ތިލަފުށީ ފަޅުން ބޮޑު ބައެއް ހިއްކާ އެ ރަށުގެ ބިމަށް 157 ހެކްޓަރު އިތުރު ކުރުމަށް 21 މިލިއަން ޑޮލަރަށް ހެވީލޯޑާ ހަވާލުކުރި ޕްރޮޖެކްޓްގައި މައްސަލަތައް ދިމާވެ، ހެވީލޯޑުން ޕްރޮޖެކްޓް ހުއްޓާލި އިރު، އެ ކުންފުންޏަށް ހިއްކުނީ 32 ހެކްޓަރު ކަމަށް ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން މިއަދު ބުނެފި އެވެ.

"ގާތްގަނޑަކަށް ހިކިފައި މިއޮތީ 32 ހެކްޓަރު، އަނެއްހެން ކިޔާކަމަށް ވެއްޖިއްޔާ 30 މިލިއަން އަކަފޫޓް، އަޅުގަނޑުމެން ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ހަ މަސް ދުވަހުތެރޭ 157 ހެކްޓަރު ހިއްކަން. އެހެންވީމާ 20 ޕަސެންޓް އެ ބޭފުޅުންނަށް ނިންމިފައި އޮތީ. ބާކީ ބައި އޮތީ ނުނިމި،" ޓީސީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ސަރުކާރުން އަލަށް ހަމަޖެއްސެވި މުހަންމަދު ލަތީފް، ސަން އޮންލައިނަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވި އެވެ.

ޓީސީއެލް އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ ލަތީފު ވިދާޅުވީ ކުންފުނިން ޕްލޭންތައް ތައްޔާރުކޮށްފައި ހުރީ ތިލަފުށީގެ ބިން ބޮޑުކޮށްގެން ވިޔަފާރި ކުރަން ކަމަށާއި ނަމަވެސް ހެވީލޯޑާ ހަވާލުކުރި ބިން ހިއްކުމުގެ ޕްރޮޖެކްޓް ނުނިމި ހުއްޓިފައި އޮތުމުން ވަރަށް ބޮޑެތި ގެއްލުން ކުންފުންޏަށް ކުރިމަތިވެފައިވާ ކަމަށެވެ.

"އެއްވެސް ޕްރޮޖެކްޓެއް މަޑު ޖެހިއްޖިއްޔާ ނޫނީ ހުއްޓާލެވިފައި އޮންނަ ނަމަ އެއީ ވަރަށް ބޮޑު ގެއްލުމެއް. މި ޕްރޮޖެކްޓް [ހެވީ ލޯޑާ] ހަވާލުކުރުން އަޅުގަނޑުމެން ބެލިން ވަރަށް ރަނގަޅު އެއްޗެއް ހޯދޭނެ ކަމަކަށް. އެ ހިއްކާތަނަށް ވިޔަފާރި ބަދަލު ބަދަލުކޮށްގެން. އެކަމަކު އެ ޕްރޮޖެކްޓް ރޭވިފައި އޮތް ގޮތަށް ނުދިޔައިމާ އެކަމެއް ވެސް ނުވި،" ލަތީފް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކަށް ނެތް އެ ގެއްލުންވި މިންވަރު ބެލި ހިސާބުކުރެވިފައެއް،"

ތިލަފުށީ ބިން ހިއްކަން ހެވީލޯޑާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ޕްރޮޖެކްޓް ހަވާލުކުރީ ހަ މަސް ދުވަހުން ނިންމާ ގޮތަށެވެ. ފައިސާގެ މައްސަލަތަކަކާއި ޓެކްނިކަލް އެކި މައްސަލަތަކާ ހުރެ ތިލަފުށީ ޕްރޮޖެކްޓް ހެވީ ލޯޑުން މެދުކަނޑާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ ޕްރޮޖެކްޓް މެދުކަޑާލަމުން ޕްރޮޖެކްޓް އަލުން ފެށުމުގެ ގެރެންޓީ އަށް ދިން 16.1 މިލިއަން ރުފިޔާގެ ގެރެންޓީ ޗެކް ވެސް ވަނީ ބައުންސްވެފަ އެވެ.

