މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ތިން ބޭފުޅަކު ވާދަކުރަން ނިންމައިފިއެވެ.

ކުރިން އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކުރުމާއެކު، ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ހުންނެވި އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ވަނީ ޕީޖީ ލީޑަރުކަމާ ހަވާލުވެވަޑައިގެންފައެވެ.

އެއަށްފަހު ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެއާއެކު މި އިންތިޚާބުގައި ކުރިމަތިލެއްވި މެމްބަރުންގެ ނަންތައް މިރޭ އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ. އެ މެންބަރުންނަނީ:

  • ކެންޑިޑޭޓް ނަންބަރު 1 - ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު

  • ކެންޑިޑޭޓް ނަންބަރު 2 - ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
  • ކެންޑިޑޭޓް ނަންބަރު 3 - ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ

އެ ޕާޓީން ބުނީ ހުސްވެފައިވާ އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހޮވުމަށް ބާއްވާ އަންނަ އަންގާރަ ދުވަހުގެ މެންދުރު 14:00 އިން ހަވީރު 16:00 އަށް، އެ ޕާޓީ އޮފީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.