04 Dec 2023, 19:18
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ޓަކައި މި ސަރުކާރުން ވެއިޓިން ލިސްޓެއް އެކުލަވައިލަން ނިންމާފައިވާކަމަށް، ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އެ ކޮމިޓީ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު ވަނީ ކޮންމެ ސަރުކާރަކުން ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަވާ ގޮތުން ރައްޔިތުން އެކަމާމެދު ފާޅުކުރާ ކަންބޮޑުވުންތައް ފާހަގަކުރައްވައިފައެވެ.
އަދި މި ސަރުކާރުން އެކަން ހައްލުކުރުމަށް ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ގެދޮރާ ބެހޭ ކަންކަން ކުރަނީ ކަނޑައަޅައިފައި އޮންނަ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ.
އެގޮތުން މި ސަރުކާރުގެ ހައުސިން ޕޮލިސީ އޮތީ ރައްޔިތުންނަށް ދިރިއުޅޭނެ ފަހި މާހައުލެއް ގާއިމުކޮށް އެ ތަނެއްގައި ރައްޔިތުން އާބާދުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި މިނިސްޓްރީގެ ބޭފުޅުން ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ/ މަޖިލިސް
މިނިސްޓަރު ވިދާޅުވީ ގާނޫނީ ބަދަލުތައް ގެނެސް ކޮންމެ ފަހަރަކު ލިސްޓެއް ހަދައިގެން އެ ލިސްޓުން ހޮވޭ ބަޔަކަށް ބޯހިޔާވަހިކަން ލިބުމުގެ ބަދަލުގައި މުޅި ނިޒާމުގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ ބަޔަކީ ކޮބައިކަން ބަލައި އެ ބަޔަކަށް ލިބޭ ގޮތަށް ކަންކަން ހަމަޖެއްސުން މާ މުހިންމު ކަމަށެވެ.
"އޭރަކުން ނުޖެހޭނެ ކޮންމެހެން މަޝްރޫއެއް ހަދައި ނިންމައިފައި ޕޯޓަލެއް ހަދައިގެން އެ ޕޯޓަލަކުން އެޕްލައި ކުރާކަށް،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
އަދި ޕޯޓަލަކަށް މާކްސްދޭހެން ހުށަހެޅުމުގެ ބަދަލުގައި މި ސަރުކާރުން ވެއިޓިން ލިސްޓެއް ތައްޔާރު ކުރައްވާނެކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ލިސްޓުގައި ތިބޭ ބައެއްގެ ހާލަތު ބަދަލުވާ ގޮތަކަށް އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެއީ މި ސަރުކާރުގެ ވިސްނުމަކީ. އޭގެ ތަފްސީލް ހާމަކުރަމުން ދާނަން ޑިވެލޮޕްވި ވަރަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެގެން ދިޔައީ ގިނަ ބަޔަކު ނުރުހުންވި ލިސްޓަކަށެވެ. އެހެންވެ، އެ ލިސްޓުތައް ބާތިލްކުރުމަށް ވެސް މީގެ ކުރިން ރައްޔިތުން ގޮވައިލިއެވެ.
މިނިސްޓަރު މީގެ ކުރިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން އާންމުކޮށްފައިވާ ލިސްޓުތަކަށް މިހާތަނަށް 7،000 ޝަކުވާ ލިބިފައިވާކަމަށެވެ.