ކިތަންމެ ވަރަކަށް ބެލި ނަމަވެސް، ރާދިން ފޫއްސެއް ނުވެއެވެ. ގިނައިރު ވާ ވަރަކަށް އޭނާ ބޭނުންވަނީ އެ ފުން ދެލޮލުގެ ތެރެއަށް ފީނާލާށެވެ. އުމުރު ދުވަހަށް އެދެލޮލަށް ބަލަން ހުރުމަށެވެ. ވީއިރު، އެ ދެލޮލަށް ބަލާލުމުގެ ނަސީބު ދެން ނުލިބޭނެނަމަ އޭނާއަށް ވާނީ ކިހިނެއްހެއްޔެވެ؟

އެ ޚިޔާލުތަކުން ރާދިންގެ ހިތުގެ ހިނގުންވެސް ހީވީ މަޑުޖެހިލިހެންނެވެ. މައާލްގެ މޫނަށް ބަލަން ހުންނަން ކިތަންމެ ބޭނުންވިޔަސް ނަރުސް ކުދިން އެނދު ދުއްވާލުމުން އޭނާއަށް އެ ފުރުސަތު ގެއްލުނު ނަމަވެސް، ރާދިން މުނީރަށް ބަލައިލީ ޝުކުރުން ފުރިގެންވީ ގޮތަކަށެވެ. ދުލުން ބުނެލުމެއްނެތި މުނީރު އޭނާގެ ހިތުގެ އެދުން ފުއްދައިދިނުމުން ރާދިންގެ ހިތް އޭނާގެ ބައްޕައަށްޓަކައި ޝުކުރުން ފުރުނުއިރު، މީގެ ކުރިން އޭނާއަށް އުޅެވުނު ގޮތާ މެދު އަމިއްލަ ނަފްސަށް މަލާމާތްކުރެވުނެވެ. ތިމާ ކުރާ ކުށްތަކާއެކުވެސް ގަބޫލުކޮށް، ލޯބިވާނޭ ބަޔަކު އަބަދުވެސް ތިބުމަކީ ދުނިޔެމަތިން ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. ވީއިރު އެކަމަށް އޭނާ ޝުކުރުވެރި ނުވެ ޝަކުވާ ކުރަންވީ ކީކުރަން ހެއްޔެވެ؟ ތެދުވެރި ހިތަކާއެކު، ކެތްތެރިވެއްޖެނަމަ ކޮންމެވެސް ދުވަހަކުން ބައްޕައާ މައާލްވެސް އޭނާއަށް މާފުކޮށްފާނެއެވެ.

މައާލް ތިއޭޓަރަށް ވެއްދުމުން މުނީރު އައިސް ރާދިންގެ ކައިރީގައި މަޑުކޮށްލާ ކޮނޑުގައި ޖަހާލާފައި ހުރިހާކަމެއް ވެސް ރަނގަޅުވާނެކަމުގައި ބުނެލިއެވެ. ރާދިންވެސް ބޯ ޖަހާލާފައި ހަމަޖެހެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އޭރު އޭނާގެ ހިތަށް މީގެ ކުރިން ނުވާ ގޮތްތަކެއް ވާން ފެށިއެވެ. މައާލްގެ ލޮލަށް ފެނުމުގެ ނަސީބު ލިބޭއިރު، އޭނާއަށް މައާލްގެ ކައިރީގައި ނުހުރެވޭނެތީއެވެ. އެ އުފަލުގައި ބައިވެރިވެ ހިއްސާވެލުމުގެ ފުރުސަތު ނުލިބޭނެތީއެވެ.

ތިއޭޓަރަށް މައާލް ވެއްދުމަށްފަހު ހޭދަވި ކޮންމެ ސިކުންތެއްވެސް ރާދިންއަށް ހީވީ ގަރުނެއްހެންނެވެ. ހިތާ ހިތުން ހުރިހާކަމެއް ރަނގަޅުވުމަށް އެދި ދުޢާ ކުރެވުނު އަދަދެއް ނޭނގެއެވެ. ރާދިންގެ ހާސްކަން ފަހުމްވީ މީހެއް ފަދައިން މުނީރު އިރުއިރުކޮޅަކާ ރާދިންއަށް ހިތްވަރު ދެމުން ދިޔައެވެ. ދަރިފުޅުގެ އެ ނުތަނަވަސްކަން އޭނާއަށް ވެސް އުނދަގޫކުރުވަނީއެވެ.

