03 Dec 2023, 00:07
އަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުއޭފާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.
މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ ހެމްބާގްގެ އެލްބްފިލްހާމޮނީ ކޮންސާޓް ހޯލްގައެވެ. ގުރުނެގުމުގެ ރަސްމިއްޔާތުގައި 800އެއްހާ މީހުން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި މިމުބާރާތަށް މިހާރު ކޮލިފައިވެފައިވާ 20 ޓީމާއި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަރުމަނުވިލާތާއި ޕްލޭ އޮފްގެ ތިން ޖާގައަށް ވާދަކުރާ ޓީމްތަކާއެކު 24 ޓީމް ހަތަރު ޓީމްގެ ހަ ގްރޫޕަކަށް ބަހާލިއެވެ.
މިފަހަރުގެ ގުރުއަތުލުމުން ޓީމްތައް ބެހުނު ގޮތަށް ބަލައިލާއިރު ގްރޫޕް އޭގައި ހިމެނުނީ މުބާރާތް ބާއްވާ ޤައުމު ޖަރުމަނުވިލާތް، ހަންގޭރީ، ސްކޮޓްލަންޑް އަދި ސްވިޓްޒަލަންޑްއެވެ. ގްރޫޕް ބީގައި ސްޕެއިން ސީޑް ކުރެވުނުއިރު ދެން ހިމެނުނީ އަލްބޭނިއާ، ކްރޮއޭޝިއާ އަދި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތެވެ. ގްރޫޕް ސީގައި، އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި އިންގްލަންޑްގެ އިތުރުން ހިމެނެނީ ޑެންމާކް، ސްލޮވީނިއާ އަދި ސާބިއާއެވެ.
ގްރޫޕް ޑީގައި ހިމެނެނީ ފަރަންސޭސިވިލާތާއި އޮސްޓްރިއާ، ނެދަލަންޑްސް އަދި ޕްލޭ އޮފް އޭ ކާމިޔާބު ކުރާ ޓީމެކެވެ. ގްރޫޕް އީގައި ބެލްޖިއަމް ސީޑް ކުރެވިފައިވާއިރު ދެން ހިމެނެނީ ރުމޭނިއާ، ސްލޮވާކިއާ އަދި ޕްލޭ އޮފް ބީ ކާމިޔާބުކުރާ ޓީމެކެވެ. އަދި ފަހު ގްރޫޕް ކަމަށްވާ އެފް ގައި ހިމެނެނީ ޕޯޗުގަލް އާއި ތުރުކީޔޭ، ޗެކް ރިޕަބްލިކް އަދި ޕްލޭ އޮފް ސީ ކާމިޔާބު ކުރާ ޓީމެކެވެ.
ޔޫރަޕްގެ ޤައުމީ ޓީމްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔޫރޯ 2024 ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މިޔުނިކްއިންނެވެ. އެމެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭއިން މުބާރާތް ބާއްވާ ޤައުމު ޖަރުމަނުވިލާތާއި އެހެން ޓީމެކެވެ. އަދި ގްރޫޕް މަރުހަލާ 26 ޖޫންގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ގްރޫޕް މަރުހަލާގައި ކޮންމެ ގްރޫޕެއްގައިވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، ކޮންމެ ގްރޫޕަކުން އެއްވަނަ އާއި ދެވަނައަށް ދާ ދެޓީމްގެ އިތުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމް ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ. ފަހު 16 ޓީމްގެ ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ ދެ ވަނަ ދުވަހާ ދެމެދުގައެވެ.
ކުއާޓާ ފައިނަލްގެ މެދުތައް ޝްޓުޓްގާޓް، ހެމްބާގް، ވެރިރަށް ބާލިން އަދި ޑުޝެލްޑޯފްގައި ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ފަހެއް އަދި ހަ ވަނަ ދުވަހުއެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗް ޖުލައި މަހުގެ ނުވަ ވަނަ ދުވަހު މިޔުނިކްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ދެވަނަ މެޗް ޖެހިގެން އަންނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ޑޯޓްމުންޑްގައެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހު ބާލިންގައެވެ.
ފީފާ ވޯލްޑް ކަޕަށްފަހު އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭ މިމުބާރާތް މިފަހަރުވެސް ވަރަށް ފޯރިގަދަވާނެކަމަށް މިހާރުވެސް ވަނީ ބެލެވެން ފަށާފައެވެ. އަދި މުބާރާތް ކާމިޔާބު ކުރާނެކަމަށް އެކިފަރާތްތަކަށް ގަބޫލް ކުރެވޭ ޓީމްތަކުގެ ލިސްޓުތައް އަންނަނީ ހަދަމުންނެވެ. މިގޮތުން މުބާރާތް ކާމިޔާބު ކުރާނެ ޓީމްތަކުގެ ލިސްޓްގެ އެންމެ ކުރީގައި ފަރަންސޭސިވިލާތާއި އިންގްލަންޑްގެ ނަން އުޅޭއިރު ސްޕެއިން، ޕޯޗުގަލް އަދި ބެލްޖިއަމްގެ ނަންވެސް އުޅެނީ މާފަހަތަކު ނޫނެވެ. އަދި މުބާރާތް ބާއްވާ ޤައުމު ޖަރުމަނުވިލާތަށް މިފަހަރު ކިހާ ރަނގަޅު ކުޅުމެއް ދެއްކިދާނެތޯ އާއި އިޓަލީވިލާތަށް މިފަހަރު މުބާރާތުގެ ތަށި ދިފާއު ކުރެވިދާނެތޯ މިއީ ބައެއް ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކެވެ.
ގްރޫޕްތައް ބެހިފައިވާ ގޮތް:
ގްރޫޕް އޭ: ޖަރުމަނުވިލާތް، ހަންގޭރީ، ސްކޮޓްލަންޑް، ސްވިޓްޒަލަންޑް.
- ގްރޫޕް ބީ: ސްޕެއިން، އަލްބޭނިއާ، ކްރޮއޭޝިއާ، އިޓަލީވިލާތް.
- ގްރޫޕް ސީ: އިންގްލަންޑް، ޑެންމާކް، ސްލޮވީނިއާ، ސާބިއާ.
- ގްރޫޕް ޑީ: ފަރަންސޭސިވިލާތް، އޮސްޓްރިއާ، ނެދަލަންޑްސް، ޕްލޭ އޮފް ވިނާ އޭ.
- ގްރޫޕް އީ: ބެލްޖިއަމް، ރުމޭނިއާ، ސްލޮވާކިއާ، ޕްލޭ އޮފް ވިނާ ބީ.
- ގްރޫޕް އެފް: ޕޯޗުގަލް، ތުރުކީޔޭ، ޗެކް ރިޕަބްލިކް، ޕްލޭ އޮފް ވިނާ ސީ.