07 Dec 2023, 10:47
"ތިބާގެ މައިންބަފައިން ދުނިޔެ ދޫކޮށްފައިވާނަމަ ރުއިމަކުން ކުރާނެ ފައިދާއެއް ނެތެވެ. ލޯބިވާ މައިންބަފައިން ވަކިވުމުން ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ގިނަގިނައިން ހެޔޮ ދުޢާކުރުމާއި ސަދަގާތް ކުރުމެވެ."
***
"މަދީނާ. ކުރުސި ކިޔަވައިގެން ނިދީމަ ތި ޝައިތާނުންގެ އުދަގޫތަކުން ސަލާމަތްވާނެ.."ކެނާން ބުނެދިނެވެ.
"ތިހުރިހާކަމެއްގެ ހައްލު ބުނެދެންތަ؟"މާޒިމް ފުން ނޭވާއެއްދޫކޮށްލިއެވެ. މަދީނާއާއި ކެނާންގެ ސަމާލުކަން އެދެބެންގެ ބޭބެއަށް ހުއްޓުނެވެ. މާޒިމްގެ އިރުޝާދު އައީ ނަފްސާނީ ޑޮކްޓަރަކާއި ތަފާތެއްނެތް ގޮތަކަށެވެ. ގަޑިން ނިދުމާއި ސޯޝަލް މީޑިއާއާއި ދުރުވުމާއި ކަސްރަތުކުރުން އަދި ޕޮޒިޓިވްކޮށް ވިސްނުމަށެވެ. ސިއްހަތަށް ފައިދާ ހުރި އެއްޗެހި ކެއުމަށެވެ. ކެނާން ބޮލުގައި އަތުން މަޑުމަޑުން ޖަހައިލަމުން އަނގަޔަށް ގޮތެއް ހަދައިލިއެވެ. ކެނާންގެ ސިކުނޑީގައި ކުރެހެނީ އެހެން މަންޒަރެކެވެ. އޭނަގެ ލޮލުގެ ސްކްރީނަށް އަރަނީ ޖިންނިންނާއި ޝައިތާނުންނެވެ. ޚިޔާލާއި ހަގީގަތް އޮޅޭވަރަށް ފިލްމުތަކާއި ވާހަކަތަކުން ވެމްޕަޔަރާއި އޭލިއަނުންފަދަ ރޫހާނީ ބާރުތަކުގެ ވާހަކަތައް ގެނެސްފައި ހުއްޓަސް އޭނަ އެއަށްވުރެ ހޭލުންތެރިއެވެ. އޭނަ ޖިންނިންނަށް އީމާންވަނީ ﷲގެ ކަލާމްފުޅުގައި އެވާހަކައޮތުމުންނެވެ.
"މަދީނާ ތިހުރިހާކަމެއް ބަރާބަރަށް ކުރެއެއްނު...ނޫންތަ ސިސް؟" ކެނާން މަދީނާގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ.
"އާނ....ކުރަން.."
"ކުރިޔަސް ވާ ފައިދާއެއް ނެތެއްނު...ނަފްސާނީ އިލްމުވެރިންގެ ފޮތްތަކަށް އީމާންވީމަ އަގީދާއަށްވެސް ގުޑުން އަރާހެން ހީވޭ..ނަފްސާނީ ކަމެއް ނެތިއްޔާ ދެން ބަލަން ޖެހޭނީ އެހެން މައްސަލައެއް އުޅޭތޯ...." ކެނާން ބުނެލިއެވެ.
"އެހެން ކިޔައިގެން ކޮއްކޮގެ ބޮލަށް ފާޑުފާޑު ވަހުމްތައް ވައްދާފައި ބިރުގަންނަވާފައި އެހުންނަނީ....ތެރަޕީ ހޯދާލީމަ އޯކޭވެދާނެ.."މާޒިމްގެ މޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނެވެ.
"ކޮއްކޮ ކުރުސި ނުކިޔަވަމެއްނު. ކުރުސި އެނގޭތަ؟"
"ނޮޕް....."މަދީނާ ބޯ ހޫރައިގަތެވެ.
"ދޮންބެ ބެޑްޓައިމް ސްޓޯރީސް ކިޔަވާދީ ބޮޑުކުރި ކުއްޖަކަށް ކުރުސި ނޭގުމުން ހައިރާނެއްނުވޭ..." ކެނާން ނުލަފާގޮތަކަށް ހީލައިފިއެވެ.
"ޚިޔާލީ ދުނިޔެއިން ބޭރަށް ނިކުމެގެން ދުނިޔޭގައި އުޅެވޭނީ..."މާޒިމްގެ ސީރިޔަސް ނަޒަރުން ކެނާންގެ ހިތަށް ފިނިވިއެވެ. އޭނަގެ ދޮންބެ އެބުނި އެއްޗެއްގެ މާނަ ޔަގީންނުވިޔަސް އޭނައަށް ސިފަކުރެވުނީ ދީން ގަބޫލުނުކުރާކަމުގައެވެ. މާޒިމް ނަމާދުކުރިތަނެއް އަޅުކަމެއް ކުރިތަނެއް އޭނަ ނުދެކެއެވެ. ދީނާއި ސީދާ ދެކޮޅަށް އެއްޗެއް ބުނެފައެއްނުވެއެވެ. ދީނުން ބޭރުވެފައިވާ މީހެކޭ ބުނެވެންވެސް ނެތެވެ.
