ސަރުކާރުން ކަމެއް ނުވަތަ ދިވެހި ސަރުކާރުން ކަމެއް އެ ލިއުމުގައި ބުނެފައެއް ނުވެ އެވެ.

އިންކުއަރީ ކޮމިޝަނަކީ ރާއްޖޭގެ ގިނަ ބަޔަކު އިތުބާރުކުރާ މިނިވަން ކޮމިޝަނަކަށް ހެދުމަށް އެކޮމިޝަންގެ އެކުލެވުމާއި ޓާމްސް އޮފް ރިފަރެންސް ބަދަލުކުރުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ދިން މުހުލަތު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށް ސަރުކާރުން ވަނީ ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް އެއްބަސްވެފަ އެވެ.
އެގޮތުން ސިންގަޕޫރުގެ ފަނޑިޔާރަކު ކޯ ޗެއާ ކުރުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ކޮމިޝަންގައި ހިމެނުމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ކޮމިޝަންގެ މަސައްކަތް ނިންމަން މިހާރު ހަމަޖައްސާފައިވާ ތާރީހަކީ އަންނަ ޖުލައި މަހުގެ 31 ގެ ނިޔަލަށެވެ.