03 Dec 2023, 10:41
ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ތިނެއްގައި ޖަރުމަނުވިލާތާއި ޑެންމާކް ބައްދަލުކުރި މެޗު ޖަރުމަނުން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައަށް އަރައިފިއެވެ.
ޖަރުމަނުވިލާތުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-3ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ، ހަމަލާ އުފެއްދީ ވެސް ޖަރުމަނު ޓީމުންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޖަރުމަނުން ލީޑު ނެގީ މެޗުގެ 14ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެލެގްޒެންޑާ ޕޮޕްއެވެ.
އަދި މެޗުގެ 26ވަނަ މިނެޓްގައި ޖަރުމަނަށް މެޗުގެ ލީޑު ފުޅާކޮށްދިނީ މާރީނާ ހެގެރިންއެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކްލާރާ ބާލްއެވެ.
މި މެޗުގައި ޑެންމާކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
މި ކާމިޔާބީއާއެކު ޖަރުމަނުން މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު، ގޯލެއްގެ ތަފާތުން ގްރޫޕްގެ އެއްވަނައިގައެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ޑެންމާކްއަށް މި ނާކާމިޔާބީއާއެކު ވަނީ ފައިދާ ގޯލަށް ބަލާއިރު ދެވަނަ މަގާމަށް ވެއްޓިފައެވެ.