"މަދީނާގެ ފްރެންޑެއް ހުރެއެއްނު...އެކުއްޖާއަށް ކޮން ނަމެއް ކިޔަނީ؟"ކެނާން ފްރިޖް ހުޅުވާލާފައި ޗޮކްލެޓެއް ނެގިއެވެެ."ދޮންބެ ފްރިޖަށް ޖަންކްފުޑް ނުލާ ދެން ފުރުޓް އެއްޗެހި ލައްޗޭ.."
"އުރުޖުވާން....."
"ވަރަށް ކިއުޓް....އަރަބި ނަމެއްނޫން ދޯ..ތިނަން ހަނދާނުގައި ބަހައްޓަންވެސް އުދަގޫ ޔުނީކްކަމުން...." ކެނާން ޗޮކްލެޓް ނިއުޅާލުމަށްފަހު މަދީނާއަށް އެތިކޮޅެއް ދިނެވެ.
"އަރަބި ނަމެކޯ އުރޫޖް ބުނީ...އުރޫޖްކިޔަސް އޯކޭވާނެ."އުރުޖުވާންގެ ވާހަކަ ފަށާއިރަށް މަދީނާގެ ތަބީއަތަށް ބަދަލުއައެވެ. ދެލޯ ދިއްލުނެވެ."އުރޫޖް ވަރަށް.........."
މަދީނާގެ ޖުމްލަ މެދުކެނޑުނީ މާޒިމް ލޯ ހަނިކޮށްލިތަން ފެނިފައެވެ.
"މާޒް..މަދީނާ...ކީކޭ؟ ކީކޭ؟ދެމީހުންގެ ސިކްރެޓް ލެންގުއޭޖެއް ނޫނީ ސައިން ލެންގުއޭޖެއް އެބަ ގެންގުޅޭ..."
"އެއީ ސިއްރެއްނޫން. އުރުޖުވާންއަކީ ބޭޑް ނިއުސް...މަދީނާ. އޭނައާއި ވާހަކަ ނުދައްކާތި...އެންމެ ފަހު ފަހަރަށް މިބުނީ..އެކުއްޖާއާއި މި ފެމިލީ އެއްވެސް ގުޅުމެއް ބާއްވަން ދެކޮޅު. އިޒް ދެޓް ކްލިއާ؟"
މަދީނާ ބޯ ޖަހައިލިއިރު ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ. އޭނަ ދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލެއްޕުނީ ތަންކޮޅެއް ބާރަށެވެ.
"މާޒް. ޔޫ ހާޓް ހާރ..ކީއްވެ؟ފްރެންޑަކާއި ރުޅިކުރުވަން ބުނާކަށް ނުވާނެ އަދި ދޮންބެ އެ ގާލްދެކެ ރުޅިއަޔަސް. ޖަސްޓް ބިކޯޒް އެ އަންހެންކުއްޖާ އަދި އެކްސްޓްރީމިސްޓަކަށް ވިޔަސް އެގޮތަށް ވާހަކަ ނުދައްކާށޭ ބުނީމަ ހަމަ ދެރަވާނެ. ފްރެންޑުންގެ ތެރޭގައި ހަމަ އެކިވައްތަރު މީހުން އުޅެދާނެ. އެހެން ބުނާއިރުވެސް ގޯސް މީހުންނާއެކު އުޅުނީމަ ނުބައި މަގުންދާނެކަން އެނގި ވިސްނާދޭންޖެހޭ.މާމަ ބުނާހެން އަހިވަކާއި ޖެހި އަހިވައްފާވާނެޔޯ. އެކަމަކު މީގައި ގުޑް އެކްސްކިއުޒެއް އެބައޮތްތަ؟ އެ ގާލް އަޅުވެރިވުމަކީ ގޯސްކަމެއްތަ؟ ދޮންބެ ވިސްނާލަބަލަ....އަބަދު މަދީނާއަށް އަމުރުކޮށް ކުޑަކުއްޖެއްހެން ނުގެންގުޅެވޭނެއްނު. އަދި އަހަރެމެންގެ ބާރު ކެނޑޭނެ ދުވަސްވެސް އަންނާނެ. އެންޑް އައި ގެސް މީހަކާއި އިންނަންވިޔަސް ދޮންބެ ވަލީވެރިޔާވީމަ ވަލީވެސް ނުދޭނެ...އެކަމަކު......"
