22 May 2012, 20:11
ކްރިމިނަލް ކޯޓު ތެރޭގައި ދެ ފުލުހަކަށް ބިރުދެއްކި މީހަކު ހަމަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޖަލަށް ލާން މިދިއަ އާދީއްތަ ދުވަހު ކޯޓުން ހުކުމް ކުރީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށެވެ.
އެ ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު ދެ ފުލުހަކު އެ ކޯޓަށް ހާޒިރުވެ ތިއްބާ "ކަލޭމެން ވިސްނައިގެން ތިބޭށޭ! ކޮންމެ ދިމާލެއްގައި އުޅުނަސް ދުއްވާލާނެ!" ކަމަށް ބުނެ އެ ދެ ފުލުހުނަށް ނިޒާމް ބިރު ދައްކާ އިންޒާރު ދީފައިވާ ކަން އޭނާގެ އަމިއްލަ އިއުތިރާފުންނާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެން ކަމުން ބިރުދެއްކުމާ އިންޒާރު ދިނުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ރ) ގެ ދަށުން އޭނާ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ.