23 May 2012, 09:24
ވާރޭ ފެނަށް ވުރެ ބޮޑަށް ރަށްރަށުގައި ކުރިން ބޭނުން ކުރަމުން ދިޔައީ އެރަށެއްގެ މިސްކިތް ފަދަ ތަންތަނުގެ ވަޅުން ނަގާ ފެނާއި މީރު ފެންފަށަލަ ހުންނަ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވަޅުތަކުން ނަގާ ފެނެވެ. ބައެއް ރަށްރަށުގައި ދެ ފޫޓަށް ވަޅު ކޮނެ އުނބު ބޭނުން ކޮށްގެން ފެން ބޭނުންކުރަމުން ދިޔަ އެވެ. އޭގެ ފަހުން ކޮމިއުނިޓީ ފެން ތާނގިތައް ބެހެއްޓެން ފެށުމާއެކު އެފަދަ ތާނގީތަކުގައި ރައްކާކުރާ ވާރޭ ފެން ވެސް ދިޔައީ ހިސާބަކަށް ބޭނުން ކުރަމުންނެވެ. ހަގީގަތުގައި ރާއްޖެއަށް 2004 ވަނައަހަރު ސުނާމީ އައުމުގެ ކުރިން ވެސް ބޯފެނުގެ މައްސަލައަކީ އަތޮޅުތަކުގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. މައްސަލަ އިތުރަށް ގޯސްވީ ސުނާމީއަށް ފަހު އައި ބަދަލުންނެވެ.
ސުނާމީ އެރުމާއެކު ރަށްރަށުގެ ފެންފަށަލަ އެއްކޮށް ތަޣައްޔަރުވި އެވެ. އެހެން ކަމުން އޭރުން ފެށިގެން ކަންބޮޑުވާން ޖެހިފައިވާ ބޮޑު އެއް މައްސަލައަކީ ރަށްރަށުގެ ފެން ލޮނުވުމާއި ފެނުގައި ފާވަސް ދުވުމުގެ ސަބަބުން ބުއިމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުން ނުކުރެވުމެވެ. ފަހަކަށް އައިސް ކޮންމެ އަހަރަކު ރާއްޖެއަށް ދިމާވާ ފެނަށް ޖެހޭ މައްސަލަ ހައްލު ކުރަން ރަށްރަށަށް ފެން ފޮނުވައި ދެމުން ދިޔަ ނަމަވެސް އަސްލު މައްސަލައަކަށް ހައްލެއް ނުހޯދެ އެވެ. އަދި ފެނަށް ޖެހޭ ރަށްރަށަށް ފެން ފޮނުވައި ދިނުމަކީ މައްސަލައިގެ ހައްލެއް ކަމަކަށް ނުވެސް ބެލެވެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓްގެ ޑިރެކްޓަރު، ހަސަން ހިސާން ވިދާޅުވި ގޮތުގައި ރަށްރަށް ފެނަން ޖެހުމުން ފެންފޯރު ކޮށްދިނުމަކީ ވަރަށް ދަތި އުނދަގޫ، ބުރަ ބޮޑު މަސައްކަތެއް ނަމަވެސް އެ ހިދުމަތަކީ ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭ ހިދުމަތަކަށް ވާތީ އަވަހަށް އެކަން ކަން ކޮށްދެވޭތޯ އަބަދުވެސް މަސައްކަތް ކުރެވެ އެވެ.
ހަސަން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ ރަށްތަށް އުފެދިފައިވާ ގޮތުން ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ އުނދަގޫ އަދި ހަރަދު ބޮޑު މަސައްކަތެކެވެ. ނަމަވެސް އަންނަ އަހަރުގެ ހޫނު މުސޫމާއި ކުރިމަތިލުމުގެ ކުރިން ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާތަކަށް ބަލައި ދެމެހެއްޓެނިވި ގޮތަކަށް ފެން ފޯރުކޮށްދެވޭނެ ގޮތެއް ރޭވުމަށް ޑިޒާސްޓާގެ ވިސްނުން އެބައޮތެވެ.
"ސުނާމީއަށް ފަހު އެކި ރަށްރަށަށް ސަޕްލައިކޮށްދީފައި ހުރި އާރްއޯ ޕްލާންޓްތައް [ފެން ޕްލާންޓުތައް] ޖަނަރޭޓަރުތައް އެފަދަ އެއްޗެހިތައް ސްޓޭޓަސް އާއި ކަންޑިޝަން ޗެކްކުރުމުގެ މަސައްކަތް ދަނީ ކުރަމުން ހަލާކުވެފައި ހުރި ބައެއް ސާމާނުތައް ނެޝަނަލް އޮޕަރޭޝަން ސެންޓާއިން އެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް ކުރަމުން މިދަނީ. ޕްރޮޖެކްޓް ފެށުނީމަ ރާއްޖޭގެ ކޮންމެ ރަށެއްގައި ބެހެއްޓިފައި ހުރި ޕްލާންޓެއް އިންސްޓޯލް ކޮށްފަ ހުއްޓަސް އަދި އިންސްޓޯލް ނުކޮށް ހުއްޓަސް އަދި ބޭނުން ނުކޮށް ހުރި ޕްލާންޓުތައް ރަނގަޅުކުރުމުގެ މަސައްކަތް ފަށާނެ" ހަސަން ވިދާޅުވި އެވެ.
