22 May 2012, 21:39
ސިކްސް ސެންސަސް ސޮނޭވާ ގިލި ރިސޯޓާއި ތ. އަތޮޅު މާލެފުށީގައި ތަރައްގީ ކުރަމުން ދިޔަ ރިސޯޓް ބޭރުގެ ދެ ކުންފުންޏަކުން މިއަދު ގަނެފި އެވެ.
ސަން އޮންލައިން އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެ ދެ މުއާމަލާތުގެ ޖުމްލަ އަގު ގާތްގަނޑަކަށް 120 މިލިއަން ޑޮލަރަށް އަރަ އެވެ.
ޓޫރިޒަމް ޓްޜެވަލް ހަބަރުތައް ގެނެސްދޭ ބޭރުގެ ބައެއް މީޑިއާތަކުން މިއަދު ބުނީ ސިކްސެންސަސް އިން ކ. އަތޮޅުގައި އޮޕަރޭޓް ކުރާ ސޮނޭވާ ގިލި ގަތީ ސިންގަޕޫރުގެ ހޮސްޕިޓަލިޓީ ގުރޫޕެއް ކަމަށްވާ ލެޝާ ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. އިމާރާތް ކުރުމުގެ 67 ޕަސެންޓް މަސައްކަތް ނިމިފައިވާ ތ. މާލެފުށި ރިސޯޓް ގަތީ އިންވެސްޓްމަންޓް ވެންޗާސް ޕްރައިވެޓް ލިމިޓެޑް (އައިވީޕީއެލް) ކަމަށެވެ.
މާލެފުއްޓަކީ މާލޭ އިންވެސްޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރަން ފަށައި ފައިސާގެ މައްސަލަތަކެއް ޖެހުމުން މީގެ ދެ ތިން އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ހުއްޓާލާފައިވާ ރިސޯޓެކެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މިއަދު ހިނގި ވިޔަފާރީގެ މި ދެ މުއާމަލާތުގެ ހަބަރުތައް ދުނިޔޭގެ ނޫސްތަކުން ކަވަރު ކޮށްފައިވެއެވެ.
މި ދެ ރަށުގެ ތެރެއިން ސިކްސެންސަސް ސޮނޭވާ ގިއްޔަކީ އެންމެ މަތީ ފަންތީގެ އަގު ބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އެވޯޑް ވިނިން ރިސޯޓެކެވެ.
ރާއްޖެއަށް ވަރަށް ގިނަ ފޮރިން އިންވެސްޓްމަންޓްތައް ގެނައުމަށް އެހީތެރިވެދޭ އަދި ކޮންސްޓަކްޝަން އިންޑަސްޓްރީގެ ގައުމީ ޖަމްއިއްޔާ، މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ) މިއަދު ވިދާޅުވީ ފޮރިން އިންވެސްޓަރުން ބޮޑެތި އަގު ދީފައި ރާއްޖެއިން ރިސޯޓް ގަތުމަކީ ވަރަށް ޕޮޒިޓިވް ނިޝާނެއް ކަމަށާއި ރާއްޖޭގައި އިންވެސްޓަރުންނަށް ރައްކާތެރިކަން އެބަ އޮތް ކަމަށެވެ.
"މި ކަހަލަ ދަނޑިވަޅެއްގައި އެކަހަލަ މުއާމަލާތެއްގެ ސަބަބުން އިންވެސްޓަރުންގެ ކޮންފިޑެންސް ބަލައިލަން ރާއްޖެއާ މެދު ހުރި ގޮތް އެނގިގެން ހިނގައްޖެ، ރާއްޖެއަށް އިންވެސްޓަރުންގެ ކޮންފިޑެންސް އެބަ އޮތް، މައްސަލައަކީ މިދަނޑިވަޅުގެ ގޮތުން އެކަކު އަނެކަކު ކަމެއް ކުރަންދެން މަޑުކުރެވުން،" ޖަނާ ވިދާޅުވި އެވެ.