10 Aug 2010, 14:30
19:32
ފަނޑިޔާރުންގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގުކުރެއްވިތާ ތިން ގަޑިއިރުތެރޭ ތިން އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
މިއަދު ހެނދުނު އޮތް ޖަލްސާގައި މި ބިލު ފާސްކޮށްފައި ވަނީ މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި، 75 މެންބަރުންގެ ތެރެއިން 71 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް ބިލު ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީޤުކުރެއްވުމާއެކު މިހާރު މިޤާނޫނު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ބެހިފައި ވަނީ މައިގަނޑު 5 ބާބެއްގެ މައްޗަށެވެ. އެއީ، ފަނޑިޔާރުންނާ ބެހޭ މައިގަނޑު އުސޫލުތަކުގެ ބާބާއި ފަނޑިޔާރުން ޢައްޔަންކުރުމާއި ވަކިކުރުމުގެ ބާބާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ބާބާއި، މުސާރައާއި ޢިނާޔަތްތަކުގެ ބާބާއި ފަނޑިޔާރުކަމުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންތައްތަކުގެ ބާބެވެ.
މި ޤާނޫނުގައި، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުންގެ ހުންނަންވާނެ ޝަރުޠުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ ޢާންމު އުޞޫލުތަކާއި، މުސާރައާއި ޢިނާޔަތާގުޅޭ އުޞޫލުތައް ބަޔާންވެގެންވެ އެވެ.
މި ޤާނޫނުގައިވާ ގޮތުން ޤާނޫނު އަސާސީއާއި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންނުކުރާހާ ހިނދަކު، ޤާނޫނު އަސާސީގައި ބަޔާންކުރެވިގެންވާ ގޮތަށް ޢައްޔަންކުރެވޭ ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ޢައްޔަންކުރެވޭ ބައެއް ނޫނެވެ. އަދި އެ ފަނޑިޔާރުން މަޤާމަށް ޢައްޔަންވީއްސުރެ މަޤާމުން މުސްކުޅިކުރެވެންދެން މަޤާމުގައި ދެމިތިބޭނެ އެވެ.
ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާގުޅިގެން ނުވަތަ ކުރި އަމުރަކާގުޅިގެން ނުވަތަ ކުރި ޙުކުމަކާގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުޞޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާގުޅޭގޮތުން ފިޔަވަޅުއެޅުމަށް ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މި ޤާނޫނު ބުނާގޮތުން، އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގައި ތިއްބަވާނީ، ޖުމްލަ ހަތް ފަނޑިޔާރުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާނީ، ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ އަށް ލިސްޓެއް ފޮނުއްވުމުން އޭގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ކަމަށް ވެސް ޤާނޫނުގައިވެ އެވެ.
މި ގާނޫނު ފާސްކުރާއިރު ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ ތެރެއިން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަތުރު ފުރިހަމަނުވާ ފަނޑިޔާރުންނަށް އެ ޝަރުތު ފުރިހަމަ ކުރުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަނުން ހަތް އަހަރު ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރުތު ފުރިހަމަނުކޮށްފި ނަމަ، އެއީ އެކަށީގެންވާ އިލްމު ލިބިފައިވާ ފަނޑިޔާރެއް ނޫން ކަމަށް ކަނޑައެޅުމުގެ ފުރުސަތު ޖުޑިޝަލް އާވިސް ކޮމިޝަނަށް ލިބިގެންވާ ކަމަށާއި، އެގޮތަށް ކަނޑައަޅައިފި ނަމަ އެ ފަނޑިޔާރަކު މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށް ވެސް ޤާނޫނުގައިވެ އެވެ.