"ގޯޑް....ހަމަ މުސްކުޅި ދައިތައެއްހެން އަނގަ ތަޅަނީ.......ހުއްޓާވެސް ނުލާނަންތަ؟ "
"އައިމް އާސްކިން ޔޫ ސަމްތިން މާޒް..."
"ކޯނޗެއްތަ؟"
"މަދީނާ ގާތު އެ ގާލްއާއި ވާހަކަނުދައްކާށޭ ބުނީ ކީއްވެ؟"
"ސަބަބެއް އޮތަސް ނެތަސް ބުނާ އެއްޗެއް ގަބޫލުކުރީމަ އެވީ...."މާޒިމް ލެޕް ހުޅުވާލައިގެން އިށީދެ މަސައްކަތެއްފެށިއެވެ.
"ޔޫ އާ ކްރޭޒީ....މަދީނާ ރޯން އޮންނާނީ. މިދަނީ އެކުއްޖާފުޅު ހުއްޓުވަން.."
"ޑްރެމެޓިކް ކަން މިކުއްޖާގަނޑު.........................."މާޒިމް އަމިއްލަ ނަފުސަށް ބުނެލިއެވެ.
***
އުރުޖުވާންއާއި މަދީނާ އޮފީސް ނިންމާލާފައި ގޮސް ބަހުގެ އިންތިޒާރުގައި ބެންޗުތަކުގައި އިށީދެލައިގެން ތިބީ ދާދި ގާތުގައެވެ. ބޭބެމެން އޭނަ ރައްކާތެރިކުރަން ހަދައިގެން މިނިވަންކަން ގެއްލިފައިވާ ވާހަކަ މަދީނާ ދައްކަމުން ދިޔައީ އެހެން މީހުންނަށް ނީވޭހާ ސިއްރުންނެވެ. މަދީނާގެ ދޮންމޫނަށް އަލި އެޅުމުން އިތުރަށް ވިދާއިރު އުރުޖުވާންގެ އޮމާން ހަންވެސް އޮފްކަމުން ދެކޭ ކޮންމެ މީހެއްގެ ނަޒަރު އަތުލައިގަނެއެވެ.
"ދޮންބެ ބުނި އުރޫޖްއާއި އަނގައިން ބުނެގެން ނުވާނެއޯ...އެހެންވީމަ ދެން ސިއްރުން ބައްދަލުވެވޭނީ........."
އުރުޖުވާންވެސް އިނީ ހާސްވެފައެވެ."އަދިވެސް އޭނަ އަހަރެންދެކެ ރުޅި އަންނަ ސަބަބެއް ނުބުނޭތަ؟"
"އަބަދު ބުނެއެއްނު ހައްދުފަހަނަޅާގޮސްފައިވާ ކުއްޖެކޭ..."
އުރުޖުވާންއަށް ހެވުނެވެ."މާޒިމްއަށް ހާދަ ނޭގެއޭ...ނޫނީ ދެނެގަންނަން ބޭނުންނުވަނީ. އެ އޭޖްގައި ވިސްނަން ވާނީ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެކަމާއި ދީނަށް އުޅުމުގެ މަތިވެރި ނިއުމަތް ހަދާންކޮށް ދީނަށް އުޅެން. ތެދަށް ބުނަންޏާ އަހަންނަކީ މި ހެދުން ލިޔަސް އެންމެ އަޅުވެރި މީހެއްވެސް ނޫން..އެކަމަކު އެންމެންވެސް މަސައްކަތްކުރަންވާނީ ހަމަ ވީހާވެސް ބޮޑަށް ﷲ ރުހިވޮޑިގެންވާގޮތަށް އުޅެން ދޯ..މަދީނާގެ ބޭބެ ތިހެން ބުނީމަ ސިއްރުން ބައްދަލުކުރީމަ އިޚުލާސްތެރި ނުވެވެނީކަމަށް ވެދާނެ...ދޮންބެގެ ހުއްދަ ހޯދާ...އެހެންނޫނަސް މަދީނާ ބުނީމެއްނު މާޒްވިލާއަށް ބަދަލުވާއިރު އެގޭގައި އުޅެވޭނެގޮތް ހަދާދޭނަމޯ....."
"ބިރެއް ނުގަނޭތަ؟"
"މާޒިމް ދެކެ ބިރުގަނޭ އެކަމަކު ފިއާ އިން އަރައިގަންނަން ދަސްކުރަން ޖެހޭ. އެގޭގައި އުޅުނީމަ ބިރުކެނޑިދާނެ...."
"ދޮންބެދެކެ އެއްނޫން. ސިއްރެއް ބުނަންތަ؟" މަދީނާ ވަށައިގެން ހޯދައިލިއެވެ.
"އެހެރީނު ބަލަން...."މަދީނާގެ ލޯ ހުއްޓުނު ދިމާލަށް އުރުޖުވާން ބަލައިލުމާއެކު އޭނަވެސް ބިރުގަންނަގޮތްވިއެވެ.
ނުނިމޭ