05 Dec 2023, 09:49
ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަކަށް ގެއްލުން ދިނުމުގެ ސަބަބުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، 5،100 ރުފިޔާއިން ޖޫރިމަނާކުރަން، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުގައި އިންނެވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، އިއްޔެގެ ޖަލްސާގައި މެންބަރު ޖާބިރު ވަނީ މަޖިލިސްކުރާ މާލަމުގައި ބަހައްޓާފައި ހުރި މައިކްރޯފޯނަކަށް ގެއްލުން ދީފައި ކަމަށެވެ. އަދި އެއީ ޖާބިރުގެ މޭޒުގައި ބަހައްޓާފައި ހުރި މައިކްރޯފޯނެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، އެ އެއަށް ދިން ގެއްލުމާއެކު އެ މައިކްރޯފޯން ބަދަލުކުރާ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
"އެހެންކަމުން އެ މައިކްރޯފޯނު ބަދަލުކުރުމަށް 5،100 ރުފިޔާ ޚަރަދުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ މައުލޫމާތުދީފަ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތު ތެރޭގައި މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ނުވަތަ ގާނޫނާ ގަވާއިދާ ޚިލާފަށް މެންބަރަކު ކަމެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ހިނދެއްގައި އެކަމެއް ބަލައި ތަހުގީގުކޮށް ގަވާއިދާ ޚިލާފަށް މެންބަރަކު އަމަލުކޮށްފިނަމަ އެ މެންބަރަކާ މެދު އަޅަންވީ ފިޔަވަޅުގެ ލަފާ މަޖިލީހުގެ ރައީސަށް އެރުވުން ހިމެނިފަ ވާތީ އެ މައްސަލައިގެ ލަފައެއް ހޯދަން ކޮމިޓީއަށް އެ މައްސަލަ ފޮނުވާފައި ވާނެ ކަމަށެވެ.
އަދި ގަވާއިދާ ޚިލާފަށް އެފަދަ އަމަލެއް އެއްވެސް މެންބަރަކު ނުކުރުމަށް އަސްލަމް ވަނީ ނަސޭހަތްތެރިވެފައެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޖާބިރު ވަނީ މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާ ވާހަކަދައްކަވަމުން ދަނިކޮށް އަޑުގަދަކޮށް މަޖިލީހުގެ ނިޒާމު ގެއްލުވާލާފައެވެ.
އެއާއެކު ރިޔާސަތުން ވަނީ ޖާބިރުގެ ނަން އިއްވާ ތަޅުމުން ބޭރަށް ނިކުތުމަށް އެދިލައްވާފައެވެ.
މަޖިލީހުގެ މެންބަރުން މަޖިލިސް ތަޅުމުގައި ހުންނަ ތަކެއްޗަށް ގެއްލުން ދިނުމުގެ ސަބަބުން މީގެ ކުރިން ވެސް ޖޫރިމަނާކޮށްފައިވެއެވެ.