"މައާލް ރާދިން އާ ބެހޭގޮތުން ސުވާލުކުރޭ…" މުނީރު ބުންޏެވެ.

"ކީ.. ކީކޭ ބައްޕާ…؟" ރާދިންއަށް އެ ވާހަކަ ގަބޫލުނުކުރެވުނު މީހެއްފަދައިން ސުވާލުކޮށްލެވުނެވެ. އޭނާ ދެކެ އެހާ ނަފްރަތު ކުރާއިރު، މައާލް އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟

"ބައްޕަ މި ބުނީ މައާލް ރާދިންގެ ވާހަކަ އަހައޭ… ރާދިންގެ ހާލު އޮޅުން ފިލުވައޭ…" މުނީރު ރާދިންއަށް ބަލާލިއެވެ.

"އެކަމަކު މައާލް އަޅުގަނޑަށް ނަފްރަތު ކުރޭ. މައާލް ބޭނުމެއް ނުވޭ އަޅުގަނޑެއް." ރާދިންގެ ހިތަށް ތަދުވިއެވެ.

"ރާދިން ދެކެ މައާލް އަދިވެސް ލޯބިވާކަން ބައްޕައަށް އެނގޭ. ވަރީގެ ވާހަކަ ބުނި ދުވަހު މައާލްއަށް ވީގޮތް ބައްޕައަށް ފެނޭ. ވަރިވާން ބޭނުންވެގެންނެއް ނޫން މައާލް އެހެން އެ ބުނަނީ. އެކަމަކު ދެން ރާދިންއާ އެކީ އުޅޭނެ ހިތްވަރު މައާލްގެ ނެތީ. ކިތަންމެ ލޯބިވީ ނަމަވެސް، ރާދިން ކުރި ކުށަށް ކިހިނެއް މައާލްއަށް މާފު ދެވޭނީ؟ އަންހެނުންނަކީ އަހަރެމެން ފިރިހެނުންނަށް ވުރެ ނާޒުކު ބައެއް. އެމީހުންގެ އިޙްސާސްތައް ދެގެނަންނަން އަހަރެމެންނަށް އުނދަގޫވަނީ ހިތާމަޔާއި ހިތްދަތިކަން ފޮރުވަން އެމީހުން މޮޅުކަމުން. ހިތުގެ އިޙްސާސްތަކާ ދުލުން ބޭރުކޮށްލާ ބަސްތައް ފުށުއެރިޔަސް އެހެން މީހުންނަށް ނޭނގޭނެހެން އެ އިޙްސާސްތައް ފޮރުވަން އެމީހުންނަށް އެނގޭ…" މުނީރު އޭނާގެ ވިސްނުން ތޫނު ސިކުނޑިއަށް ވެރިވަމުން ދިޔަ ވާހަކަތައް ރާދިންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

މުނީރު ވާހަކަތަކުން ރާދިންއަށްވެސް އަސަރުކުރިއެވެ. ބައްޕަ އެ ދައްކަނީ ތެދު ވާހަކަކަން އޭނާއަށް އެނގެއެވެ. މައާލްއަށް ވަގުތު ބޭނުންވަނީއެވެ. ވަރިވާން ބުނި ނަމަވެސް، ސިކުނޑީގެ ތެރޭގައި ހުރިހާކަމެއް "ޕްރޮސެސް" ކުރުމަށް ވަގުތުކޮޅެއް ބޭނުންވަނީއެވެ. މައާލް އޭނާ ދެލެ ވީ ލޯބީގެ ބަދަލު އެފަދަ ގޮތަކަށް ދެވުމަކީ މިއަދު އޭނާ ލަދުވެތި ވާކަމަކެވެ. އޭނާ މައާލް ދެކެ ވީ ތެދުވެރި ލޯތްބަށް އެޅުނު ހުރަހަކީވެސް އެއީއެވެ. އިންސާނާގެ ގަބޫލުކުރުންތައް ގިނަ ފަހަރު ބިނާވަނީ ފެންނަ ފަންޒަރުތަކަށެވެ. ނުވަތަ އަޑު އިވޭ ވާހަކަތަކަށް ކަމަށްވީއިރު، މައާލްއަށް ވެސް އެފަދަ ގޮތަކަށް ހީވެދާނެކަމަށް ރާދިންއަށް ވިސްނެއެވެ.

