ތެހެރާން (މޭ 23) : އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާބެހޭ ގުޅުންހުރި ކަންކަމުގައި އީރާނުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއަށް ދެމުންގެންދާ އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމާ ވަރަށް ގާތަށް ދެވިފައިވާކަމަށް އެޓަމިކް އެނާޖީ އެޖެންސީގެ ވެރިޔާ ޔުކިޔާ އަމާނޯ ވިދާޅުވެއްޖެ އެވެ.

އީރާނުގެ މަސްއޫލުވެރިންނާ ތެހެރާންގައި ބޭއްވި މަޝްވަރާކުރެއްވުމަށްފަހު އެނބުރި ވިއެނާއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އެޓޮމިކް އެޖެންސީގެ ޗީފް، އަމާނޯ ވިދާޅުވީ މަޝްވަރާތައް ކާމިޔާބުކަމަށާއި އީރާނުން ތިބީ އެ ޤައުމުގެ ނިއުކްލިޔާ ޕްރޮގްރާމާބެހޭ ކަންތައްތަކުގައި އެއްބާރުލުން ދެއްވުމުގެ ރޫހުގައި ކަމަށެވެ. އަމާނޯ ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއްގައި އީރާނާއެކު ސޮއިކުރާ ހިސާބަށް ދެވިފައިވާ ކަމަށާއި އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ތެހެރާންގައި ދެއްވި ބަޔާނުގައި އަމާނޯ ވިދާޅުވެފައިވަނީ ހައްލުނުކުރެވޭ ބައެއް ކަންތައްތައް ދެފަރާތުގެ ދެމެދުގައި އަދިވެސް އެބަހުރި ކަމަށާއި އެކަންތައްތައް ޙައްލުކުރުމަށް ދެފަރާތުގެ މަޝްވަރާތައް ކުރިޔަށްއޮތް ދުވަސްތަކުގައި ކުރިޔަށްދާނެ ކަމަށެވެ. އީރާނާއި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ މަންދޫބުންނާ އެކު ވަނީ ފާއިތުވެދިޔަ ހަފްތާގައި ވިއެނާގައިވެސް މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަނެއްކޮޅުން ދެފަރާތުގެ ދެމެދުގައި އިރާގުގެ ވެރިރަށް ބަހުދާދުގައި އިތުރު މަޝްވަރާތަކެއް މިއަދު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. (އަލްޖަޒީރާ)