ރާއްޖޭގެ މީހުންގެ ދިރިއުޅުމާއި އާދަކާދަތައް ހުރި ގޮތުންނާއި ވަސީލަތްތަކުގެ މަދުކަމުން ޓީބީ އާއި އެޗުއައިވީ ފަދަ ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ މަަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އިން އެހެން ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ޖެނީވާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ ސިއްހަތާ ބެހޭ މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގޭ ފަރާތުން ބައިވެރިވުމަށް ފަހު މިއަދު އެ މިނިސްޓްރީ އިން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިވި ވަފްދުގައި ހެލްތު މިނިސްޓަރު ޑރ. ޖަމްޝީދު ހިމެނިވަޑައިގެންނެވި އެވެ.

ސިއްހަތާ ބެހޭ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރެވިފައިވީ ނަމަވެސް މަދިރީގެ ޒަރީއާ އިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ އަދި ޗިކަން ގުންޔާ ފަދަ ބަލިތައް ތިލަވަމުން، އިތުރުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކަކީ މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން އޭގެ ސަބަބުން މަރުވާ، އަދި އެ ބަލިތަކަށް މަގުފަހި ކުރުވާ އާދަތައް، ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންންގެ މެދުގައި އިތުރުވަމުންދާ ބަލިތައް ކަމަށް ވެސް ހެލްތުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމަންވެލްތުގެ 36 ގައުމަކުން 136 ބޭފުޅުން ބައިވެރިވެފައިވާ އެ ބައްދަލުވުމުގައި ދުނިޔޭގައި ފެތުރެމުންދާ ގައިންގައަށް އަރާ ބަލިތަކާއި އިތުރު ވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ގައުމުތަކުގެ ތަރައްގީއަށް ހުރަސް އެޅެމުން ދިއުމުގެ އިތުރުން ސިއްހީ ގޮތުން ލިބިފައިވާ ކާމިޔާބީތައް ދެމެހެއްޓުމަށާއި ބައިނަލްއަގުވާމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަން ފާހަގަކޮށް، އެކަމާ މެދު އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބައިވެރިން ވަނީ މަޝްވަރާކޮށްފަ އެވެ.

ކޮމަންވެލްތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިޔާރަކީ "ގައިން ގަޔަށް ނާރާ ބަލިތަކާއި ގައިން ގަޔަށް އަރާބަލިތަކުގެ މެދުގައި ހުރި ގުޅުން،" މި އެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ގައިންގަޔަށް އަރާ ގިނަ ބަލިތައް ނައްތާލެވިފައިވާވުމާ އެކު އެ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ހަކުރު ބައްޔާއި ލޭމައްޗަށް ދިއުން ފަދަ ބަލިތައް ފެތުރޭ މިންވަރު މަދުކުރުމަށެވެ.

ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އެކަށީގެންވާ ވަރަށް ހައްލުކުރެވިފައިނުވާ ރަނގަޅު ކާނާ ބޭނުންނުކުރުމުގެ މައްސަލަ އާއި ދުންފަތުގެ އިސްތިއުމާލް ކުރުން ފަދަ އާދަތަކަކީ އޭގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތަކަށް ވެސް އަސަރުކުރުވާ އަދި މަގުފަހި ކުރުވާ ކަމެއް ކަމަށް ވެސް އެ ބައްދަލުވުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެއިތުރުން ދުޅަހެޔޮ އާބާދީއަކީ ދެމެހެއްޓެނިވި ތަރައްޤީގެ ބިންގާ ކަމަށް ބައްދަލުވުމުގެ ބައިވެރިން އެއްބަސްވި ކަމަށް ވެސް ހެލްތުން ބުންޏެވެ.