22 May 2012, 18:25
ދައުލަތުގެ ބަޖެޓްގެ ހަރަދުތަކުން 15 ޕަސެންޓް ކުޑަ ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ އެމަޖިލީހުގެ ބައްދަލުވުމުގައި އެ ގޮތަށް ނިންމާފައި ވަނީ ގައުމުގެ އިގުތިސާދި ހާލަތު މިހާރު އޮތް ގޮތުގެ މައްޗަށް ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނީ ދައުލަތުގެ ހަރަދުތައް 15 ޕަސެންޓް ކުޑަކުރުމަށް ނިންމި ނަމަވެސް ދައުލަތުން ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކަށް އެއްވެސް އަސަރެއް ނުފޯރާގޮތަށް އަމާޒު ކޮށްގެން ބަޖެޓްގެ ހަރަދުތައް ކުޑަކުރުމަށް ކުޑަ ކުރުމަށް ވަޒީރުން ނިންމެވި ކަމަށެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުތަކާ ހަވާލާދީ ރައީސް އޮފީހުން ބުނީ މި އަހަރަށް ލަފާކުރި ބަޖެޓްގެ ޑެފިސިޓަކީ ޖީޑީޕީގެ ނިސްބަތުން 9.7 އިންސައްތަ ކަމަށް ވިޔަސް، ނުދެއްކި ހުރި ބިލްތަކާއި ބަޖެޓްގައި ނުހިމެނި ހުރި ފައިސާގެ ސަބަބުން ބަޖެޓްގެ ޑެފިސިޓް 30 ޕަސެންޓާ ގާތްކުރާ ކަމަށެވެ.