22 May 2012, 20:33
ދަރަނި އަދާކުރަން ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ލޯނެއްގެ ގެރެންޓީއެއް ހޯދަން ސަރުކާރުގައި އެދިފައި ނުވާނެ ކަމަށާއި އެ ވާހަކަފުޅަކީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ހައްދަވާފައިވާ އިތުރުފުޅެއް ކަމަށް ބުނެ ޑީއާރްޕީން އުމަރު ނަސީރަށް ރައްދު ދީފި އެވެ.
ޑީއާރްޕީގެ ރަޖިސްޓްރާ އަދި ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ޑީއާރްޕީގެ އޮފީހުގައި ނޫސްވެރިންނަށް ބައްދަލު ކުރައްވައި ވިދާޅުވީ އުމަރު ނަސީރުގެ ވާހަކަފުޅަށް ދެއްވާ ރައްދެއްގެ ގޮތުގައި އެ ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ލޯނެއްގެ ގެރެންޓީ ހޯދަން ތަސްމީނު އެއްވެސް ސިފައެއްގައި ސަރުކާރުގައި އެދިވަޑައިގެންފައި ނުވާނެ ކަމަށް ދެންނެވުމަށް ތަސްމީން ވިދާޅުވި ކަމަށެވެ.
"ތަސްމީނެއް ވެސް އަދި ތަސްމީނުގެ އާއިލާގެ ބޭފުޅެއް ވެސް މިސަރުކާރުގައި އެފަދަ ލޯނެއް ނެގުމަށްޓަކައި އެއްވެސް ކަހަލަ މަސައްކަތެއް ގަވައިދާ ހިލާފަށް ކޮށްފައެއް ނުވާނެ،" ތަސްމީން އަލީގެ ފަރާތުން ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ވާހަކައެއް އުމަރު ނަސީރު ދެއްކެވުމުން އެ ވާހަކަ ރައްދުވަނީ ތަސްމީނަށާއި ދިވެހި ސަރުކާރަށް ކަމަށެވެ. އެހެން ކަމުން މި ވާހަކައިގެ ހަގީގަތް ދިވެހި ރައްޔިތުނަށް ސާފުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
އުމަރު ނަސީރަކީ މިފަދަ ވާހަކަތައް މީގެ ކުރިންވެސް ދައްކަވާ ބޭފުޅެއް ކަމަށާއި އެގޮތުން ތަސްމީނަށް ތުހުމަތުކޮށް ޖީއެމްއާރު މައްސަލާގައި ވެސް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި މައްސަލަ ތަހްގީގު ކުރުމުން އެ މައްސަލައަކީ އެއްވެސް އަސްލެއްނެތް ވާހަކައަކަށް ވި ކަމަށެވެ.
"ޕީޕީއެމްގެ އެފަދަ އިސް މަގާމެއްގައި ހުންނަވައިގެން އެފަދަ ބޮޑު ދޮގެއް ހެއްދެވީތީ އެކަމާއި ހިތާމަ ކުރަން އަދި ޑީއާރްޕީން ދެކޭގޮތުގައި ޕާޓީ ތަކުގެ އިސް މަގާމްގައި ހުންނަވަން ޖެހޭނީ ރައްޔިތުނަށް ދޮގު ނުހައްދަވާ ބޭފުޅުން،" އޭނާ ވިދާޅުވި އެވެ.
މީޑިއާގައި އުމަރު މިއަދު ވިދާޅުވެފައިވަނީ ޑީއާރްޕީގެ ނިޔަތަކީ ތަސްމީންގެ ދަރަނިތައް ދެއްކުމަށްޓަކައި ސޮވެރިން ގެރެންޓީއެއް ހޯދުން ކަމަށެވެ. އަދި ވިދާޅުވީ އެކަން ނުވާނަމަ ކޯލިޝަނުން ޑީއާރްޕީ ވަކިވާނެ ކަމަށެވެ. ޑީއާރްޕީއަކީ އެމްޑީޕީގެ ގޮތްޕެއް ކަމަށާއި އުމަރު ޑީއާރްޕީން ވަކިކުރީ ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރުމުން އެކަން ނާކާމިޔާބް ކޮށްލަން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.