އައްޑޫ ހިތަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި ނުރައްކާތެރި ގޭންގު މާރާމާރީއާ ގުޅިގެން ހަތަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ހިތަދޫގެ ދެ ގޭންގުގެ ދެމެދުގައި ނުރައްކާތެރި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ، 18، 19، 20 އަދި 23 އަހަރުގެ ދިވެހި ޒުވާނުންތަކެކެވެ. އެކަމަކު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ވެފައެވެ.

އެ މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެ ރެއިން ފެށިގެން ފަރުވާދެމުންދާއިރު، އެ މީހާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

ދުވަސްތަކެއް ވަންދެން ހިމޭންވެފައި އޮތުމަށް ފަހު، މި ފަހުން އައްޑޫގެ އިތުރުން މާލޭގައި ވެސް ވަނީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފައެވެ. އެހެންވެ، ފުލުހުން ވަނީ އައްޑުއާއި މާލޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު މާލޭ ބޭރުމަގުން, ހެންވެއިރު ޗީބޯ ކައިރީ ހިންގި މާރާމާރީގައި ބައިވެރިވިކަމުގެ ތުހުމަތުގައި ވެސް ފުލުހުން ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ، އުމުރުން 18 އަހަރާއި، 22 އަހަރާއި، 24 އަހަރުގެ ތިން މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.