ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ކަންހިނގާފައިވާ ގޮތާ ބެހޭ ގޮތުން "ހަވީރު"ގެ އެޑިޓަރު މޫސާ ލަތީފުގެ ލިޔުއްވާފައިވާ "ފެބްރުއަރީ ހަތެއް" މިއަދު ނެރެފި އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 22 އަހަރު ހޭދަކުރައްވާފައިވާ މޫސަ ލިޔުއްވާފައިވާ ފެބްރުއަރީ ހަތެއްގެ ފޮތް ނެރުނީ ސަލްސާ ރޯޔަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފޮތް ނެރެދެއްވީ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފެވެ.
~
މެލޭޝިއާގެ ލިމްކޮކް ޔުނިވާސިޓީން މާސް ކޮމިނިކޭޝަނުން ޑިގްރީ ހާސިލް ކުރައްވާފައިވާ މޫސަ ވިދާޅުވީ ފެބްރުއަރީ ހަތެއްގެ ހާދިސާއަކީ ވަރަށް "ކޮންޓުރޮވާޝާލް އިޝޫއެއް" ކަމަށާއި އޭނާ ލިޔުއްވާފައިވާ ފޮތް ކިޔާލުމާ އެކު މައްސަލައިގެ "ރަނގަޅު" މަންޒަރެއް ފެންނާނެ ކަމަށެވެ. ފޮތް ލިޔުމުގައި ބަލާފައި ވާނީ ހަމައެކަނި އެ ދުވަހު ހިނގާފައިވާ ކަންތައްތަކަށް ކަމަށާއި އެ ހުރިހާ ކަމެއް ބެލުމަށް ހިތްވަރު ލިބުނީ ރާއްޖޭގެ ނޫސްވެރިންގެ ފަރާތުން ކަމަށް މޫސާ ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް ނުދަންނަވަން މިއީ މާމޮޅު ފޮތެކޭ. ހުރިހާ އެންގަލަކުން ކަވަރުކޮށްފައި ހުރި އެއްޗެކޭ ވެސް އަޅުގަނޑު ނުދަންނަވަން. މިފޮތް އަޅުގަނޑު ދޫކޮށްލުމާ އެކީގައި އެ ކިޔުއްވާފައި ބައިވަރު ހިޔާލުތަކެއް އަންނާނެ. އަދި އަޅުގަނޑު ކިޔާލީމާ ދެންވެސް އަދި ހުންނާނެ ކަންނޭނގޭ މިވެނިކަމެއް ކުރެވުނު ނަމަ ރަނގަޅުވީހޭ،" ފެބްރުއަރީ 7، 2012 ވަނަ ދުވަހު "ފުލުފުލުން" ހާދިސާތައް ހިނގައިދިޔަ އިރު ޖުމްހޫރީ މައިދާނުގައި ނޫސްވެރިންގެ އިސްސަފުގައި ހުންނެވި މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެބްރުއަރީ ހަތެއްގެ ފޮތުގައި ރާއްޖެ ފަހުގެ ޖީލު ނުދެކޭ ފަދަ ތާރީހީ ހާދިސާގެ މުހިއްމު ފޮޓޯތަކެއް ފޮތުގައި ހުންނާނެ ކަމަށެވެ. އަދި އެ ފޮޓޯތަކަކީ ލިޔެފައިވާ ލިޔުންތަކަށް ވުރެ އެތައް ހާސް ވާހަކައެއް ކިޔައިދޭ ފޮޓޯތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސަ ލިޔުއްވި ފޮތް ނެރެދެއްވުމަށް ފަހު ނަޒީފު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މީހާރު އޮތް ގޮތުން އެފަދަ ފޮތެއް ލިޔުއްވާ ނަމަ، އެ ފޮތް ބައްޓަންވެގެންދާނީ ކިހިނަކުން ކަމާ މެދު ސުވާލު އުފެދުނު ކަމަށެވެ. ނަމަވެސް އެފޮތް އައުމުން އެ ސުވާލުތަކުގެ ޖަވާބު މިއަދު ލިބޭނެ ކަމަށް ނަޒީފު ވިދާޅުވި އެވެ.

ނަޒީފު ވިދާޅުވީ މޫސަ ލިޔުއްވާފައިވާ ފޮތް ފުރިހަމަ ނުވުމަކީ ފޮތް ފުރިހަމަވުން ކަމަށެވެ. އަދި އެއާ އެކު އިތުރު ރިސާޗުތަކާއި އިތުރު ލިޔުންތައް ލިޔުމަށް މަގުތައް ހުޅުވިގެންދާނެ ކަމުގައި ނަޒީފު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ފޮތް ފުރިހަމަ ނުވުމަކީ އަދި އޭގެ އެންމެ ފުރިހަމަކަން. އެއީ އިތުރަށް ބޭފުޅުން ރިސާޗުކޮށް. އިތުރު ލިޔުން ލިޔަން ބޭނުންވާނެ މަގުތައް ހުޅުވިގެންދާނެ،" ނަޒީފު ވިދާޅުވި އެވެ.

ވެރިކަން ބަދަލުވިގޮތާ ބެހޭ ގޮތުން ނަޝީދު މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތުތަކާއި ތަފާތު ބޭފުޅުންނާ އިންޓަވިއުކުރައްވައިގެން މޫސަ ލިޔުއްވާފައިވާ 186 ސަފްހާގެ ފޮތް ވިއްކަނީ 100ރ. އަށެވެ.