ރަށްރަށުގެ ފެން ތަޣައްޔަރުވެގެން ދިޔައިރު ސަރުކާރާއި ބޭރުގެ ބައެއް ޖަމާއަތްތަކުގެ އެހީތެރިކަމާއެކު ރަށްރަށުގައި ފެން ރަށްކާކުރުމަށް ކޮމިއުނިޓީ ޓޭކުންތަކެއް ހުރިނަމަވެސް އެ ޓޭންކުތަކުގެ އެންމެ މުހިން ބޭނުން ނުކުރެވި ދިޔައީ ވާރޭ ފެނަށް އޭރު ސަމާލުކަން ނުދީ ވަޅުފެން ބޭނުން ކުރުމުގެ ސަބަބުންކަމަށް ޑިޒާސްސްޓާ މެނޭޖުމެންޓުން ފާހަގަ ކުރެ އެވެ.
މިދިއަ ތިން އަހަރުގައި އެއް ގޮތަކަށް ނަތީޖާ ނުކުމެ އިމަޖެންސީކޮށް ފެން ސަޕްލައި ކޮށްދެމުން ދިޔައަސް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރަށް އޮންނަނީ ގޮންޖެހުމާ ކުރިމަތިވެފަ އެވެ. ރައްކާތެރި ކަމާއެކު ރަށްރަށަށް ފެން ސަޕްލައި ކޮށްދޭނެ އުޅަނދު ފަހަރު ރާއްޖޭގައި ނެތުމާއި އެއް ފަހަރާ ހުރިހާ ރަށަކަށް ފެން ފޮނުވައި ނުދެވުމަކީ ދިމާވާ އެއްމެ ބޮޑު އެއް މައްސަލަ އެވެ.
ވާރޭ ނުވެހި ގިނަ ދުވަސްވުމުން، ފެން ލިބުން ދަތިވެ، ފެނަށް ޖެހިގެން މިއަހަރު ތެރޭގައި މިހާތަނަށް 117 ރަށަކުން ރިޕޯޓްކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ބުނެ އެވެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 6926.86 ޓަނުގެ ފެނަށް ރާއްޖޭގެ އެކި ރަށްރަށުން އެދިފައި ވެއެވެ. އަދި އެރަށްރަށަށް ފެން ސަޕުލައި ކޮށްދިނުމަށް ހާއްސަ އުޅަނދެއްގެ އެހީގައި ވަނީ ފެން ފޯރުކޮށްދީފަ އެވެ. އެގޮތުން 80 އަށް ވުރެ ގިނަ ރަށަށް ފެން ފޯރުކޮށްދެވުނު އިރު 13 ރަށަކުން މިވަގުތަށް ފެން ބޭނުން ނުވާކަމަށް އަންގަފައި ވެއެވެ.
ރާއްޖެއަށް އެންމެ ހޫނުގަދަ، އަދި ވާރޭ ނުވެހި ދާ ދުވަސްވަރު ފެން ފޯރުކޮށްދިނުމަކީ އެ ސެންޓަރަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެކަމަށް އޮތް ދާއިމީ ހައްލަކީ ކޮބައި ހެއްޔެވެ؟
ހަސަން ވިދާޅުވި ގޮތުގައި ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ފެންޕްލާންޓް ބަހައްޓައި އެ ސަރަހައްދަކަށް ބޭނުންވާ ފެން އުފެއްދުމަށްފަހު ފޯރުކޮށް ދިނުމުގެ ބޮޑު މަޝްރޫއުއެއް ސަރުކާރުން ވަނީ ރާވާފަ އެވެ. ދާއިމީ ގޮތެއްގައި އެފަދަ ބޮޑުކަމެއް ހައްލުކުރާއިރު ސަރުކާރައި ރަށުކައުންސިލާއި ލޯކަލް ގަވަރުމެންޓު އޮތޯރިތީގެ އިތުރަށް އެރަށެއްގެ މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއްކުރަން ޖެހެ އެވެ.
މީގެ ދެއަހަރު ތަފާސްހިސާބުތަކަށް ބަލާއިރު 2010 ވަނައަހަރު ފަސް މިލިޔަން ރުފިޔާގެ ބޯފެން ސަޕްލައި ކުރަން ޖެހުނު އިރު 2009 ވަނަ އަހަރު 11 މިލިޔަން ރުފިޔާ ހޭދަ ކުރަން ޖެހުނެވެ. މިދިއަ އަހަރުގެ ވެސް ބޮޑު އަދަދެއް ބޯފެން ރަށްރަށަށް ސަޕްލައިކުރުމަށް ހަރަދުކުރަން ޖެހުނެވެ.
"ރަށްރަށުގައި ފެން ރައްކާކުރެވޭނެ ގޮތްތަށް ހުރިނަމަވެސް އެގޮތުން ސުނާމީއާއި ގުޅިގެން ރަށްރަށަށް ބެހި ކަޅުހަންތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވޭކަން ފާހަގަކުރެވޭ ވެހޭތާ ފެންނަގާށޭ ބުނާ ބީދައިން ރަށްރަށުގައި ބަހައްޓާފައިވާ ހަންތަކުގައި ފެން ރަށްކާކުރުމަކީ ވަރަށް މުހިންމުކަމެއް،" ހަސަން ވިދާޅުވި އެވެ.
ރާއްޖެއަށް ދިމާވެފައިވާ ފެނަށްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތަކީ ހަރަދު ބޮޑު މަސައްކަތެއްކަން އެންމެނަށް ވެސް އެއްބަސްވެއެވެ. އެކަމަކު އެ މަސައްކަތް ކުރެވޭހެއްޔެވެ؟