22 May 2012, 19:52
އުސްފަސްގަނޑު ރޫޅާލުމުގެ ކޯޓު އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަންގައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނަނީ އުސްފަސްގަނޑު ރޫޅާލުމުގެ އަމުރަކަށް އެދި ފުލުހުން އެ ކޯޓަށް ހުށަހެޅި ލިޔެކިޔުންތައް ދިރާސާކޮށް ބެލިއިރު އެ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިޚުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގެން ނެތްކަމަށެވެ. އެހެންކަމުން އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ވެސް އެ އަމުރުގައި ވެއެވެ.
"...ހުށަހަޅާފައިވާ ލިޔުންތައް ދިރާސާކޮށް ބެލިއިރު ހުށަހަޅާފައިވާ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގެން ނެތުމުން، ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު މިއަމުރު ނެރެދެވޭކަށް ނެތެވެ،" ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ މާލޭގެ މޭޔަރު މައިޒާން އަލިމަނިކު މިއަދު އެ ކޯޓަށް ހާޒިރު ކުރީ ކައުންސިލުގެ ކަންބޮޑުވުން ތަކެއްހުރިކަން މާލޭ ސިޓީ ކައުންސިލުން އެ ކޯޓަށް ފޮނުވާފައިވާ ސިޓީއިން އެގެންއޮތުމުން އެފަދަ ކަންކަމުގައި އެ ކޯޓުން އަމަލުކުރާ ގޮތް ސިޓީ ކައުންސިލަށް ރަނގަޅަށް ސާފުކޮށް ކިޔައިދިނުމަށް ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒުފޯރުވާ ހަދައިގެން ނުވާނެކަން މޭޔަރަށް ހަންދާންކޮށްދީފައިވާނެ ކަމަށެވެ. އަދި އެ ކޯޓުން ނެރެންވާ އަމުރާއި ނެރެގެން ނުވާނެ އަމުރު ކަނޑައެޅުމަކީ މާލޭސިޓީ ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރެއް ނޫންކަމާއި އެ ކޯޓުން އަމަލުކުރާނީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިންކަން މޭޔަރަށް މިއަދު އަންގާފައިވާނެ ކަމަށެވެ.
އަދި ކޯޓުން ވަކިގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް އެންގުމަކީ މާލޭސިޓީ ކައުންސިލަށް ކުރެވޭނެކަމެއް ނޫންކަމާއި ކޯޓުން ވަކިގޮތަކަށް އަމަލުކުރުމަށް އަންގާ ސިޓީކައުންސިލުން އެ ކޯޓަށް ސިޓީ ފޮނުވުމަކީ ކްރިމިނަލްކޯޓުން ބަލައިގަންނާނެ ކަމެއް ނޫންކަމާއި ސިޓީކައުންސިލްގެ އިދާރާއިން އެފަދަ އަމަލުތައް ތަކުރާރުކުރާނަމަ އެއިދާރައާއި ނުވަތަ އެގޮތަށް އަމަލު ކުރާފަރާތަކާއި މެދު ފިޔަޅުއެޅުމަށް ކޯޓުން ފަސްނުޖެހޭނެކަން ވެސް މޭޔަރަށް މިއަދު އަންގާފައިވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
މޭޔަރާއި ހަވާލާދީ ކްރިމިނަލް ކޯޓުން ބުނީ އުސްފަސްގަނޑު ރޫޅާލުމުގެ އަމުރަކަށް ފުލުހުން އެދިފައި ވަނީ ސިއްރުން ކަމަށްވާތީ އެކަން މީޑިއާގައި ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ދެކެވަޑައިގަންނަވާކަމަށް މޭޔަރު މިއަދު ވިދާޅުވި ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ސިޓީއިން ކްރިމިނަލް ކޯޓަށް އަމުރެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަގޮތަކަށް ސިޓީ އިބާރާތް ކުރެވިފައިއެވަނީ ކުއްލިގޮތަކަށް ސިޓީ ފޮނުވަން ޖެހުމުންކަމަށް މޭޔަރު މިއަދު ވިދާޅުވި ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ބުނީ ސިޓީ ކައުންސިލުން ފޮނުވި ސިޓީ އާއި ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރެއްވިކަމަށްޓަކައި ޝުކުރުއަދާކޮށް އަމުރެއްކުރާހެން ހިވާގޮތަކަށް މާނަދޭހަވާފަދަ ގޮތަކަށް ސިޓީ އިބާރާތް ކުރެވިފައިވާނަމަ އެކަމާ މާފަށް އެދޭކަމަށް މޭޔަރު މިއަދު ވިދާޅުވިކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.