ގައިގަނޑަކަށް ފަސްގަޑިއިރުގެ އޮޕްރޭޝަަނަކަށްފަހު ޑޮކްޓަރު ތިއޭޓަރުން ނުކުމެލިއިރުވެސް ރާދިންއާ މުނީރާ ދެމީހުން އެތަނުގައި ތިއްބެއެވެ. އެއިން އެކަކުވެސް އެތަނުން ދުރަކަށް ނުދެއެވެ. ޑޮކްޓަރު ޖޭމީ ފެނުމުން މުނީރު ތެދުވެލިއެވެ. މުނީރުގެ އިތުރުން ރާދިންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. އެ ހާސްކަމުގައި އޭނާއަށް ޑޮކްޓަރާ އެތަކެއް ސުވާލެއް ކޮށްލެވުނެވެ.

"ދި ސާރަޖަރީ އިސް ސަކްސެސްފުލް…ޔޫއާ މައާލްސް ހަސްބެންޑް ރައިޓް؟ ޑޯންޓް ވޮރީ… ޝީ އިޒް ސްޓޭބަލް…" ޑޮކްޓަރު ޖޭމީ ވާހަކަ ދެއްކިއެވެ. އޭނާ މައާލް އިރުކޮޅަކުން ރޫމަށް ބަދަލުކުރަން ނެރޭނެކަމުގައި ބުނެފައި އަނެއްކާވެސް އެތެރެއަށް ވަނެވެ.

"އަލްޙަމްދުލިއްލާހި." މުނީރާ ރާދިންއާ ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި ވަގުތު ކޮޅަކަށް އެވަގުތު ވިއިރު އޭނާ މިއަދު ހުރި މަޤާމުވެސް ރާދިން ހަނދާން ނެތުނެެވެ. އެހިތުގައި ޖަހަމުންދިޔަ ކޮންމެ ވިންދެއްގައި، ވަނީ މައާލްއެވެ. މައާލްއާ މެދު އެ ހިތުގައި އުތުރިއަރަމުންދިޔަ ލޯތްބެވެ. މުނީރާ ރާދިން އެކަކު އަނެކަކު ގަައިގައި ބައްދާލިއެވެ. މައާލް ނެރޭނެ އިރަކަށް ދެމީހުންވެސް އިންތިޒާރުކުރަން ފެށިއެވެ.

ގައިގަނޑަކަށް ފަނަރަ މިނެޓް ހާއިރުފަހުން ނަރުސް ކުދިން މައާލް އޮތް އެނދު ތިއޭޓަރުން ބޭރަށް ނެރުނެވެ. ލޮލުގައި ބެންޑޭޖް ގަނޑެއް އަޅާފައިވާއިރު މައާލްއަށް އޮތީ ނިދިފައެވެ. ޑޮކްޓަރު ޖޭމީ މުނީރާ ރާދިންއަށް ބަލާލާފައި އިނގިރޭސިން ވާހަކަ ދެއްކިއެވެ.

"ލޮލުގެ ބޭސްގަނޑު ނަގާނީ ފަސްވަރަކަށް ދުވަސް ފަހުން. ނަގާއިރު މައާލްގެ ލޮލުގެ ފެނުން ލިބޭނެ." ޖޭމީ ޔަޤީންކަމާއެކު ބުނެލުމުން މުނީރާ ރާދިންއަށް ވެސް އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެވުނެވެ.

