ކުރީ ސަރުކާރުން އެންމެ ގިނަ ވަޒީފާ ދީފައިވާ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކި ކުރާނަމަ، މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭނެ ކަމުގެ އިންޒާރު، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އިންޒާރު ދީފިއެވެ.

މިއަދުގެ ޖަލްސާގައި ފެނަކައިގެ މުވައްޒަފުން ގަވާއިދާ ޚިލާފަށް ވަކިކުރާކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުއްލި މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ދީދީއެވެ.

އެ މައްސަލައަށް ބަހުސްކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ ފެނަކައިގެ މައްސަލައަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާއާއި ކަރަންޓާއި އައިސް ޕްލާންޓުގައި ބުރަ މަސައްކަތް ކުރަން ތިބި މުވައްޒަފުން ކަނޑާ ގެއަށް ފޮނުވާލުމަކީ ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް މަޖިލީހުން ރުހުން ހޯދަން ބޭނުންވާނަމަ ޖެހޭނީ ރައްޔިތުން ވަޒީފާތަކުގައި ބައިތިއްބަންކަމަށް ވިދާޅުވެ ޝަހީމް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ރާއީ ވިދާޅުވީ އާ ސަރުކާރަށް މަހެއް ނުވާއިރު މުވައްޒަފުން ވަކިކޮށްފައި، ވަޒީރުންނަށް ރުހުން ހޯދަން އަންނަން ޖެހޭނީ ހަމަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހަށް ކަމަށެވެ. އެހެންކަމުން ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ރަށެއްގެ މުވައްޒަފަކަށް އެގޮތަށް ކަންތައް ކޮށްފިނަމަ ކެބިނަޓަށް ރުހުން ނުދޭނެ ކަމަށް ވަނީ އިންޒާރު ދެއްވައިފައެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވި ގޮތުގައި އެ ގޮތަށް މުވައްޒަފުން ވަކިކުރަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވަޒީރުންގެ ކެބިނެޓަށް ރުހުން ނުދީ ހުންނަވަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރާނަމަ ރުހުން ނުދޭން މަޖުބޫރުވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި، ކަރަންޓާއި، އައިސްޕްލާންޓް އަދި ނަރުދަމާއާއި ބޮޓްލިން ޕްލާންޓްތަކުގެ ޚިދުމަތް ދެމުންގެންދާ ފެނަކައިގެ މުވައްޒަފުން، މި ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ވަޒީފާއިން ވަކިކޮށް ޖައްސަމުންގެންދާ ހާލު ކުށްވެރިކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ ކުއްލި މައްސަލާގައި ބުނެފައިވަނީ މިހާރުގެ ސަރުކާރުން ފެނަކައިގެ މުވައްޒަފުން ނާއިންސާފުން ވަކި ކުރަމުން ދާ ކަމަށާއި އެހެންކަމުން އެކަން ހުއްޓުވައި ދިނުމަށް އެދޭ ކަމަށެވެ.

އެ މައްސަލާގައި އެމްޑީޕީ ނޫން ދެން ތިބި ޕާޓީތަކުގެ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާ ބަހުސްކުރައްވައިފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރީ ސަރުކާރު ނިމުނުއިރު، ފެނަކައިގެ ދަރަނި އޮތީ ތިން ބިލިއަނަށް ވުރެ އިތުރުވެފައެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައި ކަމަށާއި އެ ކުންފުނީގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕީސީބީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.