ޓެންޒޭނިއާއަށް ބޯކޮށްވާރެހުމުގެ ސަބަބުން ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުން 47 މީހުން މަރުވެ 85 މީހުން ޒަޚަމްވެއްޖެއެވެ.

ފެންބޮޑުވެފައި ވަނީ ހަނަންގް ފަރުބަދަ ކައިރީގައެވެ. އެ ސަރަހައްދުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން މިހާރު އަންނަނީ ކުރަމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އާންމުންގެ ގެދޮރާއި އެ ނޫން ވެސް ތަންތަނަށް ވަނީ ގެއްލުން ލިބިފައެވެ. އެ ސަރަޙައްދުގެ ގިނަ މަގުތައް، ކިސަނޑާއި ފެން އަދި ވެއްޓިފައިވާ ގަސްތަކުގެ ސަބަބުން ވަނީ އެއްކޮށް ބެދިފައެވެ.

އެ ހާދިޡާގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ތެންޒޭނިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބިސީން ރިޕޯޓުކުރެއެވެ.

ޓެންޒޭނިއާއަށް މިހާރު ކުރަމުންދާ ވިއްސާރަ މި މަހުގެ ނިޔަލަށް ދިގުދެމިގެންދާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.

މިދިޔަ މަހު ތެންޒޭނީއާއަށް ވަނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ ގިނައިން ވާރޭ ވެހިފައެވެ.

ފެންބޮޑުވުމަކީ ޓެންޒޭނިއާއަށް ޤުދުރަތީ ގޮތުން ދިމާވާ އެންމެ ބޮޑު ނުރައްކަލެވެ. ފެންބޮޑުވުމުގެ ސަބަބުން ކޮންމެ އަހަރަކު އެ ޤައުމުގެ 10،000 މީހުންނަށް އެކަމުގެ އަސަރުކުރެއެވެ.

ފެންބޮޑުވުމާއި ބިންހެލުމުގެ ސަބަބުން އިރުމަތީ އެފްރިކާއަށް މި އަހަރު ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާއިރު، އެ ކަންކަމާ ގުޅިފައި ވަނީ ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލް ނީނޯއެވެ.

އެލް ނީނޯ އަކީ ޤުދުރަތީ ގޮތުން މޫސުމަށް އަންނަ ބަދެލެކެވެ. ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލް ނީނޯގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި، އަނެއްބައި ސަރަޙައްދުތަކަށް ހޫނު ގަދަވެ ހަނަފަސްވާނެއެވެ.