އެއްލި ކަޅިއަކުން ތިއޭޓަރާ ދިމާ އެމީހުންނާ ތަންކޮޅެއް ދުރުގައި ހުރި މެދު އުމުރުގެ މީހާ ރާދިންގެ ލޮލުގައި އަޅައިގަތެވެ. އެމީހާ ހުރީ ސީދާ އެމީހުންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެހާ ވަރަކަށް އެ ބަލަނީ ކީއްވެބާއޭ ރާދިންގެ ހިތަށް އެރިއެވެ. އޭނާ ވެސް އެމީހާއަށް ބަލަން ފެށިކަން އެނގިގެން ކަންނޭނގެއެވެ. އެމީހާ އަވަސް އަވަހަށް އެމީހުންނާ ނަޒަރު ވަކިކޮށްލަމުން، ބާރު ބާރަށް ފަސްދީ ހިނގައިގަތެވެ. އެއީ މީގެ ކުރިން ފެނުނު މީހެއް ނޫންކަމުންނާއި އެމީހާ އެވަރަށް އެމީހުންނާ ދިމާލަށް ބަލަން ޖެހުނު ސަބަބެއް ރާދިންއަކަަށް ނުވިސްނުނެވެ. އޭނާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނީވެސް އެހެންވެގެންނެވެ.

ފަރުވާތެރިކަމާއެކު ރާދިން މައާލްއަށް ބަލާލިއެވެ. ކިތަންމެ ބޭނުން ވިނަމަވެސް، މައާލްގެ ދެލޮލަށް ފެނުމުގެ ނަސީބު ލިބޭއިރު، އޭނާއަށް ނުހުރެވިދާނެތީ އެ ހިތް ރޯން ފެށިއެވެ. ހަޤީގަތުގައި އޭނާ ބޭނުންވެއްޖެ ނަމަ މައާލްއާ ދުރުގައި ހުންނަން އެކަކަށްވެސް އަމުރެއް ނުކުރެވޭނެއެވެ. މައާލްއާ މުނީރަށްވެސް މެއެވެ. އޭނާއަކީ މައާލްގެ ފިރިމީހާކަމަށްވާއިރު، ފިރިމީހާއަށް ވުރެ ބޮޑަށް އަނބިމީހާގެ މައްޗަށް ހައްޤު އޮންނާނެ އެހެން މީހެއް ނުވެއެވެ. އެހެންނަމަވެސް ގަދަކަމުން އެ ހިތުގެ އެދުން ފުއްދަން ރާދިން ބޭނުން ނުވަނީއެވެ. އޭނާގެ ކުށުގެ ބަދަލެއްގެ ގޮތުން މައާލްއާ ދުރުގައި ހުރެގެން އަމިއްލަ ހިތަށް އެތައް އަނިޔާއެއް ދިނަސް މައާލްއަށް ލިބުނު ފަދަ ހިތާމަތަކާ އެ ހިތާމަތައް އަޅާ ނުކިޔޭނެކަން ރާދިންއަށް ޔަޤީންވަނީއެވެ. މައާލްއާ މެދު އެހިތުގައި ވަނީ ތެދުވެރި ލޯބިކަން އެކަމުން އެކަނިވެސް ހާމަވަމުން ދިޔައެވެ.

މައާލް އޭނާ އޮންނަ ކޮޓަރިއަށް ގެންދިޔުމުން މުނީރާ ރާދިންވެސް ގޮސް ވަނެވެ. މައާލްއަށް އޮތީ ނިދިފައިކަމުން އެ މީހުން ވާހަކަ ދައްކަން އިރުކޮޅަކު މަޑުކޮށްލިއެވެ.

"ބައްޕަ ގެއަށް ދުރުވިޔަސް އެންމެ ރަނގަޅު. އަޅުގަނޑު މަޑުކޮށްލާނަން." މުނީރުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ފާޅުވަމުން ދިޔަ ނަމަވެސް، އޭނާ ބޭނުންވީ މައާލް ހޭލަންދެން އެތަނުގައި ހުންނަންކަމުން ރާދިންގެ އެ ވާހަކައާ އޭނާ ދެކޮޅު ހެދިއެވެ.

