އިންގްލިޝް ޕްރިމިއާ ލީގުން އިނގިރޭސިވިލާތުގެ ޗެނެލްތަކަށް ދޫކުރާ ޓީވީ ރައިޓްސް ރެކޯޑް އަގަކަށް ވިއްކަން އެއްބަސްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރިމިއާ ލީގުންވަނީ ސްކައި އާއި ޓީއެންޓީއާއެކު 6.7 ބިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެފައެވެ. މިއެއްބަސްވުން ފެށުމަށް ހަމަޖެހިފައިވަނީ މިހާރު ވެފައިވާ އެއްބަސްވުން، 2024-2025 ވަނަ އަހަރު ސީޒަން ނިމުމުން އާ ސީޒަނާއެކުއެެވެ.

މި އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު ބައެއް ދީފައިވަނީ ސްކައި އަށެވެ. މިގޮތުން ޕްރިމިއާ ލީގުން ތައާރަފު ކޮށްފައިވާ ފަސް ޕެކޭޖްގެ ތެރެއިން ހަތަރު ޕެކޭޖް ލިބިފައިވަނީ ސްކައިއަށެވެ. މީގެ ދަށުން ސްކައި ނެޓްވާކްއިން މަދުވެގެން 215 މެޗް ދެއްކުމުގެ ހުއްދަ ލިބޭނެއެވެ.

މީގެ ތެރޭގައި ހަފުތާ ބަންދުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ އިތުރުން ހޯމަ ދުވަހާއި ހުކުރު ދުވަހު ކުޅޭ މެޗްތައް ހިމެނެއެވެ. އަދި ހަފުތާގެ މެދުތެރޭގައި ކުޅޭ މެޗްތަކުގެ ތެރެއިން ތިން ރައުންޑެއްގެ މެޗުތައްވެސް ސްކައިއަށް ދެއްކުމުގެ ހުއްދަ ލިބޭނެއެވެ. ނަމަވެސް މިހާރެކޭ އެއްގޮތަށް ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ގަޑިން މެންދުރު ފަހު ތިނެއް ޖަހާއިރު ފަށާ މެޗުތައް ދެއްކުން ވަގުތުން ދެއްކުން މަނާވާނެއެވެ.

ޓީއެންޓީއަށް މިފަހަރު ލިބިފައިވަނީ މަދުވެގެން 52 މެޗް ދެއްކުމުގެ ހުއްދައެވެ. މިހާރުގެ އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނެއްގައި 20 މެޗް ދެއްކުމުގެ ހުއްދި ދިން އެމޭޒަންއަށް މިފަހަރުގެ އެއްބަސްވުމުގައި އެއްވެސް މެޗެއް ދެއްކުމުގެ ހުއްދައެއް ނުލިބެއެވެ.

ޕްރިމިއާ ލީގުން މިހާރު އަމަލުކުރަމުންދާ އެއްބަސްވުމުގެ އަގަކީ ފަސް ބިލިއަން ޕައުންޑެވެ. ޕްރިމިއާ ލީގުން ހާމަކުރިގޮތުގައި މިއެއްބަސްވުމުގެ ސަބަބުން އިންގްލަންޑްގެ ކްލަބްތަކަށް މާލީގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގައި އެހީއެއްލިބޭނެއެވެ.

ސްކައި އާއި ޓީއެންޓީގެ އިތުރުން ޕްރިމިއާ ލީގުންވަނީ މެޗްތަކުގެ ހައިލައިޓްސް ދެއްކުމުގެ ހުއްދަ ބީބީސީއިން ކުރިއަށް ގެންދާ މެޗް އޮފް ދި ޑޭ ޕްރޮގްރާމްއަށް ވެސް ދީފައެވެ. މިއެއްބަސްވުމަކީ ހަމައެކަނި އިނގިރޭސިވިލާތުގައި މެޗްތައް ދެއްކުމަށް ވެފައިވީ އެއްބަސްވުމެއް ކަމުން އިންޓަނޭޝަނަލް ރައިޓްސްގެ އަގު މިއަށްވުރެ ވަރަށް ބޮޑަށް އިތުރު ވާނެކަމަށްވަނީ ބެލެވިފައެވެ.