ހެވީލޯޑާ އެކު މަޝްވަރާތަކެއް ކުރާތީ ޕްރޮޖެކްޓްގެ ތަފްސީލަށް ވަޑައިނުގެން އޭނާ ވިދާޅުވީ ހެވީލޯޑާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި ބައެއް ޕްރޮޖެކްޓްތައް އެގޮތަށް ގޮސްފައި ހުއްޓަސް ޓީސީއެލްގެ ކުރިމަގު "ވަރަށް އުޖާލާ" ކަމަށެވެ. އޭނާގެ އެމްޑީކަމުގެ ދަށުން ހަވާލުކުރާ އެއްވެސް ޕްރޮޖެކްޓެއް "ބެސްޓް ޕްރެކްޓިސްއާ ހިލާފު ނުވާނޭ" ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"އަޅުގަނޑު ނެތިން ކުރީގެ ޕްރޮޖެކްޓްތަކުގެ ވާހަކަ ދައްކާކަށް. އަބަދުވެސް ޕްރޮޖެކްޓްތަކުގައި މައްސަލަ ޖެހިފައި ހުންނަނީ، އެއީ އަޅުގަނޑަށް ބޮޑަށް ހީވަނީ ބެސްޓް ޕްރެކްޓިސްއަށް އަޅުގަނޑުމެންނަށް އަމަލު ނުކުރެވޭތީހެން އެހެން އެ ވަނީ. ހަމަގައިމު ވެސް އަޅުގަނޑު ސޮއި ކޮށްގެން ބެސްޓްޕްރެކްޓިސްއާ ހިލާފަށް އެއްވެސް ޕްރޮޖެކްޓެއް ނުދާނެ،" ލަތީފް ވިދާޅުވި އެވެ.

ވަގުތުން ވަގުތަށް ހައްލުކުރަން ޖެހޭ ބޮޑެތި މައްސަލަތަކެއް ލަތީފަށް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ތިލަފުއްޓަކީ ރައްކާތެރި ތަނަކަށް ހެދުމަކީ ކުރިމަތީގައި އޮތް ބޮޑު ޗެލެންޖެކެވެ. އެތައް ދުވަސްތަކެއް ވަންދެން އުސޫލުތަކެއް ނެތި އޮތް ތިލަފުށި ހަމައަކަށް އެޅުވަން މަސައްކަތްތައް ފައްޓަވަން ލަތީފު ވިސްނުން ގެންގުޅުއްވަ އެވެ.

"އަޅުގަނޑު އެނގޭ މިހާރު ތިލަފުށީގެ މާހައުލަކީ މާ ރަނގަޅު މާހައުލެއް ނޫންކަން ބަޔަކު މަސައްކަތް ކުރަން، ތިލަފުއްޓަކީ މަސައްކަތް ކުރާ މީހުންނަށް ރަނގަޅު މާހައުލެއް ގޮތުގައި ހަނދަން ޖެހޭ. އެ އަރާ ދުމާއި ވިހަ މާއްދާތަކުން އަޅުގަނޑުމެން އެހެން ކްލަޔަންޓުން ވެސް އުދަނގޫ ނުވާނެ ގޮތެއް ހަނދަން އެބަޖެހޭ. އެއީ ދެން ބޮޑުކުރާ ބިމުގައި ވެސް އެކި މަސައްކަތްތައް ފެށިގެންދާނެތީ،"

http://www.sun.mv/uploads/l_18557174.jpg

ލަތީފު އުންމީދު ކުރައްވަނީ "އިންޑަސްޓްރިއަލް ހަބެއް"ގެ ގޮތުގައި ތިލަފުށި ހެއްދެވުމަށެވެ. މިހާރަށް ވުރެ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކޮށް ތިލަފުށީގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކޮށްވިޔަފާރިވެރިންގެ އަމާޒު ތިލަފުށްޓާ ދިމާލަށް އަނބުރާލުމަކީ އޭނާ ބޭނުންފުޅުވާ ގޮތެވެ.

ލަތީފު ވިދާޅުވީ ރަނގަޅު ފައިދާ ހޯދޭ ކުންފުންޏަށް ޓީސީއެލް ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންފެ މި ކުންފުނި އުފައްދަވެގެން ވެސް މަގާފައި އޮތީ ފަސް ލައްކަ ރުފިޔާ ބަޖެޓުން ސަބްސިޑައިޒްކޮށްގެން، އެވެސް މިހާރު ރިޓާންކޮށްފައި އޮންނާނީ، އަދި މިވީހާ ދުވަހު ވެސް އޮތީ ޕްރޮފިޓްގައި ހިންގިފައި، އެހެންވީމަ ކުރިއަށް އޮތްތާންގައި ވެސް އެގޮތަށް ދާނީ، އަޅުގަނޑުގެ އެބަހުރި ވިޔަފާރިތައް މާ ފުޅާކުރެވޭނެ ވިސްނުން، އެކަމަކު އެކަން ބޯޑަށް ގެންގޮސްގެން އެ ވިސްނުންތައް ނިކުމެގެންދާނީ، ދެންވެސް މި ކުންފުނި ފެންނާނީ ހަމަ ކުރިއަށް ވުރެ އުޖާލާކޮށް،"