"މައާލް ހޭލީމަ ބައްޕަ ދާނީ…" މުނީރު އެހެން ބުނުމުން އެކަމާ ރާދިންވެސް ދެކޮޅެއް ނުހަދައެވެ. ޑޮކްޓަރު ބުނީ ދެގަޑިއިރެއް ހާއިރު ފަހުން މައާލް ހޭއަރާނެކަމުގައެވެ. އެވަގުތަކަށް އިންތިޒާރުކުރަމުން ދިޔަ މުނީރާ ރާދިންއާ ދެމީހުންވެސް ކަންބޮޑުވީ ދެ ގަޑިއިރަށްވުރެ ގިނައިރު ވީއިރުވެސް މައާލް ހޭ ނޭރުމުންނެވެ.

"މިހާރު ގެދަޑިއިރަށްވުރެ ގިނައިރުވީ… އަދިވެސް ހޭ ނާރާ…" ރާދިންއަސް ބުނެވުނެވެ.

"ޑޮކްޓަރަށް ގޮވާލަން އެބަ ދަން." އެހެން ބުނެލާފައި މުނީރު ގޮސް ކޮޓަރިން ނުކުތެވެ. މުނީރާއެކު ޑޮކްޓަރު އައިސްފައި މައާލްގެ ހާލަތު ބަލާފައި ކަންބޮޑުވާން ޖެހޭ އިތުރު ކަމެއް ނެތްކަމުގައި ބުންޏެވެ. އަދި އިތުރު އެއްގަޑިއިރު ބަލާނީ ކަމުގައި ބުންޏެވެ. އެހެން ބުނެލާފައި ޑޮކްޓަރު ދިޔަތާ ތިރީސް މިނެޓް ފާއިތުވެގެން ދިޔައިރު ރާދިން ހަމަ ރަނގަޅަށްވެސް ހާސްވެއްޖެއެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލާން ފެށިއެވެ.

"ބައްޕާ… ހާދަ އިރެކޭ…" އެހާ ހިސާބަށް ބުނެލާފައި އެއްލި ކަޅިއަކުން ރާދިންގެ ލޮލުގައި މައާލްގެ އަތް ހަރަކާތްކޮށްލިތަން އަޅައިގަތުމާއެކު، އޭނާ އިޝާރާތުން އެތަން މުނީރަށް ދައްކާލިއެވެ. މުނީރާއެކު ރާދިންވެސް އެނދު ކައިރިއަށް ދިޔައެވެ.

"ރާ… ރާދިން.. ރާދިން…" ހޭލެވެމުން ދިޔައިރު މައާލްގެ ދުލުން ނުކުތް އެ ބަސްތަކާއެކު ރާދިންގެ ހިތް ހީވީ ގެނބިގެން ދިޔަ ހެންނެވެ. ކައިރިވެލާފައި އޭނާ މައާލްގެ ކައިރީގައި ހުރީމޭ ބުނަން އެ ހިތް ގޮވަން ފެށި ނަމަވެސް، އުނދަގުލުން ރާދިން އޭނާގެ ހިތުގެ އިޙްސާސްތައް ކޮންޓްރޯލްކޮށްލިއެވެ. އެއަށްފަހު އޭނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެ މަންޒަރު ބަަލަން ހުރި މުނީރު މައާލްއާ ކައިރިވެލާފައި މައާލްއަށް ގޮވާލިއެވެ.

"ބައްޕާ…" ރަނގަޅަށް ހޭވެރިކަން ވުމާއެކު މައާލްއަށް ގޮވާލެވުނެވެ. އަނދިރިކަން ނޫން އެއްޗެއް އޭނާއަށް ނުފެންނައިރު ލޮލުގައި ބޭސްގަނޑެއް އަޅާފައިވާކަން އޭނާއަށް ޔަޤީންވިއެވެ.

"މައާލް…." މުނީރު މައާލްގެ އަތުގައި އަތް ޖައްސާލިއެވެ.

"ބައްޕާ… އަޅުގަނޑުގެ ލޮލަށް ފެންނާނެތަ؟" މައާލްއަށް ސުވާލުކޮށްލެވުނުއިރު، އަދިވެސް ނިދި ބަރުކަމާއި، މަޑުމޮޅިކަމެއް އެ އަޑުގައިވެއެވެ.

"ސާރަޖަރީ ކާމިޔާބު. އިންޝާ ﷲ ފަސް ދުވަސް ފަހުން މައާލްގެ ލޮލުގެ ބޭސްގަނޑު ނަގާއިރު މައާލްގެ ލޮލަށް ފެންނާނެ." މުނީރުގެ އެ ވާހަކައާއެކު މައާލްގެ ދުލުން ނުކުތީ ޝުކުރުގެ ބަސްތަކެވެ. ﷲ އަށް ޙަމްދު ކޮށްފައި، އޭނާ މުނީރަށް ވެސް ޝުކުރު އަދާކުރިއެވެ. އެއަށްފަހު، ރާދިންއަށް އެ ޚަބަރު ދިނިންތޯ ސުވާލުކޮށްލިއިރު، މައާލްގެ ހިތުގެ ތެޅުން ކޮންމެވެސް ވަރަކަށް އަވަސްވެއްޖެއެވެ. މުނީރު ރާދިންއަށް ބަލާލުމާއެކު ރާދިން ބޯ ޖަހާލިއެވެ.

"ރާދިންއަށް އެނގޭނެ މިހާރު." މުނީރު ބުންޏެވެ.

"އިތުރު އެއްޗެއް ނުބުނޭތަ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ރާދިން ވަރަށް ބޭނުންވޭ މައާލް ކައިރީގައި ހުންނަން." މުނީރު އެހެން ބުނުމުން މައާލް އިތުރު އެއްޗެއް ނުބުނެއެވެ. އަނެއްކާވެސް މައާލްއަށް ނިދުނު ފަހުން ނަރުސް ކުއްޖާ އައިސް ޑޮކްޓަރު ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނެލިއެވެ. މުނީރު ދާން އުޅުމުން ރާދިން މުނީރަށް ގޮވާލިއެވެ.

"ބައްޕާ… އަޅުގަނޑު ގޮސްލާނަން. ބައްޕަ މަޑުކޮށްލާ…" ރާދިން ހުރީ ޑޮކްޓަރާ ވާހަކަ ދައްކާލަން ބޭނުންވެފައިކަން އޭނާގެ އަޑުންނާ އެ މޫނުމަތިން ފެނުނު އަސަރުތަކުން އެކަނިވެސް މުނީރަށް ދެނެގަނެވުނެވެ. އެހެންކަމުން އެކަމާ ދެކޮޅު ހެދުުމުގެ ޚިޔާލު އޭނާ ދޫކޮށްލީ އެ ހައްޤު އޭނާއަށް ވުރެ ބޮޑަށް ރާދިންއަށް އޮތްކަމަށް ގަބޫލުކުރެވޭތީއާވެސް އެކުގައެވެ. މުނީރަށް ބަލާލާފައި ޝުކުރުވެރި ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ރާދިން، ކޮޓަރިން ނުކުމެލާފައި ޑޮކްޓަރު ގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

ދޮރުގައި ޓަކި ޖަހާލާފައި ރާދިން އެތެރެއަށް ވަނުމާއެކު ޑޮކްޓަރު ޖޭމީ ހިނިތުންވެލިއެވެ. ރާދިންއައިސް މޭޒުކައިރިއަށް ހުއްޓުމާއެކު، މައާލްގެ ކުރީގެ ރިޕޯޓްތަކާއި ފަހުގެ ރިޕޯޓްތައް ނަގާ މޭޒުމަތީގައި ބަހައްޓާލިއެވެ. އަދި އޮޕަރޭޝަންގެ ތެރެއިން އެމީހުންނަށް ފެނުނު ހުރިހާ ކަމެއް ތަފްސީލްކޮށްލަ ދޭން ފެށިއެވެ. ކުރީގެ އެއްވެސް ރިޕޯޓަކާއި މައާލްގެ ލޮލުގެ ޙާލަތާ އެއްވެސް ގުޅުމެއް ނެތްކަމުގައި، ޖޭމީ ތަކުރާރުކޮށްލިއެވެ. އޮޕަރޭޝަންގެ ތެރެއިން ވެސް އެ ރިޕޯޓްތަކާ އެއްގޮތަށް އެއްވެސް ކަމެއް ނުފެނުނު ކަމުގައި ޖޭމީ ބުންޏެވެ.

"އެކަމަކު މިހާ ބޮޑަށް ކީއްވެތަ ތަފާތު ވާންވީ؟" ރާދިންއަށް ބުނެވުނެވެ.

"ހޮސްޕިޓަލުގެ މައްސަލައަކަށްވެސް ވެދާނެ. މިއީ މުޅިން އެހެން މީހެއްގެ ރިޕޯޓެއް. ނޫނީ މީ ނުބައި ރިޕޯޓެއް. މީ ހަމަ ގައިމުވެސް މައާލްގެ ރިޕޯޓެއް ނޫން. މިކަމަަކީ ޑޮކްޓަރު ނުވަތަ ހޮސްޕިޓަލުން ގަސްތުގައި ކުރިކަމެއްނަމަ، އެ ކަމުގައި ބައިވެރިވި އެންމެންގެ ލައިސެންސް ހިފެއްޓޭނެ. އަދި ގަސްތުގައި ނޫންނަމަވެސް، އެމީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ." ޖޭމީ ހުރިހާކަމެއް އޮޅުން ފިލުވައިދިނެވެ.

"ތެންކިއު." ޝުކުރު އަދާކޮށްފައި މައާލްގެ ހުރިހާ ރިޕޯޓެއް ހިފައިގެން ނުކުމެލި ރާދިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މައާލްގެ ރިޕޯޓްތައް އެހާ ބޮޑަށް ތަފާތު ވާންވީ ސަބަބެއް އެއްގޮތަކަށްވެސް އޭނާއަކަށް ނުވިސްނެއެވެ. އަތުގައި އޮތް ރިޕޯޓްތަަކަށް ބަލައިލުމަށްފަހު، އޭނާ ނިންމީ މައާލް އެކްސިޑެންޓް ވެގެން ގެންދެވުނު ހޮސްޕިޓަލަށް ގޮސް ހުރިހާކަމެއް އޮޅުން ފިލުވުމަށެވެ. ކޮންމެވެސް ގޯހެއް އުޅޭކަމުގައި އޭނާގެ ސިކުނޑި އިންޒާރު ދޭން ފެށީ ކީއްވެގެންކަމެއް ރާދިންއަކަށް ނޭނގުނެވެ.

އެރޭ ހަތަރު ދަމުވެސް ރާދިން ހޭދަކުރީ ހޮސްޕިޓަލުގައެވެ. ޖެހިގެން އައި ދުވަހު އެންމެ ފުރަތަމަ ކަމަކަށް ރާދިން ކުރީ މައާލްގެ ކުރީގެ ޑޮކްޓަރު ސްޓެފަންއަށް އެޕޮއިންޓްމެންޓެއް ހެއްދުމެވެ. އޭނާ ބޭރުގައި ހުރި ސޯފާގައި އިނދެގެން އެކަންތައް ހަމަޖައްސާލާފައި މައާލްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ރާދިން އެ ހިސާބާ އަރާ ަހަމަ ވިއިރު، މުނީރު ނުކުންނަނީއެވެ.

"ކޮބާ މައާލް؟" އޭނަ ސުވާލުކޮށްލިއެވެ.

"މައާލް ތާޒާ ވެލަން އުޅެނީ. އެމާ އެބަ އުޅޭ މިހާރު އެތެރޭގައި." މުނީރު ބުންޏެވެ.

"އަޅުގަނޑު ވެސް ފެންވަރާލާ ހަދާލައިގެން އަންނަން ވެގެން ދާންވެގެން މިއުޅެނީ."

