03 Dec 2023, 11:04
ފީފާ ވިމެންސް ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށް ސްޕެއިން އަންހެން ޓީމު މެޗަކުން ބަލިވެއްޖެއެވެ.
ސްޕެއިން ބަލިވީ ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ފޯގައި އިޓަލީވިލާތާއި ބައްދަލުކުރި މެޗުންނެވެ. ސްޕެއިންގައި ކުޅުނު މި މެޗު އިޓަލީވިލާތުން ކާމިޔާބުކުރީ ފަހަތުން އަރައި 2-3ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ސްޕެއިނުންނެވެ. މި މެޗުގެ ފެށުން ވެސް ރަނގަޅުކޮށްފައިވަނީ ސްޕެއިނުންނެވެ.
އެގޮތުން މެޗުގެ 12ވަނަ މިނެޓްގައި ސްޕެއިނުންވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެތެނިއާ ޑެލް ކަސްޓީޔޯއެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ނުފެނުނު ނަަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިފައިވެއެވެ. މި މެޗުގައި އިޓަލީވިލާތުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ 46ވަނަ މިނެޓްގައި ވެލެންޓީނާ ޖިއަސިންޓީއެވެ.
މެޗުގެ 57ވަނަ މިނެޓްގައި އިޓަލީވިލާތަށް މެޗުގެ ލީޑު ނަގައިދިނީ މިޝޭލާ ކަމްބިއާގީއެވެ. މި މެޗުގައި އިޓަލީވިލާތުގެ ތިންވަނަ ލަނޑު 64ވަނަ މިނެޓްގައި ޖަހައިދިނީ އެލޭނާ ލިނާރީއެވެ.
ސްޕެއިން އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 76ވަނަ މިނެޓްގައި ޖަހައިދިނީ އެސްތާ ގޮންޒާލޭސްއެވެ. ނަމަވެސް ސްޕެއިންއަށް މި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއް ނުވިއެވެ.
މިއީ ވޯލްޑް ކަޕްގައި ޖަޕާން އަތުން ބަލިވި ފަހުން ސްޕެއިން އެހެން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
މި މެޗުން ބަލިވި ނަމަވެސް ސްޕެއިން އުޅެނީ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އިޓަލީވިލާތުންވަނީ ހަތް ޕޮއިންޓް ހޯދައި ގްރޫޕުގެ ދެވަނައިގައި އުޅޭ ސްވިޑަންއާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފައެވެ.