22 May 2012, 18:35
އާސަންދައިގެ ހިދުމަތް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުޅާ ދާއިރާއެއްގައި ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި އެ ހިދުމަތް އިތުރަށް ފުޅާކުރުމާ ބެހޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. އެ ގޮތުން ނިންމެވީ މިހާރު އާސަންދައިގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ހޮސްޕިޓަލްތަކަށާއި ހެލްތު ސެންޓަރުތަކަށް ކުރިއެކޭ ވެސް އެއްގޮތަށް އާސަންދައިގެ ހިދުމަތް ދެމުން ގެންދިއުމަށެވެ.'
އޭގެ އިތުރުން ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ މަތިން ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ހޮސްޕިޓަލްތަކަށާއި އަމިއްލަ ކްލިނިކްތަކަށް ވެސް އެ ހިދުމަތް ހަމަހަމަކަމާ އެކު ދިނުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާސަންދައިގެ ހިދުމަތް ފުޅާކުރުމުގެ އެންމެބޮޑު ބޭނުމަކީ އާންމު ރައްޔިތުންނަށް އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެގޮތް ހައްދަވައި ދެއްވުމާއި އަމިއްލަ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނުން ވެސް އާސަންދައިގެ ދަށުން ހިދުމަތް ލިބިދިނުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ހޮސްޕިޓަލްތަކަށާއި އަމިއްލަ ކްލިނިކްތަކަށް، އާސަންދައިގެ ހިދުމަތް ދިނުމުގައި އަމަލު ކުރާ އުސޫލުތަކާއި އާސަންދައިގެ ދަށުން އެ ފަރާތްތަކަށް ލިބޭނެ ހިދުމަތްތައް ބަޔާންކުރެވިފައިވާނެ ކަމަށާއި އެ އުސޫލު ވަރަށް އަވަހަށް އެންސްޕާ އިން އިޢުލާން ކުރުމަށް ވެސް މިއަދު އޮތް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އާސަންދައިގެ ހިދުމަތުގައި ޕްރައިވެޓް ސެކްޓަރު ބައިވެރިކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ އާސަންދައިގައި އެފަރާތްތައް ބައިވެރިކުރުން ލަސްވަމުންދާ ކަމުގެ ޝަކުވާ އެފަރާތްތަކުން އުފުލާތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.