މުނީރުގެ ކައިރީގައި އެހެން ބުނެލާފައި ރާދިން ހޮސްޕިޓަލުން ނުކުންނަން މިސްރާބުޖެހިއެވެ. ލިފްޓުން ތިރިއަށް ގޮސް ހޮސްޕިޓަލުން ނުކުތްއިރު، ޑްރައިވަރު ކާރުގައި އޭނާ ބަލައި އައިސް އޮތެވެ. އޭނާ ފެނުމާއެކު، ޑްރައިވަރު ނުކުމެ ދޮރުފަތް ހުޅުވާލަދިނެވެ. ކާރުަށް އަރާ އިށީނުމާއެކު ރާދިންއަށް ގޮނޑީގައި ލެގިލާ ބޯ އުފުއްލާލެވުނެވެ. ކަނދުރާގައި މަޑުމަޑު ރިހުމެއް ހުރިއިރު، އޭނާގެ ލޮލުގައި ނިދީގެ އަސަރުވެސް ވެއެވެ.

ހޮޓެލަށް ގޮސް ފެންވަރާލުމުން ނިދީގެ އަސަރު ފިލި ނަމަވެސް، ވަރުބަލިކަމަށް ބަދަލެއް ނާދެއެވެ. ރާދިން ލީ މަޑު ފެހިކުލައިގެ އަތް ދިގު ބޯ ޓީޝާޓަކާއި، ޖީންސްއެކެވެ. އިސްތަށިގަނޑު ސްޓައިލްކޮށްލަމުން އަތުގައި ގަޑި އަޅާލަމުން އޭނާ ގަޔަށް ސެންޓް ޖަހާލިއެވެ. ކިތަންމެ ފިރިހެންވަންތަ ނަމަވެސް، މިވީ މަދު ދުވަސްކޮޅު ތެރޭގައި ރާދިންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މީހާ ހިކިފައިވާއިރު، މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ހެޮޓެލުން ނުކުމެގެން ގޮސް ކާރަށް އަރާފައި ދާން ވީ ތަން ޑްރައިވަރަށް ބުނެލުމާއެކު، ރާދިން އަތުގައި އޮތް ރިޕޯޓްތައް ސީޓުމަތީގައި ބާއްވާލިއެވެ.

ހޮސްޕިޓަލާ ހިސާބަށް ދެވުމުން ޑްރައިވަރު ނުކުމެ ދޮރު ހުޅުވާލަ ދިނުމުން ރާދިން ނުކުމެލިއެވެ. އަދި ޑްރައިވަރު ކައިރީގައި އޭނާ ގުޅާއިރު ތިރީގައި ހުންނަން ބުނެފައި ގޮސް ހޮސްޕިޓަލަށް ވަނެވެ. ލޮލުގެ ޑިޕާރޓްމެންޓަށް ގޮސް ކައުންޓަރުގައި ރާދިން އޭނާގެ އެޕޮއިންޓްގެ ވާހަކަ ބުނެލިއެވެ. ސްޓެފަންގެ ޕޭޝަންޓަކާ ބެހޭގޮތުން ވާހަަކަ ދައްކަން ކަމުގައި ރާދިން ބުނެލިއެވެ. ރާދިން އެޕޮއިންޓްމެންޓް ހެއްދީ އޭނާގެ ނަމުގައެވެ. އެ އަންހެން ކުއްޖާ ހުއްދަ ދިނުމުން ރާދިން ސްޓެފަންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ދޮރުގައި ޓަކި ޖަހާލާފައި ރާދިން އެތެރެއަށް ވަނެވެ. ކޮންޕިއުޓަރަށް ނަޒަރު ހުއްޓާލައިގެން އިން ސްޓެފަން އިސް އުފުލާލިއެވެ. މީގެ ކުރިން ސްޓެފަންއަށް ރާދިން ފެނިފައިވަނީ މައާލް ބާއްވައިގެން އުޅުނުއިރުއެވެ. ނަން ނޭނގުނު ނަމަވެސް، އޭނާއަށް ރާދިންގެ ސޫރަ ވަކިކުރަން އެނގެއެވެ. ސްޓެފަންގެ މޫނުމަތީގެ ކުލަވަރުތަކަށް ސަމާލުވެގެން ހުރި ރާދިންއަށް އެ މޫނުމަތިން ނުތަނަވަސްކަން ފެނިލިއެވެ.

(ނުނިމޭ)