22 May 2012, 18:50
އއ. މަތިވެރިވެރި ކައުންސިލާއި އދ. ހަންޏާމީދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބު ކުރުމަށް މިއަންނަ މަހު 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައި އިލެކްޝަނުގައި ޕީޕީއެމުން ކުރިމަތި ނުލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމް އިން މިއަދު ބުނީ މަތިވެރި އާއި ހަންޏާމީދޫގެ ރަށު ކައުންސިލަށް ކުރިމަތި ނުލާގޮތަށް ނިންމީ އިއްތިހާދުގައި ހިމެނޭ ގިނަ ޕާޓީތަކަކުން އެ ދެ ގޮނޑިއަށް ވާދަކޮށްފި ނަމަ ވޯޓުތައް ބައިބައިވެ، އިއްތިހާދަށް އިންތިހާބު ކާމިޔާބު ނުކުރެވިދާނެތީ ކަމަށެވެ.
ޕީޕީއެމް އިން އެ ދެ ގޮނޑިއަށް ކުރިމަތި ނުލުމަށް މިއަދު ނިންމީ، އެ ޕާޓީން އެ ދެ ގޮނޑި އަށް ވާދަ ކުރާނެ މީހުން ހޯދުމަށް މި މަހު 11 ވަނަ ދުވަހު އިއުލާނު ވެސް ކުރުމަށް ފަހު އެވެ.
އިދިކޮޅު އެމްޑީޕީ އިން ވަނީ އެ ދެ ގޮނޑި އަށް ކުރިމަތިލާނެ ކެނޑިޑޭޓުން ޝޯޓު ލިސްޓްކޮށްފަ އެވެ.