ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ވަންގައި އިންގްލެންޑް އާއި ނެދަލެންޑްސް ބައްދަލު ކުރި މެޗް އިންގަލެންޑް އިން ކާމިޔާބު ކޮށްފިއެވެ.

އިންގްލެންޑްގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބުކުރީ ފަހަތުން އަރާ ތިން ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ އިންގްލެންޑް އިންނެވެ. ނަމަވެސް މިއާއެކުވެސް މި މެޗްގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކި ތަން ފެނިގެންދިޔައީ ނެދަލެންޑްސްއިންނެވެ.

މިގޮތުން މެޗްގެ 12 ވަނަ މިނެޓްގައި ނެދަލެންޑްސްއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިނެތު ބީރެންސްޓައިންއެވެ. އަދި މެޗްގެ 35 ވަނަ މިނެޓްގައި ބީރެންސްޓާއިން އިން ވަނީ އިތުރު ލަނޑެއް ޖަހާ ނެދަލެންޑްސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗްގައި އިންގްލެންޑް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހައިދިނީ ޖޯޖިއާ ސްޓޭންވޭއެވެ. އަދި އޭގެ ދެމިނެޓްފަހުން ލޯރެން ހެމްޕް ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ އިންގްލެންޑް އިން ހަމަހަމަ ކުރިއެވެ. މި މެޗުން އިންގްލެންޑް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެލާ ޓޫނެއެވެ.

މި ކާމިޔާބީއާއެކު މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއިން އިނގިރޭސިވިލާތުގެ އަންހެން ޓީމަށް ޖާގައެއް ހޯދުމަށް އިންގްލެންޑް އިން ކުރަމުންދާ އުންމީދު މިވަނީ އަނެއްކާވެސް އާކޮށްފައެވެ.

އިނގިރޭސިވިލާތުގެ އަންހެން ޓީމަށް އޮލިމްޕިކް ގޭމްސްއިން ޖާގަ ލިބެން އަންނަނީ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްގެން ނުވަތަ ފަރަންސޭސިވިލާތުގެ އަންހެން ޓީމް ނޭޝަންސް ލީގުގެ ފައިނަލްގައި ކުޅޭނަމަ ތިން ވަނަ މަގާމް ލިބުނަސް ފަރުޖައްސާލެވޭނެއެވެ.

ނަމަވެސް އެކަން ކުރުމަށްޓަކައި ގްރޫޕްގެ އެއްވަނަ ހޯދުން އިންގްލަންޑަށް މަޖުބޫރެވެ. މި ކާމިޔާބީއާއެކު އިންގްލެންޑް މިހާރުވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދާ އެއްވަނައިގައި އުޅޭ ނެދަލެންޑްސް އާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ.

މި ގްރޫޕްގައި ބެލްޖިއަމް އާއި ސްކޮޓްލަންޑް ބައްދަލުކުރި މެޗް ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއާއެކު ބެލްޖިއަމް މިހާރު އުޅެނީ އަށް ޕޮއިންޓާއެކު ތިންވަނައިގައެވެ. އަދި ފަހު މެޗްގައި ނެދަލަންޑްސް ބަލިކޮށް އަދި އިންގްލެންޑްއަށް ސްކޮޓްލަންޑް ކައިރީ ކުރި ނުހޯދިއްޖެނަމަ ގްރޫޕްގެ އެއްވަނަ ބެލްޖިއަމްއަށް ލިބިގެންދާނެއެވެ.