05 Dec 2023, 00:34
އިންޑިއާ ކަނޑުގެ މި ސަރަހައްދުގެ ތަރައްގީއާ ގުޅޭގޮތުން ޗައިނާގައި ބާއްވާ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިރޭ ޗައިނާއަށް ފުރައިވަޑައިގެންފިއެވެ.
އެ މަނިކުފާނު ފުރައިވަޑައިގަތީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ - އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ކޮންފަރެންސް އޮންނާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
އެ ފޯރަމްގައި ނައިބު ރައީސް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު އަރިހުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ ޖެނީވާގައި އޮންނަ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.
އެ ރަސްމިއްޔާތު މި މަހުގެ 11 އިން 12 އަށެވެ.
ނައިބު ރައީސް މިރޭ ފުރައިވަޑައިގެންނެވިއިރު، އާދިއްތަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ އިސް މިނިސްޓަރުންވަނީ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފައެވެ.